(28 ފެބްރުއަރީ 2016 އާ ގުޅޭ)
...އީތަންގެ ސިކުނޑީގައި ވަރުގަދަ ހަނގުރާމައެއް ކުރެވެމުންދާ ކަހަލައެވެ. ހިތާއި ޟަމީރު އެއްބައިވެ ސިކުނޑިއާއި ތޮޅެމުންދަނީއެވެ. ވިސްނުމުގެ ބާރު ދެރަކޮށް ހިތުގެ ޖަޒުބާތުތައް ހޭލައްވާލާ އެ އިހުސާސްތަކަށް ބޯލަންބުވަން މަޖުބޫރުކުރާ ފަދައިންނެވެ.
ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން އީތަން ނުނިކުތުމުން އެކަން މާބޮޑު ކަމަކަށް ސުފިޔާނު ހަދާފާނޭތީ ރާބިއާގެ ވާހަކަތަކުން އެކަން ހިންދާލިއެވެ. ނަމަވެސް އެންމެން ކާމޭޒުދޮށުން ދިއުމުން ރާބިއާގެ މިސްރާބު ހުރީ އީތަންގެ ކޮޓަރިއަށެވެ. އެންމެނާ ދެކޮޅު ހަދަން ކެރުނަސް ރާބިއާގެ ކުރިމަތީ އީތަންއަށް "އުފް" ވެސް ލައްވާލާކަށް ނުކެރުނެވެ. އޭނާގެ އަތުގައި ހިފައިގެން ރާބިއާ ކޮޓަރިން ނުކުމެގެން އައީ ބަދިގެ ފަރާތަށެވެ. ކާމޭޒު ދޮށުގައި ބައިންދާފައި ކުރިމަތީ ތަށިބަހައްޓާފައި ކާންފެށުމަށް ރާބިއާ ބުނެލިއެވެ. އަދި ރޮށިތަށި އީތަންއާ ގާތަށް ދަމާލިއެވެ.
"މާމަ އެއްޗެއް ނުބުނަން ހުރީ އީތަން އަމިއްލައަށް އައިސް މާމައާ ވާހަކަދައްކާނޭ ކަމަށް... ބަލަ މާމައަށް އެބަ ފެނެޔޭ އީތަންއަށް ބަދަލުތަކެއް އައިސްގެން އުޅޭތަން... އެކަމަކު އިހަށް ކައި... އެއަށްފަހު އީތަންއަށް ދެވޭނީ މާމަ ކުރާ ސުވާލުތަކަށް ޖަވާބުދީފައި" ރާބިއާގެ އަޑުގައި އަމުރުވެރި ގޮތެއް ހުއްޓަސް އެ އަޑުގައި އޯގާތެރިކަމެއް ވެސް އެކުލެވިފައި ވިއެވެ.
މަޑުމަޑުން އިނދެ އީތަން ކުޅިމަހާއި ރޮށްޓާއި ޖަހައިގެން ކާލާފައި ނިންމާލުމުގެ ގޮތުން ރާބިއާ އަޅައިދިން ފެންތަށި ބޯލިއެވެ. ތެދުވެގެން ދާން ކިތަންމެ ބޭނުންވިޔަސް އޭނާ އިން ގޮނޑީގައި ފޫ ތަތްވެފައި އިން ކަހަލައެވެ. އިސްޖަހާލައިގެން އިންދާ ރާބިއާ ވާހަކަދައްކަން ފެށިއެވެ.
"ހޫން! ދެން ބުނެބަލަ... ކީއްވެތަ އުޅުމަށް ތިހާ ބޮޑު ބަދަލެއް އައީ؟ މިގޭގައި މިއުޅެނީ ދުރުހިލޭ ބައެއް ނޫނެއްނު. ދެން ކީއްވެ އެންމެނާ ތިހާ ދުރުހެލިކޮށް ތި އުޅެނީ..."
"ކަމެއްނުވޭ..." ރާބިއާގެ ވާހަކަ ހުއްޓާލާފައި އީތަންއަށް ބަލަން ފެށުމުން އޭނާ މަޑުމަޑުން ބުނެލިއެވެ.
