މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހަންމަދު، ވެރިކަންކުރާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން، އުމްނޯ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ވެރިކަންކުރާ އުމްނޯ ޕާޓީގެ އިސް މުޝީރުގެ މަގާމުގައި ހުންނެވި ޑރ. މަހާތީރު ޕާޓީން ވަކިވެ ވަޑައިގެންނެވީ، އެ ޕާޓީގެ މިހާރުގެ ހަމައެކަނި މަސައްކަތަކީ، ކޮރަޕްޝަނާއި ޚިޔާނާތުގެ އިލްޒާމު އިސްތަށިފުޅުގައި އެޅިފައިވާ މިހާރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ދިފާއުކޮށް ހިމާޔަތް ކުރުން ކަމަށް ވިދާޅުވެއެވެ.

"އަޅުގަނޑު އުމްނޯ ދޫކޮށްލަނީ، ސަބަބަކީ މިހާރު އެއީ އުމްނޯއެއްނޫން. އެއީ، ނަޖީބު ހިމާޔަތް ކުރަން ޚާއްސަ ވެފައިވާ ޕާޓީއެއް. އެފަދަ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުންނާކަށް އަޅުގަނޑު ބޭނުމެއްނޫން" މެލޭޝިޔާގެ މީޑިއަށް މައުލޫމާތު ދެއްވަމުން މަހާތީރު މުހަންމަދު ވިދާޅުވެފައި ވެއެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރަކީ މެލޭޝިޔާގެ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މެލޭޝިޔާގައި ޒަމާނުއްސުރެ ވެރިކަންކުރާ އުމްނޯ ޕާޓީގެ ލީޑަރުކަން 1981 އިން 2003 ވަނަ އަހަރުގެ ނިޔަލަށް ކުރައްވާފައިވަނީވެސް މަހާތީރެވެ. 22 އަހަރުވަންދެން ވެރިކަން ކުރައްވައި، ޒަމާނީ މެލޭޝިޔާއެއް ތަރައްގީ ކުރައްވައި މަހާތީރު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީ 2003 ވަނަ އަހަރުއެވެ.

މަހާތީރަށްފަހު ވެރިކަމަށް ވަޑައިގެންނެވި ނަޖީބު ރައްޒާގު ވެރިކަމާއި ހަވާލުވެ ވަޑައިގެން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އުފެއްދެވި "1މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދް" ގައި ހިންގާފައިވާ ކަމަށް ފެންމަތިވެފައިވާ ކޮރަޕްޝަނާއި، ޚިޔާނާތުގެ އެތައް މައްސަލަތަކެއް، ދުނިޔޭގެ އެތައް ގައުމެއްގެ ކަމާބެހޭ ފަރާތްތަކުން ތަހްގީގު ކުރަމުން އެބަގެންދެއެވެ.

ސްވިޓްޒަރލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، މެލޭޝިޔާގެ ދައުލަތުގެ ކުންފުނިތަކުން 4 ބިލިއަން އެމެރިކާ ޑޮލަރު "ވަގަށް" ނަގާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން، "1މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދް" އާ ގުޅުންހުރި ބޭންކް އެކައުންޓްތައް ސްވިޓްޒަރލޭންޑްއިން ވަނީ ގަނޑުކޮށްފައެވެ.

ބޮޑުވަޒީރު ނަޖީބުއާ ދެކޮޅަށް އުފުލިފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ތަހްގީގު ކުރާން ފެށުމުން ބޮޑުވަޒީރު ނަޖީބު މިދިޔައަހަރު ވަނީ، ބަންޑާރަ ނާއިބު މަގާމުން ވަކިކުރައްވައި، ބޮޑުވަޒީރާ ގާތް ބޭފުޅަކު އެމަގާމަށް އިސްކުރައްވާފައެވެ. އެއާއެކު، ބޮޑުވަޒީރާ ދެކޮޅަށް އުފުލިފައިވާ ތުހުމަތުތަކާ ގުޅިގެން އެތެރޭގައި ހިންގަމުންދިޔަ ހުރިހާ ތަހްގީގެއް، އާ ބަންޑާރަ ނާއިބް ވަނީ ހުއްޓުވާފައެވެ.

މެދުއިރުމަތީގެ ފަރާތަކުން ބޮޑުވަޒީރުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކުރި 681 މިލިއަން އެމެރިކާ ޑޮލަރުގެ މައްސަލަވެސް ފަޅާއަރާފައި ވަނިކޮށް އަލަށް އިސްކުރި ބަންޑާރަ ނާއިބު ވިދާޅުވީ، އެއީ ސައުދީ ޝާހީ އާއިލާއިން ހަދިޔާއެއްގެ ގޮތުގައި ދެއްވި ފައިސާ ކަމަށެވެ. އެކަމުގައި ބޮޑުވަޒީރު އެއްވެސް ކުށެއް ނުކުރައްވާ ކަމަށެވެ.

ބޮޑުވަޒީރުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވާ ކެބިނެޓްގެ ވަޒީރުންނާއި ދެކޮޅަށްވެސް ނަޖީބު ވަނީ ފިޔަވަޅު އަޅުއްވާފައެވެ. އަދި އެވާހަކަ ދައްކާ މީޑިއާ ވަސީލަތްތައްވެސް ސަރުކާރުންވަނީ ބަންދުކޮށްފައެވެ.

މިމައްސަލަ ފެށުނީއްސުރެ ޑރ. މަހާތީރު މުހަންމަދު ހުންނެވީ ބޮޑުވަޒީރު ނަޖީބުއާ ދެކޮޅަށެވެ. ބޮޑުވަޒީރުގެ ކޮރަޕްޝަނާއި، ޖަރީމާތަކާއި، ސިޔާސީ މީހުންނަށް ރިޝްވަތު ދެއްވާ މައްސަލާގައި މަހާތީރު ގެންދެވީ އިސްތިއުފާ ދެއްވުމަށް ނަޖީބަށް ގޮވާލައްވަމުންނެވެ. ނަމަވެސް ބޮޑުވަޒީރު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

މުހައްލިލުން ވިދާޅުވަނީ، އުމްނޯ ޕާޓީ ތެރޭގައި ތިއްބެވި ސިޔާސީގޮތުން ދެކޮޅުވެރި ޚިޔާލުގެ މީހުން އެކަހެރިކުރައްވައި، ބޮޑުވަޒީރު ނަޖީބުވަނީ ޕާޓީ ތެރޭގައި އަތްގަދަ ކުރައްވާފައި ކަމަށެވެ. ނަޖީބު ޕާޓީން ބޭރުކޮށްލުމަކީ ދުރުކަމެއް ކަމަށެވެ.