ސިޔާސީ މަސްރަހު ހަލަބޮލިވެ، ގައުމުގައި ހަމަނުޖެހުންތައް ބޮޑުވުމުން މަޝްވަރާގެ މޭޒަށް ދިއުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ފަހުގެ ތާރީޚަށް ބަލާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ގައުމުގެ ކަންކަން ހަމަޔަކަށް އެޅުވުމަށް ރައީސް ޑރ. ވަހީދު އެކުލަވާލެއްވި މަގުޗާޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފެށި މަޝްވަރާތަކާއި، ވެރިކަން ބަދަލުވި ގޮތާއި މެދު ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ނެރުނު ރިޕޯޓާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ޕާޓީތަކުގެ މެދުގައި ކުރިއަށްގެން ގެންދިޔަ މަޝްވަރާތައް ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލީ ސަރުކާރަށް ދޮޅުއަހަރު ނުވަނީސް، ގައުމުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ، ގާނޫނުއަސާސީގެ ދިފާއުގައި އިދިކޮޅު ފަރާތްތައް ގުޅިގެން 2015 ވަނަ އަހަރުގެ މޭޑޭގައި ބޮޑު މުޒާހަރާއަށް ނުކުމެ ގޮވާލި ގޮވާލުންތަކަށް ފަހުއެވެ. އެގޮތުން އޭރު އިދިކޮޅުގައި އޮތް އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ އިތުރަށް ސަރުކާރު ހިންގާ ޕީޕީއެމަށް މަޝްވަރާގެ ދައުވަތު ފޮނުވައި، ބައެއް ޕާޓީތަކާއެކު ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރިއަށް ގެންދެވުނެވެ.
ވަކިވަކިން ކުރިއަށް ގެންދަން ނިންމި މަޝްވަރާތަކުގައި އަދާލަތު ޕާޓީން ބައިވެރިވާނީ އެޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ކަމަށް ނިންމުމުން އެޕާޓީއާއެކު އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރެވެއެވެ. އޭރު އިމްރާން ހުންނެވީ މޭޑޭގެ މުޒާހަރާއާ ގުޅިގެން ބަންދުކޮށްފައެވެ. ޖުމްހޫރީ ޕާޓީއާއެކު ދެ ބައްދަލުވުމެއް ބޭއްވުނެވެ. އެމްޑީޕީން ކުރިމަތިކުރި ޝަރުތުތަކާ ގުޅިގެން މަޝްވަރާ ނުފެށި އޮތުމަށް ފަހު ފަހުން އެޕާޓީއާއެކު ވެސް މަޝްވަރާ ފެށުނެވެ. އެގޮތުން ބޭއްވުނީ ޖުމްލަ ތިން ބައްދަލުވުމެވެ. އޭގެ ފަހުން މަޝްވަރާ ހުއްޓުނީ ސަރުކާރުން އެއްބަސްވި ކަންކަމަށް އަމަލީ ސިފަ ނައުމުންނެވެ. އެންމެ ބޮޑު މައްސަލައަކަށް ވީ ކުރީގެ ރައީސް ނަޝީދާއި އެހެނިހެން ސިޔާސީ ލީޑަރުންނާއި އެމްޑީޕީން ބުނާ ސިޔާސީ ހައްޔަރީން މިނިވަން ނުކުރުމެވެ.
އެމްޑީޕީން ހުށަހެޅި ކަންކަން ނުވި ނަމަވެސް މަޝްވަރާ ކުރިއަށް ދިޔަ ދުވަސްކޮޅުގެ ތެރޭގައި ސަރުކާރުން ބޭނުންވި ބޮޑެތި ކަންކަން އޮތީ ކުރެވިފައެވެ. އެގޮތުން ބިދޭސީންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި، ރައީސުލްޖުމްހޫރިއްޔާއާއި ނާއިބުރައީސްގެ އުމުރު ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި، ނާއިބުރައީސްގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިކޮށް އެމަގާމަށް މިހާރު ޖަލުގައި ހުންނެވި އަހުމަދު އަދީބު ގެނައީ އެމްޑީޕީގެ ވެސް ވޯޓާއެކު ގައެވެ.
އެހިސާބުން ވާހަކަތަކުގައި މަރުތަޅު އެޅިފައި އޮތުމަށްފަހު ސަރުކާރުން މިވަނީ އަލުން މަޝްވަރާ ފެށުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ. ސަރުކާރާއެކު މަޝްވަރާ ކުރުމަށް ޕީޕީއެމް، އެމްޑީއޭ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ޑީއާރުޕީއަށް ވަނީ ދައުވަތު ފޮނުވާފައެވެ. މަޝްވަރާތަކުގައި ބައިވެރިވުމަށް ކޮމަންވެލްތާއި ޔޫރަޕިއަން ޔޫނިއަން ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ވެސް ވަނީ ދައުވަތު ދީފައެވެ.