"ޖަޒްލާ ކޮބާތަ؟ މާމައަށް ކަމަކު ނުދޭ އީތަން ތި އުޅޭ ގޮތެއް. މި ނޫނީ އެހެން ނުބުނަމެއްނު ދޯ... ލަސްނުކޮށް ޖަޒްލާއާ އިންނަން ފެނޭ. ކޮންމެ ވެސް ގޮތެއް އީތަން ނިންމާ. މިހާރު ވަރަށް ދުވަސްދެވިއްޖެ ތި ދެކުދިން އަމިއްލައަށް ގޮތެއް ނިންމަން. ފިރިހެން ކުދިންނަށްވުރެ ބޮޑަށް މުޖުތަމަޢުގައި ބަދުނާމުވާނީ އަންހެންކުދިން. އަހަރުމެންގެ ފިރިހެންދަރިއަކީ އެހާ ޒިންމާދާރުކަން ކުޑަ ކުއްޖަކަށް ވެގެން ނުވާނެ. އީތަންގެ ފަރާތުން މާމަ އެފަދަ ކަމެއް ފެންނާކަށް ނޭދެން... މާމަ ބޭނުން ޖަޒްލާއާ ވެސް ބައްދަލުކުރަން... ކޮންއިރަކުން އޭނާ މިގެއަށް ގެންނާނީ. ދެ ކުދިން ބައިތިއްބައިގެން ވަކިގޮތެއް ނިންމަން މިހާރު ޖެހިއްޖެ..."
"މާމާ! އަޅުގަނޑު... މިހާރު ޖޭޒް... އަޅުގަނޑާއި ޖޭޒްއާ ދެމެދު... އެއްވެސް ގުޅުމެއްނެތް..." ރާބިއާގެ ވާހަކަތަކުން އަރައިގަތުމަކީ އީތަންއަށް ކުޅަދާނަކަމަކަށް ނުވިއެވެ. އެހެންވެ އިސްޖަހާލައިގެން އިނދެ މާމަގެ ކުރިމަތީ ތެދު ހާމަކުރިއެވެ. ނަމަވެސް އެއަށްވުރެ އިތުރަށް ވާހަކަ ގެންދަންވެއްޖެނަމަ އޭނާ ބޭޒާރުވެދާނޭކަން އަމިއްލަ ޟަމީރު ހަނދާންކޮށްދިނެވެ.
"ސުބްޙާނައްﷲ! ކޮންއިރަކު؟ ދަރިފުޅާއި ޖަޒްލާ ވަކިވާނޭކަމަށް ދުވަހަކު ވެސް މާމަ ހީނުކުރަން. ކިތައް އަހަރު މިވަނީ ތި ދެ ކުދިން އެކުގައި އުޅޭތާ؟ ތިޔަފަދަ ބޮޑު ނިންމުމެއް ތި ނިންމީ ހަމަ ވިސްނާފަތަ؟.... އީތަން... މާމަ ގާތު ބުނެބަލަ" ރާބިއާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވޭވޭ ހުއްޓެވެ. ކުޑަކޮށް ވެސް އުންމީދުނުކުރާ ޚަބަރެއް ލިބުމުން އޭނާ އިނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ.
"ކުއްލި ގޮތަކަށް ހަމަޖެހުނު ކައިވެންޏެއް އެއީ... މާމައަށް އެނގިލައްވާނެ ކުރިން ވެސް އަޅުގަނޑުމެން ދެ މީހުންގެ ޚިޔާލު ތަފާތުކަން" އަނގައިން ބުނަން ނޭނގިފައި އެތައް އިރަކު އިނުމަށްފަހު އީތަން ބުނެލިއެވެ. ދޮގު ނަހަދާ ވޭތޯ އީތަން ބެލިއެވެ. އެހެންވެ ޖަޒްލާގެ ކުށް ދެއްކޭތޯ އޭނާ ބެލީއެވެ.
"ތި ދެ ކުދިން ހަމަ ވަކިވީތަ؟... ޖަޒްލާއާ ދެން ދުވަހަކު ވެސް ކައިވެންޏެއް ނުކުރާނަންތަ؟" އީތަން ދެއްކި ވާހަކަތައް ރާބިއާއަށް ޤަބޫލުނުކުރެވޭތީވެ ޔަޤީންކުރަން ބޭނުންވެގެން އަހާލާ ފަދައަކުން އީތަންގެ ގާތުގައި ރާބިއާ އަހާލިއެވެ.
"ލައްބަ" އިސްޖެހިފައި އިނދެ ބޯޖަހާލަމުން އީތަން ބުނެލިއެވެ.
