ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާންގެ ހަށިކޮޅުގައި ކުޅުން އަރާ އެއްވެސް ކަހަލަ ބައްޔެއްގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ނިހާން ހެއްދެވި ޓެސްޓްތަކުން ދައްކައިފި އެވެ.
ނިހާން އޭޑީކޭ ހޮސްޕިޓަލް އިން ހެއްދެވި ޓެސްޓްގެ ނަތީޖާ މިއަދު އޭނާ ވަނީ އޭޑީކޭގައި ހުންނަވައިގެން ނޫސްވެރިންނަށް ދައްކާލާފަ އެވެ.
ނިހާން ކުޅުގެ ޓެސްޓެއް ހަދާފައި މިވަނީ އޭނާއަށް ޓީބީ ޖެހިފައިވާ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތުހުމަތުކުރެއްވުމާ ގުޅިގެންނެވެ.
ޮރޮޒައިނާ މިފަދަ ތުހުމަތެއް ކުރެއްވީ މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރޮޒައިނާ މޫނަށް ނިހާން ކުޅުޖެއްސެވުމުންނެވެ. އެދުވަހު ރޮޒައިނާ ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން ނިހާންގެ މެޑިކަލް ރިޕޯޓެއް ހޯއްދަވާނެ ކަމަށެވެ.
ނިހާން ވިދާޅުވީ ޓެސްޓް ހެއްދެވީ އޭނާގެ ސަބަބުން މަޖިލީހުގެ އެހެން މެންބަރުންނަށް ނުރައްކާ އޮތް ކަމަށް ރޮޒައިނާ ވިދާޅުވުމުން އެފަދަ ކަމެއް ނެތް ކަން ސާބިތުކުރުމަށް ކަމަށެެވެ. އަދި ޓެސްޓް ހަދަން ވަޑައިގަތުމުގެ ކުރިން އޭޑީކޭއަށް ވަޑައިގަތުމަށް ރޮޒައިނާއަށް ދައުވަތު ދެއްވި ކަމަށްވެސް ނިހާން ވިދާޅުވި އެެވެ. ނަމަވެސް ރޮޒައިނާ ވަޑައިގެންފައެއް ނުވެ އެވެ.
"އަޅުގަނޑު މި ޓެސްޓްގެ ނަތީޖާ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެސް ފޮނުވާނަން،" ނިހާން ވިދާޅުވި އެވެ.
ނިހާނަށް މީގެ ކުރިން ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެއްވާފަ އެވެ. އަދި އެތަނުގައި ދުވަސްކޮޅަކު ބޭއްވުމަށްފަހު އިންޑިއާގައި ނިހާނަށް އިތުރު ފަރުވާވެސް ދީފައިވެ އެވެ.