ހުޅުލެއާއި މާލެއާއި ދެމެދު ބްރިޖު އެޅުމުގެ މަސައްކަތް ފެށިފައިވާތީ ހެންވޭރު ރާޅުގަނޑުގެ ބައެއް ސަރަހައްދުތަކުގައި ފެންސް ޖަހައި ބައެއް ސަރަހައްދުތަކަށް ވަނުން މަނާކޮށްފި އެވެ.
މިއަދު ފެންސް ޖަހަން ފަށާފައިވަނީ ބޮޑުތަކުރުފާނު މަގު، ޓަސްކަލޫސާއާ ދިމާލުގަ އެވެ. އަދި އެސަރަހައްދަށް ވަނުން މަނާ ކަމަށްވެސް ބުނެފައިވެ އެވެ.
މިސަރަހައްދުގައި ބޮޑެތި ފެންސްތަކެއް ޖަހަމުންދާތީ ރާޅާއަޅައި ބައެއް ފަރާތްތަކުން މިއަދު ވަނީ އެކަމާ ދެކޮޅަށް މުޒާހަރާވެސް ކޮށްފަ އެވެ.
ބްރިޖު އެޅުމަށްޓަކައި ބައެއް މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާއިރު ބްރިޖަށް ބޭނުންވާ ބައެއް ސާމާނު ހިފައިގެން އައި ބޯޓުގައި ރާއްޖެ ގެނެސްފައިވާ 100 މީޓަރުގެ ދެ ބާޖާއި ޓަގަކާއި ދެ ފްލޯޓިން ކެރޭން މިހާރު ވަނީ މޫދަށް ބާލާފަ އެވެ.
ބްރިޖުގެ މަސައްކަތަށް ޗައިނާ އިން ގިނަ އަދަދެއްގެ ބަޔަކު މާލެ އައުމަށް ހަމަޖެހިފައިވާތީ ރާޅުގަނޑު ސަރަހައްދާއި އުސްފަސްގަނޑު ސަރަހައްދުގައި އެމީހުންނަށް ހާއްސަކޮށްގެން ގެތަކެއް މިހާރު ދަނީ ހަދަމުންނެވެ. އަދި ބްރިޖުގެ މަސައްކަތަށް ހާއްސަކޮށްގެން އެ ސަރަހައްދުގައި މިހާރު ދަނީ ހާއްސަ އޮފީހެއް ވެސް ހަދަމުންނެވެ.
ބްރިޖު އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާތީ ރާޅުގަނޑު ސަރަހައްދުގެ އެއްގަމާއި ކަނޑުގެ ބޮޑު ބައެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ބްރިޖުގެ އަމަލީ މަސައްކަތް ފެށުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އިފްތިތާހުކޮށްދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ބްރިޖުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އެރޭ ސޮއި ކުރައްވާފައިވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ބްރިޖުގެ މަސައްކަތް ކުރާ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ރައީސް ޗެން ގޮންގް އެވެ.