އިންޑިއާ މީހަކު އޭނާގެ އާއިލާގެ 14 މެމްބަރުންގެ ކަރު ބުރިކޮށް މަރާލައިފިއެވެ. މަރާލި 14 މީހުންގެ ތެރޭގައި ހަ ކުޑަކުދިންވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ މުމްބާއީގެ އުތުރުގެ އަވަށެއް ކަމަށްވާ ތާންގައި މި ގަތުލުއާންމު ހިންގާފައިވަނީ، އާއިލީ ހަފްލާއަކަށް އެ އާއިލާގެ އެންމެން މައިފުނަ ގެއަށް ރޭ އެއްވެފައި ތިއްބާ ކަމަށް ފުލުހުން ބުނެއެވެ.

އާއިލާގެ 14 މެމްބަރުންގެ ކަރު ބުރިކޮށް މަރާލާފައިވަނީ، އެއާއިލާގެ މެމްބަރެއް ކަމަށްވާ އުމުރުން 35 އަހަރުގެ ހަސްނީން އަންވަރު ވަރީކާރް ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ބުނެއެވެ. މަރާލި މީހުންގެ ތެރޭގައި އޭނާގެ މައިންބަފައިންވެސް ހިމެނެއެވެ. އާއިލާގެ މެމްބަރުންގެ ކަރު ބުރިކުރުމަށް އޭނާ ބޭނުންކޮށްފައިވަނީ ގެރިމަސްކޮށާ ބޮޑު ވަޅިއެއް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އާއިލާގެ މެމްބަރުން މަރާލުމަށްފަހު އޭނާވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. އާއިލާގެ މެމްބަރުން މަރާލުމަށް ބޭނުންކުރި ވަޅިވެސް ހަސްނީން އަންވަރު ކައިރީގައި އޮތްކަމަށް ފުލުހުން ބުނެއެވެ.

ހަސްނީން އަންވަރު ވަރީކާރް މިޖަރީމާ ހިންގާފައިވަނީ ގޭގެ ހުރިހާ ދޮރިތަކެއް އެތެރެއިން ތަޅުލުމަށްފަހުގައެވެ.

މިހާދިސާ ހިނގައިގެން އުޅޭކަން އަވަށްޓެރިންނަށް އެނގުނީ، އެހީއަށް އެދި އެގޭގެ ތެރެއިން ރޭގަނޑުގެ ދަންވަރު އަންހެނަކު ހަޅޭލަވާ އަޑު އިވިގެންނެވެ.

އަވަށްޓެރިން ގޭގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން އެތެރެއަށްވަދެ، ޒަޚަމް ކޮށްލާފައި އޮތް އެ އަންހެންމީހާ ނެރެ މިހާރު އޭނާއަށް ދަނީ ހޮސްޕިޓަލުގައި ވަރުވާ ދެމުންނެވެ.

ހަސްނީން އަންވަރު ވަރީކާރްގެ ހަމަލާތަކުން މަރުނުވެ ސަލާމަތްވި އަންހެން މީހާއަކީ ހަސްނީންއާ އެއްބަނޑު އެއްބަފާ، އުމުރުން 21 އަހަރުގެ ކޮއްކޮއެވެ. އޭނާގެ ހާލަތު ހުރިގޮތުން، މިހާދިސާއާ ބެހޭގޮތުން ފުލުހުންނަށް އޭނާއާ އަދި ވާހަކަ ދެއްކޭގޮތެއް ނުވެއެވެ.

މިހާދިސާއާ ގުޅިގެން އިންޑިއާގެ މީޑިއާގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުން އެބަދެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން، ހަސްނީން އަންވަރު ވަރީކާރް އޭނާގެ އާއިލާ މަރާލީ، ކާތަކެތީގެ ތެރެއަށް މަސްތުވާ ޒާތެއްގެ އެއްޗެއް އަޅައިގެން އެންމެން ހޭވެރިކަން ނެތުމުންނެވެ. އަނެއް ރިޕޯޓްތައް ބުނާގޮތުން އޭނާ އެކަންކުރީ، ކެއުމުގެ ކަންތަކަށްފަހު އެންމެން ނިދާފައި ތިއްބައެވެ.

ތާންގެ ފުލުހުންގެ ޖޮއިންޓް ކަމިޝަނަރ އަޝުތޮޝް ޑަމްބުރޭ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުންނާއި ފެންނާންހުރި ހެކިތަކުން، ހަސްނީން އަންވަރު ވަރީކާރް އެކަން ކޮށްފައިވަނީ އާއިލާގެ ހުރިހާ މެމްބަރުން ނިދަން ތިއްބާކަމަށް ބެލެވޭ ކަމަށެވެ.

ތާންގެ ފުލުހުންގެ ތަރުޖަމާނު ގަޖަނަން ލަކްސްމަން ކަބްދޫލް ބުނީ، އެ އާއިލާގެ ހުރިހާ މެމްބަރުންގެ ކަރުބުރުކޮށް މަރާލާފައިވަނީ މަސްތުކޮށްގެން ކަމަށް ބުނަން އަދި ނޭނގޭ ކަމަށެވެ. އެކަން އެނގޭނީ މެޑިކަލް ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ކަމަށްވެސް އޭނާ ބުންޏެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ބުނެފައިވަނީ، މިޖަރީމާ ހިންގާފައިވަނީ ތަރިކަ މުދަލުގެ މައްސަލާގައި ކަމަށެވެ. ނަމަވެސް ފުލުހުންގެ ތަރުޖަމާނު ބުނީ، އެފަދަ ކަމެއް އުޅޭކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭން ނެތް ކަމަށެވެ.

އާއިލާގެ ހުރިހާ މެމްބަރުން އަނިޔާވެރި ގޮތެއްގައި މަރާލި ހަސްނީން އަންވަރު ވަރީކާރް އަކީ މުމްބާއީގެ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި، އާއިލާގެ ތެރޭގައި މާލީ މައްސަލަތަކެއް އަދި ޚިޔާލު ތަފާވުންތަކެއްވެސް އުޅޭކަން އެނގިފައި ނުވާކަމަށް ފުލުހުން ބުނެއެވެ

އެންމެންވެސް މިހާރު އިންތިޒާރު ކުރަމުންދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އަންހެންމީހާއަށް ހޭވެރިކަން ލިބި، އޭނާގެ ފަރާތުން ލިބޭނެ ބަހަކަށެވެ.