ލާން ގެންގުޅޭ އަންނައުނު ރީތިކޮށް ބެހެެއްޓުމަކީ މީހާގެ ޝަހުސިއްޔަތު ދައްކުވައިދޭ ކަމެކެވެ. އެގޮތުން ކަރަންޓްގެ ފަސޭހަ ލިބިފައި ނުވާ ޒަމާނުގައި އަންނައުނު އިސްތިރިކޮށް ރޫފިލުވުމަށް ދިވެހިންވެސް ވަނީ، އަލިފާން އަޅައިގެން އަންނައުނު ރޫފިލުވަން ލޮއެ ނުވަތަ ދަގަނޑު އިސްތިރި ބޭނުންކޮށްފައެވެ. ނަމަވެސް މިއަދުގެ ޖީލުގެ ޅަކުދީންނަށް އަލިފާން އިސްތިރި އެއީ ކޮންއެއްޗެއްކަންވެސް ނޭނގޭހާ އެ ވަނީ ތަދުވެފައެވެ.

1900ގެ ކުރީކޮޅުން ފެށިގެންވެސް ދިވެހިން ބޭނުން ކުރަމުން އައީ، މިފަދަ އިސްތިރި ކަމުގައިވާއިރު، މީގެ ބޭނުން ހިފުމަށް ކުރަންޖެހޭ މަސައްކަތްވެސް އެހާމެ ބޮޑެވެ. ނަމަވެސް ކުރިން ގެންގުޅު މިފަދަ އިސްތިރިތައް މިހާރު ހުރީ، ގިނަ ގޭގޭގެ ގުދަންތަކަށް ލައި ފޮރުވާފައެވެ. މި ރިޕޯޓް ތައްޔާރުކުރުމަށް އަލިފާން އިސްތިރިއެއް ހޯދަންވެސް އަޅުގަނޑަށް ކުރަންޖެހުނު މަސައްކަތުންވެސް އަލިފާން އަޅާ އިސްތިރިއަކީ މިއަދު ތަދު ނުވަތަ މަދު އެއްޗެއްކަން ވަރަށް ބޮޑަށް ފާހަވިއެވެ.