ޕެނަލްޓީ ޖަހައިގެން 3-1 ލަނޑުން ލިވަޕޫލް ބަލިކޮށް އިނގިރޭސި ލީގު ކަޕުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއިން ރޭ ހޯދައިފި އެވެ.

މިއީ މިމުބާރާތުގެ ޗެމްޕިއަންކަން ސިޓީއިން ހޯދި ހަތަރު ވަނަ ފަހަރެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުމުގައި ލީޑު ނެގީ ސިޓީންނެވެ. އެ ޓީމަށް އެލަނޑު މެޗުްގެ 49 ވަނަ މިނެޓުގައިކާމިޔާބު ފެނާންޑީނިއޯ އެވެ. އަދި ލިވަޕޫލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 83 ވަނަ މިނެޓުގައި ކުޓީނިއޯ އެވެ.

ދެ ޓީމުގެ ފަރާޓުން ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ލަނޑުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެެވެ. އެގޮތުން ޕެނަލްޓީ ސޫޓްއައުޓްގައި ލިވަޕޫލުގެ ފުރަތަމަ ޕެނަލްޓީ އެމްރޭ ކޭން ވަނީ ކާމިޔާބުކޮށްފަ އެވެ. ޖެހިޖެހިގެން އައި ޕެނަލްޓީ ސިޓީގެ ފެނާންޑީނިއޯ ޖެހުމުން އަމާޒުވީ ދަނޑި އަށެވެ.

އޭގެ ފަހުން ލިވަޕޫލުން ޖެހި ތިން ޕެނަލްޓީ ވެސް ކަބަލެރޯ ވަނީ މަތަކޮށްފަ އެވެ. އެއީ ލޫކަސް ލެއިވާ އާއި ފިލިއްޕޭ ކުޓީނިއޯ އަދި އެޑަމް ލަލާނާގެ ޕެނަލްޓީތަކެވެ. ސިޓީގެ އަނެއް ތިން ޕެނަލްޓީ ހެސަސް ނާވަސް އާއި ސާޖިއޯ އަގުއޭރޯ އަދި ޔާޔާ ޓޫރޭ ކާމިޔާބުކޮށް އެ ޓީމަށް ތަށި ހޯދައިދިނެވެ.