ޕާޓީތަކުން ބައިވެރިވާނެ ބޭފުޅުންނާއި މަޝްވަރާކުރަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ވަނީ އަންގާފައެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްޑީޕީން ބުނަމުންދަނީ މަޝްވަރާ ކުރެވޭނީ ސިޔާސީ ލީޑަރުން މިނިވަންކުރުމުން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް އަންނަނީ ގޮވާލަމުންނެވެ. 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު މިވަގުތު ހުންނެވީ ބޭސްފަރުވާއަށް ފޮނުވުމުން އިނގިރޭސިވިލާތުގައެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ ޕާޓީތަކަށް މަޝްވަރާއަށް ދައުވަތު ފޮނުވި ދުވަހާ ޖެހިގެން އައި ދުވަހުގެ ރެއެވެ. ސިޔާސީ ލީޑަރުން ދޫކޮށްލުމުން ނޫނީ މަޝްވަރާއަށް ނުދެވޭނެ ކަމަށް އަދާލަތު ޕާޓީން ވެސް ބުނެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މަޝްވަރާއަށް ދާންވީ ކުށްވެރިން ދޫކޮށްލައި އެމީހުންގެ ހައްގުތައް ހޯދައިދޭން ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަޝްވަރާ ކުރަންވީ ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ މެދު ކަމަށެވެ.
މަޝްވަރާތަކުގައި ސަރުކާރު ތަމްސީލުކުރައްވާނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާއި، ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާއި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. ޕާޓީތަކުން މިހާތަނަށް މަންދޫބުން ކަނޑައަޅާފައިވަނީ ޕީޕީއެމާއި، އެމްޑީއޭއާއި، ޑީއާރުޕީން އެކަންޏެވެ. ޕީޕީއެމުން ކަނޑައަޅާފައިވަނީ އެޕާޓީގެ ނާއިބުރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ޕާލަމަންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. ޑީއާރުޕީން ކަނޑައަޅާފައިވަނީ ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އާއި، ކައުންސިލް މެމްބަރު ޑރ. ހާމިދު ރަޝީދެވެ. އެމްޑީއޭއިން ކަނޑައަޅާފައިވަނީ އެޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި، ދެ ނާއިބު ލީޑަރުން ކަމުގައިވާ އަހުމަދު އާމިރާއި، އަލީ މައުރޫފެވެ. ޖުމްހޫރީ ޕާޓީން ބުނަނީ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށާއި ވަރަށް އަވަހަށް މަންދޫބުން ކަނޑައަޅާނެ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ މާޗު މަހުގެ ދެވަނަ ދުވަހު މަޝްވަރާ ފެށުމަށް ނިންމާފައިވާކަން ވެސް އިއުލާންކޮށްފައެވެ. އަދި އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީން ވެސް މަޝްވަރާތަކުގައި ބައިވެރިވުމަށް ނިންމައި ލިޔުމުން އެކަން އަންގާފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. ނަމަވެސް އެދެ ޕާޓީން ބުނެފައިވަނީ މަޝްވަރާތަކުގައި ބައިވެރިވާން ނުނިންމާ ކަމަށާއި އެފަދަ އެއްވެސް ލިޔެކިޔުމެއް ވެސް ހުށަހަޅާފައި ނުވާނެ ކަމަށެވެ. ދެޕާޓީން އަދިވެސް ތިބީ ސިޔާސީ ލީޑަރުން ދޫކޮށްގެން ނޫނީ މަޝްވަރާއަށް ނުދާން ނިންމި ނިންމުމުގެ މަތީގައި ކަމަށް އެޕާޓީތަކުން ބުނެއެވެ. ނަމަވެސް ސަރުކާރުން ބުނަނީ މަޝްވަރާ ފެށުމުގެ ކުރިން ޝަރުތުތަކެއް ކުރިމަތިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއީ ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަން އިއުލާން ކުރުމުން މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތެވެ. މަޝްވަރާއަށް ދާން ސަރުކާރުން ނިންމީ ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށާއި ގައުމުގެ ކުރިއެރުމަށް ހުރިހާ ފަރާތްތަކެއް ބައިވެރިވެގެން މަޝްވަރާ ކުރުމަށް ބޭރުގެ ފަރާތްތަކުން ގޮވާލަމުން އަންނަނިކޮށެވެ. ސީމެގުގެ އެޖެންޑާގައި ރާއްޖެ ނުހިމެނި ނަމަވެސް އިސްލާހު ކުރަން ސަރުކާރަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ވެސް ސަރުކާރުން އިސްނަގައިގެން މަޝްވަރާތައް ފެށުން ހިމެނެއެވެ. ނަމަވެސް ސަރުކާރާއި އިދިކޮޅު ޕާޓީތަކުގެ ވާހަކަ ހުރި ގޮތުން މަޝްވަރާއަށް އަމަލީ ސިފައެއް އަތުވެދާނެތޯ މިއީ ސުވާލެކެވެ.