އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލާން ތިން މީހަކު ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ބުނީ، އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލާން އަދި ޝައުގުވެރިކަން ފާޅުކުރި ތިން މީހުންނަކީ ކުރީގެ ވޮލީބޯޅަ ކޯޗު މުހައްމަދު ޝާފީ އާއި މިހާރުގެ ރައީސް މުހައްމަދު ރިޔާޒް އަދި މިހާރުގެ ނައިބް ރައީސް އިލްޔާސް ވަހީދު (އިއްލަ) ކަމަށެވެ.

ވޮލީ އެސޯސިއޭޝަނުން ބުނީ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި އިންތިހާބުގައި ހޮވާ މަގާމުތަކަކީ ރައީސާއި ނައިބް ރައީސާއި ހަޒާންދާރާއި ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަނަށް ތިން މެމްބަރުންނާއި ރޫލްސް ކޮމިޝަނަށް ތިން މެމްބަރުން އަދި ބީޗް ވޮލީބޯލް ކޮމިޝަނަށް ހަ މެމްބަރުން ކަމަށެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބުކުރަން ފެށިފަހުން މިހާތަނަށް ބޭއްވި ދެ އިންތިހާބު ވެސް ކާމިޔާބުކުރައްވާފައިވަނީ މިހާރުގެ ރައީސް ރިޔާޒެވެ.