އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކީޕަރު އިބްރާހިމް އިފްރާހް އަރީފް ވިކްޓަރީއަށް ކުޅެން ރޭ ސޮއި ކޮށްފި އެވެ.

މިދިޔަ ސީޒަންގައި ބީޖީގެ ގޯލް ބެލެހެއްޓި އަދި އެޓީމްގެ ކެޕްޓަން އިފްރާހްގެ އިތުރުން މިއަހަރުގެ ސީޒަންގައި ވިކްޓަރީއަށް ކުޅެން ސޮއި ކުރި ކުޅުންތެރިންގެ ތެރޭގައި އޮސްޓްރިއާގައި ކުޅޭ ދިވެހި ކުޅުންތެރިޔާ މަނީއު ރައޫފް ވެސް ހިމެނެ އެވެ. އަދި މިދިޔަ ސީޒަންގައި ވިކްޓަރީގެ ކެޕްޓަންކަން ކުރި އިއްސޭވެސް ވަނީ އެޓީމުގެ ކޮންޓްރެކްޓް އެއް އަހަރަށް އާކޮށްފަ އެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ވިކްޓަރީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ހަތަރު ކުޅުންތެރިއަކު ގެންނަން އެކުލަބުން ވަނީ ނިންމައިފައެވެ. އެގެޮތުން އެކުޅުންތެރިންގެ ތެރޭގައި ދެ އެޓޭކިން މިޑްފީލްޑަރަކާއި ޑިފެންޑަރެއް ހިމެނެއެވެ. އަދި އެކުޅުންތެރިން އަންނަ ހަފްތާގެ ތެރޭގައި ޓީމާ ގުޅޭނެ ކަމަށް ވެސް ވިކްޓަރީން މައުލޫމާތު ދެއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ މުހައްމަދު ނަޒީހު އެވެ. ވިކްޓްރީގެ ކޯޗުކަން ނަޒީހާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ވިކްޓަރީއިން ނިންމާލީ ލީގުގެ ފަސް ވަނަ މަގާމްގައި އޮވެގެންނެވެ.