ހުޅަނގު އައްސޭރީގެ ޤަލަންދިއްޔާ ރެފިއުޖީ ކޭމްޕްގައި އިސްރާއީލުގެ އުދުވާނީ ސިފައިންނާއި ފުލުހުން ބަޑިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ އެކަކު ޝަހީދުކޮށް އިތުރު ދިހަ މީހުން ޒަޚަމް ކޮށްލައިފިއެވެ.

ފަލަސްތީނުގެ ކުއްލި އެހީދޭ ފަރާތްތަކުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، މިހަމަލާގައި ޝަހީދު ކޮށްލާފައިވަނީ ފަލަސްތީނުގެ އުމުރުން 22 އަހަރުގެ އިޔާދު އުމަރު ސަޖްދިޔާ ނަމަކަށް ކިޔާ ޒުވާނެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފަލަސްތީނު މީހުންނާއި އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުމަކަށް ދިޔައީ، އިސްރާއީލު ސިފައިންގެ ދެމީހަކު ދަތުރުކުރި ޖީޕަކަށް "އޮޅިގެން" ޤަލަންދިއްޔާ ރެފިއުޖީ ކޭމްޕަށް ވަދެވުމުންނެވެ.

އެދެމީހުންގެ ހިމާޔަތަށް އިސްރާއީލުން ސިފައިންނާއި ހަތިޔާރު ފޮނުވިއިރު، އެއިން މީހަކަށް އެއްވެސް އަނިޔާއެއް ނުވާކަމަށް ފަލަސްތީނުން ބުނެއެވެ. ފަލަސްތީނު ޒުވާނުން އިސްރާއީލު ސިފައިންގެ ޖީޕަށް ގާއުކުން ފިޔަވައި އިތުރު ކަމެއް ނުކުރެއެވެ.

ރޭ ހިނގި މިކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި ފަލަސްތީނުގެ އެކަކު ޝަހީދު ކޮށްލާފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލުގެ އުދުވާނީ ބާރުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި އިސްރާއީލުން ބަޑިޖަހައި ފަލަސްތީނުގެ 178 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ޒުވާނުންނާއި ކުޑަކުދިންނެވެ.

ފަލަސްތީނު ޒުވާނުންގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 28 މީހުން މަރާލާފައި ވެއެވެ.