ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ މޫނަށް ކުޅުޖެއްސެވި މައްސަލަ އެޗްއާރްސީއެމް އަށް ހުށަހަޅައިފި އެވެ.

މި މައްސަލައި ބަލައިދިނުމަށް އެދި އެޗްއާރުސީއެމް އަށް ހުށަހަޅާފައިވަނީ، ރޮޒައިނާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ފަރާތުންނެވެ.

އެޗްއާރްސީއެމްގެ ރައީސާ އާމިނަތު އީނާސް އަށް އެޑްރެސް ކުރައްވައި އެމްޑީޕީން މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ މޫނަށް ނިހާންގެ އަނގަތެރެއަށް ފެންއަޅާފައި ބުރުވާލައި، ނަފުސަށް ހަމަލާދީފައިވާ ކަމަށެވެ.

އެހެންކަމުން އަހްމަދު ނިހާން ހިންގާފައިވާ ދަށުދަރަޖައިގެ އެ އަމަލު، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި ދެއްވުމަށް އެދޭ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރު ނިހާން ހިންގެވި އެ އަމަލު ގިނަ ބަޔަކު ގެންދަނީ ކުށްވެރިކުރަމުންނެވެ.