އުރީދޫ އިން މިއަދު ރާއްޖޭއަށް މުޅިން އައު ޚިދުމަތެއް ކަމަށްވާ މޮބައިލް މަނީ ތައާރަފްކޮށް، ޕައިލޮޓް ސްޓޭޖްފަށައިފި އެވެ.

އުރީދޫއިން ބުނީ، މޮބައިލް މަނީގެ ހިދުމަތާއި އެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއި، ރައްކާތެރިކަމާއި އެކު ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މޮބައިލް މަނީގެ ޕައިލޮޓް ސްޓޭޖްގައި މި އުފެއްދުންތެރި ހިދުމަތް ލިބިގެންދާނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށާއި މިފެށިގެންދިޔަ ޕައިލޮޓް ސްޓޭޖް ނިމުމާއި އެކު، ކައިރި މުސްތަޤްބަލެއްގައި ރާއްޖޭގެ ކޮންމެ ނެޓްވަރކެއް ބޭނުންކުރައްވާ ބޭފުޅަކަށްވެސްމި ޚިދުމަތް ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އާއި އެކު އުރީދޫއިން ގާއިމްކުރި ޕާޓްނާޝިޕްގެ ދަށުން، އުރީދޫ މޮބައިލް މަނީ ޚިދުމަތަކީ އެންމެ އިތުބާރުކުރެވޭ އަދި ރައްކާތެރި ޚިދުމަތެއްގެ ގޮތުގައި ތަޢާރަފްކުރުމަށްޓަކައި، ރާއްޖޭގެ ގާނޫނާއި ގަވާއިދު ލާޒިމް ކުރާ ހުރިހާ ޝަރުތުތަކެއް އުރީދޫއިން ވަނީ ފުރިހަމަކޮށްފައެވެ.

އުރީދޫ މޮބައިލް މަނީ ޚިދުމަތުގައި ހިމެނޭ ވަރޗުއަލް ވޮލެޓް އެއް ކަމަށް ވާ "އެމް ވޮލެޓް" މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯންގެ ޔޫއެސްއެސްޑީ ނުވަތަ މިޚިދުމަތަށް ޚާއްސަ މޮބައިލް އެޕް ބޭނުންކުރައްވައިގެން ފައިސާ ޖަމާކުރައްވާ، ފައިސާ ނަންގަވާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގާތް ތިމާގެ ބޭފުޅުންނަށް ފައިސާ ފޮނުއްވާ، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާރޖް ކުރައްވާ، އުރީދޫ ޕޯސްޓްޕެއިޑް ބިލް ދެއްކޭނެ ކަމަށް ވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން ބުނީ، މޮބައިލް މަނީ ބޭނުންކުރައްވާ އުރީދޫ ކަސްޓަމަރުންނަށް، މޮބައިލް ފޯންގެ ޔޫއެސްއެސްޑީ ފަންކްޝަން އަދި އުރީދޫ މޮބައިލް މަނީގެ ޚިދުމަތަށް ހާއްސަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެއްވޭނެ ކަމަށެވެ. އަދި ރާއްޖޭގައި އުރީދޫ ފިޔަވާ އެހެން ނެޓްވަރކެއް ބޭނުންކުރައްވާ ބޭފުޅުންނަށްވެސް މި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އުރީދޫ މޮބައިލް މަނީގެ ޚިދުމަތް ހޯއްދެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

މީގެއިތުރުން އުރީދޫއިން ބުނީ، މޮބައިލް މަނީ ގަބޫލުކުރާ ވިޔަފާރިތަކަށްފަސޭހަކަމާއި ރައްކާތެރިކަމާއި އެކު ފައިސާ ދެއްކެވޭނެ ކަމަށާއި މޮބައިލް މަނީ ޕައިލޮޓް ސްޓޭޖްގައި ބައިވެރިވެފައިވާ ޕަރޓްނަރުންގެ ތެރޭގައި އައިބޭ، ފެމިލީ ރޫމް ކެފޭ، ރިވަރސައިޑް ކެފޭ އަދި ވެސްޓޯ ހިމެނޭ އިރު، ޕައިލޮޓް ސްޓޭޖް ނިމި، މޮބައިލް މަނީ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލާއިރު، ރާއްޖޭގެ ކޮންމެ ހިސާބެއްގައިވާ ވިޔަފާރި އަކަށްވެސް މޮބައިލް މަނީ މަރޗަންޓުންނަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، ދިވެހިރާއްޖޭގައި މުޅިން އަލަށް މޮބައިލް މަނީ ޚިދުމަތް ތައާރަފްކޮށް، އެޚިދުމަތުގެ އަޖުމަ ބަލާލުމުގެ ޓްރަޔަލްތައް ފެށުމަކީ އެކުންފުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މާކެޓްތަކުގައި މަހެއްގެ މަތިން މިލިޔަނަކަށް ވުރެ ގިނަ މޮބައިލް މަނީގެ މުއާމަލާތްތައް ކުރެވޭ އިރު، މޮބައިލް މަނީ މެދުވެރިކޮށް އެ މަރކެޓްތަކުގައި ފާހަގަކުރެނިވި އިޤްތިސާދީ އަދި އިޖްތިމާއީ ފައިދާތައް ވަނީ ފެނިފައި ކަމަށް ވެސް އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

