ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ބައެއް ލޯންތަކުގެ އިންޓަރެސްޓް ރޭޓްތައް ދައްކޮށް، އަލަށް ކަނޑައެޅި އިންޓަރެސްޓް ރޭޓް ތަކުގެ ތަފްސީލްތައް ހާމަކޮށްފި އެވެ.

ހޮޓެލް ޖެންގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި އިންޓަރެސްޓް ރޭޓް ތަކަށް ގެނެވުނު ބަދަލުތައް އިއުލާންކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ.

ހީލީ ވިދާޅުވީ ބީއެމްއެލް އިން ދޫކުރާ ލޯންތަކުގެ އިންޓަރެސްޓް ރޭޓްތަކަށް ގެނެވުނު ބަދަލުތަކަށް އަމަލުކުރާނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ ތިންވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެހެންކަމުން އެ ތާރީހުން ފެށިގެން ދޫކުރާ ލޯންތަކަށް އިންޓަރެސްޓް ރޭޓް ކަނޑައެޅިފައި ހުންނާނީ މިއަދު އިއުލާންކުރެވުނު ރޭޓް ތަކުގައި ކަމަށާއި މިހާރު ނަގާފައި ހުރި ލޯންތަކަށް އާ އިންޓަރެސްޓް ރޭޓްތަކުގެ ދަށުން އެއްވެސް ބަދަލެއް ނާންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ބޭންކުން ދޫކުރާ ލޯންތަކުގެ ތެރެއިން ބައެއް ލޯންތަކުގެ އިންޓަރެސްޓް ރޭޓަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު ބީއެމްއެލް އިން ދޫކުރާ ހައުސިން ލޯންގެ އިންޓަރެސްޓް ރޭޓް ދެ ޕަސަންޓް ކުޑަކުރަން ވަނީ ނިންމާފަ އެވެ. އަދި ޕާސަނަލް ލޯންތަކުގެ އިންޓަރެސްޓް ރޭޓް ހަ ޕަސަންޓް ކުޑަކުރަން ވެސް ވަނީ ނިންމާފަ އެވެ. ބީއެމްއެލްގެ ބައެއް ލޯން ތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލުތަކެއް ގެނައި ނަމަވެސް މިހާރު ދޫކުރަމުންދާ ލުއި ލޯންގެ އިންޓަރެސްޓް ރޭޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ލުއި ލޯންގެ އިންޓަރެސްޓް ރޭޓްގެ ގޮތުގައި މިހާރު ނަގަމުންދަނީ 18 ޕަސަންޓެވެ.