އީރާނުގައި، މިދިޔަ ހުކުރު ދުވަހު ބޭއްވި ޕާލަމެންޓް އިންތިޚާބާއި، ނުފޫޒުގަދަ އެސެމްބްލީ އޮފް އެކްސްޕާރޓްސްގެ އިންތިޚާބުގައި، ހަރުކަށި ޚިޔާލުގެ މީހުންނާއި، އެމީހުންނަށް ތާއީދުކުރި ކޮންޒަރވޭޓިވުންނަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެ، ރައީސް ހަސަން ރޫހާނީގެ އިސްލާހީ ޚިޔާލުގެ ކޯލިޝަން ބޮޑު ކުރިއެރުންތަކެއް ހޯދައިފިއެވެ.

އިންތިޚާބުގެ ނަތީޖާތައް މިއަދު އިޢްލާން ކުރަން ފެށިއިރު، އެސެމްބްލީ އޮފް އެކްސްޕާރޓްސްއަށް ވާދަކުރެއްވި ހަރުކަށި ވިސްނުމުގެ މުހަންމަދު ޔަޒްދީއާއި، މުހަންމަދު ތަގީ މިސްބާހް ޔަޒްދީއަށް ގޮނޑި ގެއްލިވަޑައިގެންފައިވާކަން ވަނީ ކަށަވަރު ވެފައެވެ.

16 މެމްބަރުން ހިމެނޭ އެސެމްބްލީ އޮފް އެކްސްޕާރޓްސްގެ އަޣުލަބިއްޔަތު ނަގާފައިވަނީ، ރައީސް ހަސަން ރޫހާނީގެ އިސްލާހީ ޚިޔާލުގެ ކޭމްޕުންނެވެ.

ރައީސް ހަސަން ރޫހާނީއާ ގުޅިވަޑައިގެން އިސްލާހީ ޚިޔާލުގެ ކެންޑިޑޭޓުން ކެމްޕެއިން ކޮށްފައިވަނީ "ލިސްޓް އޮފް ހޯޕް" މި ޝިޔާރުގެ ދަށުން ނެރުނު ލިސްޓަކަށެވެ. ސަބަބަކީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ރައީސް ރޫހާނީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ރައީސަށް އޮތް ތާއީދުވެސް އިތުރުވެފައި ވުމެވެ.

އެސެމްބްލީ އޮފް އެކްސްޕާރޓްސް އިންތިޚާބުގެ ނަތީޖާ އިޢްލާންކުރި ނަމަވެސް، ޕާލަމެންޓް އިންތިޚާބުގެ ފުރިހަމަ ނަތީޖާ އަދި އިޢްލާނެއް ނުކުރެއެވެ. އެކަމަކު، މިހާތަނަށް ހާމަކުރެވުނު ވަގުތީ ނަތީޖާތައް ދައްކާގޮތުން 290 ގޮނޑި ހިމެނޭ ޕާލަމެންޓްގެ 90 ގޮނޑި، އިސްލާހީ ޚިޔާލުގެ މީހުން ވަނީ ކާމިޔާބު ކޮށްފައެވެ. ކޮންޒަރވޭޓުންނަށް 100 ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށް ދައްކާއިރު، މިނިވަން 11 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކޮށްފައި ވެއެވެ.

60 ދާއިރާއެއްގެ ވޯޓް އެއްވަރުވެފައި ވުމާ ގުޅިގެން ދެވަނަ ބުރެއް ބާއްވަން ޖެހޭކަމަށް ދައްކާއިރު، ޕާލަމެންޓްގެ އަޣުލަބިއްޔަތު އެއްވެސް ބަޔަކަށް ނުލިބޭނޭ ކަމަށް ވަނީ ބެލެވިފައެވެ. ސަބަބަކީ، ރައީސް ހަސަން ރޫހާނީގެ ނިއުކްލިއަރ އެއްބަސްވުމާއި އަދި ރައީސްގެ ސިޔާސަތުތަކާ ދެކޮޅު، ހަރުކަށި ޚިޔާލުގެ އެތައް ކެންޑިޑޭޓުން ބަލިކޮށް، އިސްލާހީ ޚިޔާލުގެ ކެންޑިޑޭޓުން ގިނަ ގޮނޑިތައް ކާމިޔާބު ކުރުމުންނެވެ. މިއީ، އިސްލާހީ ޚިޔާލުގެ މީހުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް މީޑިއާގައި ދަނީ ސިފަ ކުރަމުންނެވެ.

ޕާލަމެންޓް އިންތިޚާބަށްވުރެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ އެސެމްބްލީ އޮފް އެކްސްޕާރޓްސްއަށެވެ. ސަބަބަކީ، އީރާނުގެ ކަންކަމުގައި އެންމެ ފަހުބަސް ވިދާޅުވާ ރޫޙީ ލީޑަރު ކަނޑައަޅާ މަޖިލީހަކީ އެއީކަމުގައި ވާތީއެވެ.

އީރާނުގެ މިހާރުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ މިހާރުގެ އުމުފުޅަކީ 76 އަހަރެވެ. މަގާމުގެ 8 އަހަރުގެ މުއްދަތުގެ ތެރޭގައި ޚާމަނާއީ އަވަހާރަ ވެއްޖެނަމަ އެމަގާމަށް ބޭފުޅަކު އައްޔަން ކުރާނީ އެސެމްބްލީ އޮފް އެކްސްޕާރޓްސްއިންނެވެ. ގޮނޑި ގެއްލިވަޑައިގެންނެވި މުހަންމަދު ޔަޒްދީއަކީ މި މަޖިލީހުގެ މިދައުރުގެ ރައީސެވެ. ދެން ގޮނޑި ގެއްލިވަޑައިގެންނެވީވެސް އެ މަޖިލީހުގެ މެމްބަރު އަދި އިސްލާހީ ޚިޔާލުގެ މީހުންނާ ފާޅުގައި ދެކޮޅުވެރި މިސްބާހް ޔަޒްދީއެވެ.

އެސެމްބްލީ އޮފް އެކްސްޕާރޓްސްއަށް އީރާނުގެ މިހާރުގެ ރައީސް ހަސަން ރޫހާނީ ވަނީ، ތިންވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ކެންޑިޑޭޓުގެ ގޮތުން އިންތިޚާބުވެ ވަޑައިގެންފައެވެ.

އެއްވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެން މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވީ އީރާނުގައި ކުރިން ދެދައުރެއްގެމަތިން ރައީސްކަން ކުރައްވާފައިވާ އަދި މިހާރުގެ ރައީސްގެ ގާތް އެކުވެރި ބޭފުޅެއް ކަމަށްވާ އާޔަތުﷲ އަކްބަރު ހާޝިމީ ރަފްސަންޖާނީއެވެ.