ފިކުރުތަކުގެ ތެރެއަށް ރާބިއާ ގެއްލިފައި އިންތަން އީތަންއަށް ފެނުމުން އޭނާ މަޑުމަޑުން ތެދުވިއެވެ. ދެން ވެސް ރާބިއާގެ ފަރާތުން އިޝާރާތެއް ނުވިއެވެ. އެހެންވެ ކޮކާފަންޏެއް ހިރޭހެން މަޑުމަޑުން ދުރަށް ދަމުން ގޮސް ކާގެއިން ނުކުމެގެން އީތަން ހިނގައްޖެއެވެ. ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމަށް ގެނެސްފައި ހުރި ބިދޭސީ ކުއްޖާ އެއްޗެހި ހޫނުކޮށް ނިންމާފައި ބަދިގެ ފަރާތުން ނުކުންނަމުން ރާބިއާއަށް ގޮވާލިއެވެ. ނަމަވެސް ރާބިއާއަށް ހޭވެރިކަމެއްވީ އޭނާ އައިސް ރާބިއާގެ ކޮނޑުގައި ކޮއްޓާލުމުންނެވެ.
"މާމާ... ހޫނުވީ... ނިމުނީ... އަޅުގަނޑު ދަނީ..." ނުފަރިތަކަމާއެކު އެ ބިދޭސީ އަންހެންކުއްޖާ ރާބިއާއަށް ބުނެލިއެވެ. އެއާއެކު ރާބިއާއަށް ވަގުތުން އޭނާ އެ ބުނި އެއްޗެއް ފަހުމްވެއްޖެއެވެ. މަޑުމަޑުން ތެދުވެ އޭނާ ވެސް ހިނގައިގަތީ އެތަނުން ނުކުތުމަށެވެ.
އީތަން އާއި ޖަޒްލާ ވަކިވާން މެދުވެރިވި ސަބަބު އެނގެން ރާބިއާ ބޭނުންވެއެވެ. އެހެންނަމަވެސް އެ ސަބަބަކީ އެ ދެ ކުދިންގެ ޒާތީކަމަކަށް ވެދޭނޭހެން ހީވާތީ އެ ސުވާލު ކުރަން ރާބިއާ ފަސްޖެހުނީއެވެ. އޭނާ ދެން ވިސްނީ ދުރުދުރުން ވިޔަސް އީތަންއާ ވާހަކަދައްކައިގެން ހަޤީޤަތް އޮޅުން ފިލުވޭތޯއެވެ. އެއްފަހަރުން ހުރިހާ ކަމެއް އީތަން ކިޔައިނުދީފާނޭ ރާބިއާގެ ހިތަށް އަރާވަރުންނެވެ. އަނެއްކޮޅުން ރާބިއާގެ ސިކުނޑީގައި ދައުރުވަމުންދިޔަ އެންމެ ބޮޑު ސުވާލަކަށްވެފައި ވަނީ އީތަން އާއި ޖަޒްލާއާ ދެ ކުދިންގެ ތެރެއިން ކުއްޖެއްގެ ދިރިއުޅުމަށް ބައިވެރިއަކު އައީބާއެވެ. އެކަން ވެސް ޔަޤީން ކުރެވޭނީ އީތަންއާ ވާހަކަދައްކައިގެންނެވެ. ޖަޒްލާއާ ވަކިވީ ބޭނުންވެގެންކަމަށް ވާނަމަ އީތަންގެ ޠަބީޢަތް ބަދަލުވާންޖެހޭނެ ކަމަކަށް ރާބިއާއަކަށް ޤަބޫލެއްނުކުރެވެއެވެ. ކޮންމެއަކަސް ހުރިހާ ކަމެއް އެނގެން ބޭނުންނަމަ ރަނގަޅު ދަނޑިވަޅަކަށް ރާބިއާ އިންތިޒާރު ކުރަންޖެހެއެވެ.
* * * *
ޒޫރިންގެ ރުހުން ލިބުމާއެކު ތަހުސީނު އެންމެ ދުވަހެއް ވެސް ކައިވެނީގެ ކަންކަން ލަހެއް ނުކުރިއެވެ. ކޯޓަށް ފޯމުލާ އެންމެ އަވަހަށް ކައިވެނިކުރެވެން އޮތް ތާރީޚެއް އޮޅުން ފިލުވިއެވެ. ދެ ހަފްތާ ފަހުން ރޭޝްމާއަކީ ތަހުސީނުގެ އަނތްބަކަށް ހެދޭނޭކަމުގެ ޔަޤީންކަން ކޯޓުން ދިނެވެ. ކައިވެނި ކުރަން ބޭނުންވަނީ ރޭޝްމާގެ އަމިއްލަ ގޭގައިކަން އޭނާ ހާމަކުރުމުން އެކަމާ ވެސް ތަހުސީނު ރުހި ޤަބޫލުވިއެވެ.
