މުލިއާގެ ކައިރީގައި ބޮމެއް ބޭއްވި މައްސަލާގައި ތުހުމަތުކުރާ ހަތަރު މީހެއްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމައިފިއެވެ.
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ ޝަރީއަތް މާދަމާ ކުރިއަށް ފަށާއިރު މި ހަތަރުމީހުންވެސް ޖަލު ބަންދުގައި ބޭއްތިބުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރެއްނެރެފައެވެ.
މުލިއާގެ ކައިރީގައި ބޮމެއް ބޭއްވި މައްސަލާގައި ދައުވާކުރަނީ ހއ.ހޯރަފުށި އާރޯ އަހުމަދު މަމްދޫހު އާއި ތ.ތިމަަރަފުށި ވިލާ ޒިހާން އަހުމަދާއި، މާފަންނު ހީރޯ މުހައްމަދު އުބައިދު އިބްރާހިމްގެ އިތުރަށް ހެންވޭރު މިޓާޒް ތަލްއަތު މުހައްމަދުގެ މައްޗަށެވެ.
މިހަތަރު މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިޒަމް އަމަލެއް ހިންގުމުގެ ކުށުގު ދައުވާއެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.
މުލިއާގޭ ކައިރީގައި ބޮން ބޭއްވި މައްސަލާގައި ދައުވާކުރާ ހަތަރު މީހުންގެ މައުލޫމާތު އަދި އާންމުކޮށްފައެއް ނުވެއެވެ.
މިހަތަރު މީހުންގެ މައްސަލަ ތަހުގީގުކުރުމަށްފަހު މި މީހުންގެ މައްޗަށް ދައުވާކުރަން ފުލުހުންގެ އިދާރާއިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
މުލިއާގެ ކައިރީގައި ބޮމެއް ބޭއްވި މައްސަލާގައި ތުހުމަތުކުރާ މީހުންގެ ތަހުގީގު ނިންމުމަށްފަހު 14 ދުވަހުގެ ތެރޭގައި އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މީގެ ކުރިން ފުލުހުންނަށް އަންގަވާފައިވެ އެވެ. ނަމަވެސް މި މައްސަލަ ފުލުހުންގެ އިދާރާއިން ޕީޖީއަށް ފޮނުވީ އެ މުއްދަތުގެ ފަހުންނެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު މުލިއާގެ ކައިރީގައި އޮތް ޕިކަޕެއްގެ ޓޭންކު ކައިރީގައި ބޮމެއް ބޭއްވި މައްސަލާގައި އެކި ދުވަސްމަތިން ފުލުހުން ހައްޔަރުކުރީ ވެސް ހަތަރު މީހެކެވެ.
އެމްއެންޑީއެފްގެ އިންޓެލިޖެންސަށް ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހަވީރު ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި މުލިއާގެ ކައިރީގައި އޮތް ޕިކަޕުގެ ބެޓަރީ ކޮމްޕާޓްމަންޓް މަތީގައި ބާއްވާފައި އޮތް ބޮން ހޯދައި، އެރޭ އެ ބޮން މާފަންނު ސްޓޭޑިއަމަށް ގެންގޮސް އެތަނުގައި ވަނީ އެ ބޮން ނުގޮވާ ގޮތް ހަދާފަ އެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ބޮން ތައްޔާރުކޮށްފައި އޮތީ ދުރުގައި ތިބެގެން ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލާ ގޮތަށް ކަމަށެވެ.