ދަނޑުވެރިންނަށާއި، ދަނޑުވެރިކަމަށް އެންމެ ބޮޑު އިސްކަމެއް ދީގެން އިންޑިއާ ސަރުކާރުގެ އާ ބަޖެޓް އިޢްލާން ކޮށްފިއެވެ.

އިންޑިއާގެ ޕާލަމެންޓްގެ މިއަދުގެ ޖަލްސާގައި، އާ އަހަރުގެ މާލީ ބަޖެޓް ހުށަހަޅުއްވައި ދެއްވީ އިންޑިއާގެ މާލީ ވަޒީރު އަރުން ޖެޓްލީއެވެ.

2016 – 2017 ވަނަ އަހަރުގެ ބަޖެޓްގައި، ޚާއްސަކޮށް އިންޑިއާގެ ރަށްފުށުގެ ދަނޑުވެރިންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށް، ރަށްފުށުގެ އިގްތިސާދު ވަރުގަދަ ކުރުމަށް އެތައް ބިލިއަން ޑޮލަރު ހިމަނާފައި ވެއެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދު ނަމަވެސް، ފާއިތުވީ ދެއަހަރު އިންޑިއާއަށް ކުރިމަތިވި ހަނަފަސްކަމާއި، އިތުރުވަމުން އަންނަ ޒުވާން އާބާދީއަށް ބޭނުންވާ ވަޒީފާތައް ނުއުފެއްދުމުގެ ސަބަބުން އިންޑިއާއަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައި ވެއެވެ. އޭގެ އަސަރު ރަށްފުށުގެ އެތައް މިލިއަން ބަޔަކަށް ކޮށްފައިވެއެވެ. ނަތީޖާއަކަށް ވެގެންގޮސްފައިވަނީ، ފާއިތުވީ ދުވަސްތަކުގައި ރައްޔިތުންގެ ނުރުހުމާއި، ބޮޑެތި ހަމަނުޖެހުންތައް ހިންގުމެވެ.

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މީގެ ދެއަހަރު ކުރިން ވެރިކަމަށް ވަޑައިގެންނެވީ، އިންޑިއާގެ އިގްތިސާދު ވަރުގަދަ ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުންނެވެ. ނަމަވެސް، ދުނިޔޭގެ އިގްތިސާދަށްވެސް ކުރިމަތިވި ހީނަރުކަމާއި، ސަރުކާރުން ގެންނަން ބޭނުންވި އިސްލާހީ ބަދަލުތައް އިންޑިއާގެ ޕާލަމެންޓް ތެރެއިން ކުރިއަށް ނުގެންދެވުމުގެ ސަބަބުން ބޮޑެތި ހުރަސްތައް ވަނީ ކުރިމަތިވެފައެވެ. ޕާލަމެންޓްގެ އަޣުލަބިއްޔަތު އޮންނަނީ އިދިކޮޅު ފަރާތްތަކަށެވެ.

އަހަރީ ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން އިންޑިއާގެ މާލީ ވަޒީރު އަރުން ޖެޓްލީ ވިދާޅުވީ، އިންޑިއާގެ ހުރިހާ ރައްޔިތުންނަށް، ޚާއްސަކޮށް ދަނޑުވެރިންނާއި، ފަގީރުންނާއި، އެނޫންވެސް ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އިޖުތުމާއީ- އިގްތިސާދީ ރައްކާތެރިކަން ދޭން ސަރުކާރުން ބޭނުންވާ ކަމަށެވެ.

އެގޮތުން، ދަނޑުވެރިކަން ކުރިއަރުވައި ތަރައްގީކުރުމަށާއި، ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށާއި، ދަނޑުވެރިންނަށް ލޯނު ދިނުމަށް ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި 5.2 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ބަޖެޓްގައި ހަމަނުއްވާފައިވާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

މާލީ ބަޖެޓާ ގުޅިގެން ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވަނީ، މި ބަޖެޓަކީ އިންޑިއާ ފަގީރު ހާލަތުން އަރައިގަތުމަށް އަމާޒުހިފާފައިވާ ބަޖެޓެއް ކަމަށެވެ. އެއީ، ރައްޔިތުންގެ ހުވަފެންތައް ހިމެނޭ ބަޖެޓެއް ކަމަށްވެސް މޯދީ ވިދާޅުވެފައި ވެއެވެ.

ދަނޑުވެރިންނަށާއި، ދަނޑުވެރިކަމަށް އަދި ރަށްފުށުގެ މީހުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ކަރަންޓްގެ ޚިދުމަތް ލިބޭންނެތް މައްސަލައެވެ. ނަމަވެސް، މިއަދު އިޢްލާންކުރި ބަޖެޓްގައި، ކުރިއަށްއޮތް ދެއަހަރު ތެރޭގައި އިންޑިއާގެ ރަށްފުށުގެ ހުރިހާ ހިސާބަކަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައި ވެއެވެ.