ތަހުސީނުގެ މައިންބަފައިންގެ ފަރާތުން އޭނާގެ ދޮށްޓަށް ހުންނަ ބޭބެ ޠާރިޤުގެ ދެ މަފިރިންނަށް ވެސް ކައިވެނީގެ ވާހަކަ އޮތީ އިވިފައެވެ. ކޮއްކޮގެ ކައިވެނީގެ ޚަބަރު އިވުމުން ޠާރިޤު އުފާކުރިއެވެ. އަދި އަބްދުއްސައްތާރު ފަދައިން ޒާހިރާގެ ވިސްނުން ހުރި ގޮތް ގޯސް ކުރިއެވެ. ތަހުސީނު ބޭނުންވާ މީހަކާ އިނުމަށް ދޫކޮށްލުމަށް އެ ދެ ބަފައިން ޒާހިރާއަށް ވިސްނައިދިނެވެ. ޝައުންއާ ހަމައަށް އެ ޚަބަރު ދިޔައީ އޭނާގެ މަންމަ މީޒާގެ ފަރާތުންނެވެ. އެއްގޮތަކަށް ވެސް އިންނަން އުޅެނީ ކޮންގެއެއްގެ ކާކުކަމެއް ބުނާކަށް އެކަކަށް ވެސް ނޭނގެއެވެ. ހަމައެކަނި އެނގެނީ މާލޭ މީހެއްކަމާއި ބޮޑު އަންހެންދަރިއަކު ހުންނަކަމެވެ. އެންމެން ވެސް ތިބީ ތަހުސީނުގެ ކައިވެނި ކުރެވޭ ދުވަހަކަށް ޝައުގުވެރިވެފައެވެ. އަދި ޢާއިލާއަށް އިތުރުވާން އުޅޭ ޅީދަރިފުޅާ ބައްދަލުކުރަން ބޭނުންވެފައެވެ.
ހިތުގެ އެޖެންޑާ ސިއްރުކޮށްގެން މޫނުމަތީގެ ކުލަވަރު އޮމާންކޮށްލައިގެން އިން ޒާހިރާ އާދޭސް ކުރަމުން ދިޔައީ ކައިވެނީގެ ކުރިން ތަހުސީނު އިންނަން އުޅޭ އަންހެންމީހާ އެގެއަށް ގެނެސް މައިންބަފައިންނަށް ތަޢާރުފުކޮށް ދިނުމަށެވެ. އެކަން ރޭޝްމާއަށް ތަހުސީނު ފާޅުކުރުމުން އޭނާ ރުހިއްޖެއެވެ. ތަހުސީނުގެ ޢާއިލާ ރޭޝްމާ ބަދަލައި ގަތަސް އަދި ނުގަތަސް އެމީހުންނާ ބައްދަލުކުރުން މުހިންމު ކަމުގައި ރޭޝްމާ ވެސް ދުށްޓެވެ. އެހެންވެ ތަހުސީނާއެކު އެއްރެއެއްގެ ރޭގަނޑުގެ ކެއުމުގައި ބައިވެރިވާންށާއެކީ ރޭޝްމާ ފިޔަލަގޭ ދޯރޯށިން އެތެރެވިއެވެ. އެންމެ ޒަމާނީ ކުލަތައް ފެންނަ އެ ގޭގައި ދިރިއުޅެނީ މުއްސަނދިންކަން ބަލާލި ކޮންމެ ދިމާއަކުން ރޭޝްމާއަށް ހަނާއަޅަމުން ދިޔައެވެ.
