ޔޫއޭއީގެ ހާރިޖީ ވަޒީރު ޝެއިހް އަބްދުﷲ ބިން ޒައިދް އަލް ނަހްޔާންއާ، ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބައްދަލުކުރައްވައިފިއެވެ.
ޔޫއޭއީގެ ހާރިޖީ ވަޒީރާއެކީ ބޭއްވި ބައްދަލުވުމުގައި، ދުންޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ޔޫއޭއީގެ ރައީސް ޙަލީފާ ބިން ޒައިދް އަލް ނަހްޔާންއަށް، އަރުވާ ސިޓީފުޅެއް ޔޫއޭއީގެ ހާރިޖީ ވަޒީރާ ހަވާލުކޮށްފައެވެ.
މީގެ އިތުރަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފައެވެ.
މިނިސްޓަރު ދުންޔާ ދިވެހިންނާ ބައްދަލުކުރައްވާފައި ވަނީ ދިވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީން ބުނީ ޔޫއޭއީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނާ ފޮރިން މިނިސްޓަރު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ދުންޔާ ޔޫއޭއީއަށް ވަޑައިގަތީ އިއްޔެގައެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓަރު ދުންޔާގެ މިދަތުރުފުޅުގައި ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދުއާއި، ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގް ވެސް ބައިވެރިވެވަޑައިގަންނަައެވެ.