" ގަތަރު، އިންޑޮނޭޝިއާ އަދި ޓިއުނީޝިއާ ފަދަ ގައުމުތަކުގައި މޮބައިލް މަނީ ޚިދުމަތްތަކަށް މަޤުބޫލުކަން ލިބިފައިވަނީ، އާދައިގެ ބޭންކްތަކުގެއިތުރުން ހެޔޮއަގުގައި، ފަސޭހައިން ބޭނުންކުރެވޭ އަދި ރައްކާތެރިކަމާއި އެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ ޚިދުމަތްތަކަށް ކަސްޓަމަރުން ބޭނުންވެފައި ވުމާއިއެކު. ހަމައެހެންމެ ކަސްޓަމަރުންގެ ފަރާތުން މޮބައިލް މަނީގެ ޚިދުމަތްތަކަށް ލިބިފައިވާ ތަރުޙީބުން ދޭހަވެގެންދަނީ މުވާސަލާތީ ކުންފުނިތަކުން ރައްޔިތުން ބާރުވެރިކުރުމުގައި ކުޅެވޭނެ އައު އަދި މުޙިއްމު ރޯލެއް ގާއިމްވެފައިވާކަން. އަޅުގަނޑުމެންގެ އުއްމީދަކީ އުރީދޫގެ އެހެނިހެން މަރކެޓްތަކުގައި ފެނިފައިވާ ރަގަޅު ނަތީޖާ އާއި ފައިދާތައް ރާއްޖޭގައި ވެސް ފެނިގެންދިއުން." އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

މޯލްޑިވްސް މަނެޓަރީ އޮތޯރިޓީގެ ގަވަނަރ، ޑރ. އަޒީމާ އާދަމް ވިދާޅުވީ، މޮބައިލް ނެޓްވަރކް އޮޕަރޭޓަރުންގެ އިސްނެގުމާއި އެކު އުފެއްދުންތެރި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޙިދުމަތްތައް ތައާރަފްކުރުމަކީ ޒަމާނީ މިންގަނޑުތަކަށް ފެތޭ ޕޭމެންޓް ސިސްޓަމް ތަކާއި ހަމައަށް ވާސިލްވެ، ދިވެހިރާއްޖޭގެ އިޤްތިސާދީ ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. "

"މިހާއްސަ ލަނޑުދަނޑިއަށް ވާސިލްވެ، ރާއްޖޭގެ އިޤްތިސޯދީ ދާއިރާގެ ކުރިއުރުމަށް ދެއްވާ އެއްބާރުލުމާއި އެކު ދިވެހި ހުރިހާ ރައްޔިތުންނަށް އިޤްތިސޯދީ މައިދާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަދިންކަމަށްޓަކައި އަޅުގަނޑު މިފުރުސަތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމް އަށް މަރުހަބާކިޔަން. އުރީދޫ މޮބައިލް މަނީގެ ޕައިލޮޓް ފޭސްގެ ކާމިޔާބުވެ، އެޙިދުމަތް އިތުރަށް ފުރިހަމަވެ، ރާއްޖޭގެ އިޤްތިސޯދީ ޙިދުމަތްތައް ކުރިއެރުވުމަށް ބާރުވެރިވާ އަގުހެޔޮ ޙިދުމަތަކަށްވުމަށް އެދެެން." މޯލްޑިވްސް މަނެޓަރީ އޮތޯރިޓީގެ ގަވަނަރ، ޑރ. އަޒީމާ އާދަމް ވިދާޅުވިއެވެ.

އުރީދޫ މޮބައިލް މަނީ އަކީ ހުރިހާގޮތަކުންވެސް ވަރަށް ފަސޭހަ ޚިދުމަތަކަށް ވުމާއި އެކު، ކޮންމެ ކަސްޓަމަރަކަށްވެސް ޔޫއެސްއެސްޑީ ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލަ އަށް ރަޖިސްޓަރ ކުރެވޭނެއެވެ. ކަސްޓަމަރުން ބޭނުންފުޅުވާނަމަ އެންމެ ކައިރީގައިވާ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުން ނުވަތަ ވެސްޓޯ މޮބައިލް ފަދަ އުރީދޫގެ މޮބައިލް މަނީ އޭޖެންޓަކަށް ޒިޔާރަތް ކުރެއްވުމުން ވަގުތުން ރަޖިސްޓަރ ކޮއްލެވޭނެއެވެ. ހަމައެހެންމެ، އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ނުވަތަ އުރީދޫގެ މޮބައިލް މަނީ އޭޖެންޓް ފިހާރަތަށް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނެގޭނެއެވެ. މިޚިދުމަތް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އުރީދޫގެމޮބައިލް މަނީ ކަސްޓަމަރުންގެ މެދުގައި ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން، އުރީދޫ އެކައުންޓް ރީޗާރޖްކޮށް، އުރީދޫ ބިލްތައް ދެއްކޭނެ ކަމަށްވެސް އެކުން ފުނިން މައުލޫމާތު ދެއެވެ.

އުރީދޫއިން ބުނީ ކުރިއަށް އޮތްދުވަސްތަކުގެ ތެރޭގައި، މޮބައިލް މަނީ ޕޯޓްފޯލިއޯގެ ތެރެއަށް އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ، ޔޫޓިލިޓީ ބިލް ޕޭމްންޓް ފަދަ އުފެއްދުންތެރި ޚިދުމަތްތައް އިތުރުކުރެވި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް މޮބައިލް މަނީ އޭޖަންޓުން ގާއިމްކުރެވި، މި ޚިދުމަތް ގަބޫލުކުރައްވާ ވިޔަފާރިތައް އިތުރުކުރެވިގެންދާނެ ކަމަށެވެ.