ޒާހިރާމެންގެ ބަޔަށް ތަހުސީނާއެކު ވަން އަންހެންމީހާ ފެނިފައި ޒާހިރާގެ ބަސްހުއްޓުނު ކަހަލައެވެ. މާލޭ މީހަކަށްވުމުގެ އިތުރުން ރޭޝްމާއަކީ ރީތި އަންހެނެއްކަން ޒާހިރާއަށް އެނގުނީއެވެ. ދަރިއަކު ހުރެދާނެހެން ރޭޝްމާގެ ސިފައަކުން ނުޖަހައެވެ. ފޫކޮޅު ނިވާވަރުގެ ޓޮޕުކޮޅަކާއި ފައިކުރިއަށް ހިމަ ހަރުވާޅުގައި ރޭޝްމާ ހުރި އިރު ހެނދުން އެޅުމުގައި އަޅައިގަންނަ ފަދަ ވައްޓަފާޅިއެއް ހުއްޓެވެ. ކަޅުކުލައިގެ ބޯ ފަށުވިގަނޑެއް ފަދަ އިސްތަށިގަނޑުގެ ތެރެއިން ރޭޝްމާގެ ދޮންމޫނު ސާފުވެފައި ލޮލުގައި ތޫނުކަމާއި ގަދަ ވިދުވަރެއް ހުއްޓެވެ. ކުޑަދައްޗަކުން އިސްތަށިގަނޑު ހަރުކޮށްލާފައި ފަހަތަށް ނިއުޅާލާފައި އޮތްއިރު ހަމައެކަނި އެ އިސްތަށިގަނޑުގެ ސިހުރުގައި ވެސް ފިރިހެނަކު ޖެހޭހާ ވެއެވެ. ބުނާނޭ އެއްޗެއް ނޭނގި ޒާހިރާއަށް ތުންފަތް ތެތްމާލަމުން ތިރީތުންފަތުގައި ދަތްހާކާލެވުނެވެ. ހަމަ އެވަގުތު ތަހުސީނު އެތަނުގައި ތިބި އެންމެނަށް ރޭޝްމާ ތަޢާރުފުކޮށްދިނެވެ. އަބްދުއްސައްތާރު ހިނިތުންވެލަމުން ކޮޅަށް ތެދުވެ ރޭޝްމާ ގޮވައިގެން އައިސް ސޯފާގައި އިށީނުމަށް ތަހުސީނަށް ބުނެލިއެވެ.
ހީކުރި ގޮތާއި ޚިލާފަށް ޒާހިރާގެ ދުލުގައި ތަޅެއްލެވިފައި އިން ކަހަލައެވެ. ކޮންމެހެން ބުނަންޖެހިއްޖެ ހާލެއްގައި ނޫނީ އަނގައިން ބަހެއް އޭނާ ނުބުންޏެވެ. ޠާރީޤުމެންގެ ދެމަފިރިންނަށާއި އަބްދުއްސައްތާރަށް ވެސް ރޭޝްމާ ކަމުދިޔައެވެ. އަދި ތަހުސީނާ ކައިވެނިކޮށްގެން އެގޭގައި ދިރިއުޅެން ގަސްދުނުކުރިޔަސް އެގެއަށް އަންނަންވާނޭ ކަމުގައި އަބްދުއްސައްތާރު ބުންޏެވެ. ޒާހިރާގެ ފަރާތުން ނޭއްދާރުކަމެއް ނުފެނުމުން ތަހުސީނު އާއި ޢާއިލާގެ ދެންތިބި މެންބަރުން ވެސް ހީކުރީ ޒާހިރާއަށް ވެސް ރޭޝްމާ ކަމުދިޔައީ ކަމުގައެވެ. ރޭޝްމާ ގޮވައިގެން ތަހުސީނު އެގެއިން ނުކުތީ ދެން އެ ޢާއިލާއާ ރޭޝްމާއާ ބައްދަލުވާނީ ކައިވެނި ކުރާ ވަގުތުކަމުގައި ބުނަމުންނެވެ. އެންމެން ވެސް ތަހުސީނުގެ ނިންމުމާ ރުހުނީ އެ ނޫންގޮތެއް ނެތްފަދައަކުންނެވެ.
ދަރިފުޅަށް ނަންކިޔުމުގައި ޢަޤީޤާ ކަތިލާ އެއާއެކު ފޮނިއެއްޗަކުން ޞަދަގާތް ކުރެވުނެވެ. ޒޫރިންއަށްޓަކައި އެންމެ ފުރިހަމަ ގޮތުގައި އެކަން ތަހުސީނާއި ރޭޝްމާ ކޮށްދިނެވެ. ޒޫރިން ބޭނުންވި ގޮތަށް "ޝަމްޢާން"ގެ ނަމުން ކުޑަދަރިފުޅަށް ނަންދިނެވެ. ނަމަވެސް އެ ދުވަސްވީ ޒޫރިންގެ ހިތުގައި ޖެހި ލޮލުން ވޭނީ ކަރުނަ ފޭބި ދުވަހަކަށެވެ. ދަރިފުޅުގެ ނަމާ ބައްޕަގެ ނަން ގުޅިގެން ދާއިރު އެ ކަން ޒޫރިންއަށް ނުކުރެވުނީތީއެވެ. އެރޭ ހަތަރުދަމު ދަރިފުޅު ގާތުގައި ބާއްވާލައިގެން އޮވެ ޒޫރިން ކަރުނައެޅިއެވެ. އެތައް ފަހަރަކު ހެއްދެވި ފަރާތަށް ދުޢާ ދެންނެވުނެވެ. ކުރެވުނު ފާފަ ފުއްސަވާދެއްވާތޯ އާއި އީތަންއަކީ ޒޫރިންއަށް ހުރި އުފާވެރިކަމާއި ހިތްހަމަޖެހުންކަމުގައި އިރާދައިގައި ނުވާނަމަ އެ ލޯބީގެ މަތިން ހަނދާންނެތޭނޭ ފަދަ ގޮތެއް މިންވަރުކޮށްދެއްވުމަށް އެދެވުނެވެ. އަދި އެހެންކަމަށްވާނަމަ ދުވަހަކު ވެސް އީތަންއާ ބައްދަލުވިޔަ ނުދިނުމަށް އިރާދަކުރައްވާތޯ ވެސް އެދެވުނެވެ. އެރޭ ހިތަށްވީ ތަދާއެކު ސިކުނޑިއަށް އެތައް ޚިޔާލެއް ވެރިވެގެން ދިޔައެވެ.
ޖެހިގެން އައި ދުވަހު ރޭޝްމާގެ ގާތުން ޒޫރިން އެދުނީ ރޭޝްމާ އާއި ތަހުސީނުގެ ކައިވެންޏަށް ފަހު ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރަން ޒޫރިން ބޭނުންވާކަމެވެ. ޒޫރިންގެ ހިތް ރޭޝްމާއަށް ރަނގަޅަށް އެނގޭތީވެ އިތުރު ސުވާލެއް އޭނާ ނުކުރިއެވެ. ދަރިފުޅާ ވަކިން އުޅެން ތަހުސީނު އެއްގޮތަކަށް ވެސް ނުވިސްނައެވެ. އެހެންވެ ތަހުސީނާއި ރޭޝްމާ ވެސް ނިންމީ ޒޫރިން ބޭނުންވާހެން އެމީހުންގެ ކައިވެންޏަށްފަހު ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރާށެވެ. އޭރުން ޒޫރިންގެ ޠަބީޢަތް ބަދަލުވެ އެކަމަގެ ހެޔޮބަދަލު އޭނާގެ ރޫފައަށް ކުރާނޭކަމުގައި ޔަޤީންކުރެވުނެވެ. މާލެއާ ދުރަށް ދިއުމުން ޒޫރިންގެ ޒަހަރުތިކިތަކެއް ފަދަ ލޯބީގެ ހަޔާތާ ދުރަށް ދެވޭނެއެވެ. ދަރިފުޅާއެކު އުފަލުގައި އައު ދިރިއުޅުމެއް ފަށަން ޒޫރިންއަށް ފުރުޞަތު ލިބޭނެއެވެ.
ވަގުތުގެ ދުވެލީގައި ދުވަސްތައް ފައިހަމަކުރަމުން ގޮސް މާޒީގެ ތެރެއަށް ވަދެ އޮބާލިއެވެ. ރޭޝްމާ އާއި ތަހުސީނުގެ ދެމެދުގައި ބަދަހިވަމުން އައި ގުޅުން އެކަތިގަނޑަކަށް ހަދާލުމަށް ދެ މީހުންގެ ދިރިއުޅުމުގެ ވާފަށުގައި ޚާއްޞަ ސިއްކަޖަހަންވީ ދުވަސް ޖެހިއްޖެއެވެ. ހެނދުނުއްސުރެން ފާޑެއްގެ ހާސްކަމެއް ރޭޝްމާ ވަށާލައިފައި ވެއެވެ. އަލަށް މީހަކާ އިންނަން އުޅޭއިރު ކުރެވޭ އިހުސާސްތަކަކީ ވަކި އުމުރަކާ ގުޅިފައިވާ ކަމެއްނޫންކަން މިއަދު ރޭޝްމާއަށް އެނގިއްޖެއެވެ. ވަގުތު ކުޑަތަންވަމުން އައިވަރަކަށް އޭނާއަށް ނުވާގޮތެއްނެތެވެ. ހޮޑުލަވާހެން ހީވެގެން ފާޚާނާއަށް ވަދެ އެތައް އިރަކު ހުރެއެވެ. އެކަމަކު ހޮޑެއް ނުމެލެވެއެވެ. ބަނޑުގައި ކުދިކޮކާ އުދުހޭހެން ވެސް ހީވެއެވެ. މި ހުރިހާ ސަކަރާތެއް ޒޫރިންއަށް ފެންނަމުން ދިޔައެވެ. އޭނާ ދޭތެރެއަކުން ހީނލަ ހީނލާ އިނދެއެވެ. އަނެއްބައި ފަހަރަށް ރޭޝްމާގެ ގައިގާ ނިކަން ލޯބިން ބައްދާލައެވެ. އަދި ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭކަމުގައި ބުނެއެވެ.
އިރުއޮއްސި ހަތްގަޑި ބައިވަން ވާއިރަށް ރޭޝްމާމެންގޭ ތެރެއަށް މީހުން ޖަމާވާންފަށައިފިއެވެ. ރޭޝްމާގެ ފަރާތުން ހުރީ ނާޒިލު އާއި އޭނާގެ ރަޙުމަތްތެރިއެކެވެ. ދެން ތިބީ ތަހުސީނުގެ ޢާއިލާ މެންބަރުންނެވެ. ކައިވެނިކޮށްދޭ މީހުން އައިސް ގޭތެރެއަށް ވަންތަން ފެނިފައި މީޒާ އިތުރަށް ދަތްކުނޑިވިކާލިއެވެ. އަދިވެސް އެގެއަށް ޝައުން ނާންނާތީއެވެ. އެންމެނާ އެކަހެރިވެލާފައި މީޒާ އޭނާގެ ދަރިފުޅު ޝައުންއަށް ގުޅިއެވެ. އަދި އަމުރުވެރި ގޮތަކަށް ހުރިތަނުން ހަމަ މިހާރު އައުމަށް ބުންޏެވެ.
ތަހުސީނުގެ ކައިވެންޏަށް އަންނަންޖެހިފައި އޮއްވާ މީޒާ ގުޅާފައި އަންނަންވީ އެޑްރެސް ބުނެ އެގެއަށް ވަގުތުން އައުމަށް ބުނުމުން ޝައުން ހުރީ ވާނުވާ ނޭނގިފައެވެ. މީޒާ މާގިނަ ވާހަކައެއް ނުދައްކާ ފޯނު ބޭއްވީތީ އަލުން ޝައުން ގުޅިއެވެ. އެޑްރެސް ޔަޤީންކުރިއެވެ. އެއާއެކު މީހާ ގަނޑުވާގޮތްވެއްޖެއެވެ. ކުއްލިއަކަށް ސިކުނޑީގެ ހިނގުން އަވަސްވެގެން ދިޔަ ނަމަވެސް ނިންމުންތަކެއް ނިންމާކަށް ނޭނގުނެވެ. ބޮލުގައި ރިއްސާލިހެން ނިތްކުރީގައި ކަނާއަތުގެ އިނގިލިތަކުން ޝައުން އޮބާލިއެވެ. ކާރަށް އަރާ ހަމަޖެހިލުމާއެކު ދުއްވާނުލާ އޭނާއަށް އަދިވެސް މަޑުކޮށްލެވުނީއެވެ. އެއާއެކު އަނެއްކާ ވެސް މީޒާގެ އަމުރުވެރި ފޯނުކޯލު ލިބިގެންދިޔައެވެ. ސުވާލުކުރާނޭ ފުރުޞަތެއް ޝައުންއަކަށް މީޒާ ނުދިނެވެ. ގޮތް ހުސްވެފައި ހ.ބުލޫމޫންގެއަށް ކާރުގައި ޝައުން މިސްރާބުޖެހިއެވެ. އެހިސާބަށް އާދެވުމާއެކު ޢާއިލާގެ އެހެން މެންބަރުންގެ ކާރުތައް ޝައުންއަށް ފެނިގެންދިޔައެވެ. ކާރުގައި އޭސީ ޖައްސާފައި ހުރި އިރު ވެސް ޝައުން ދާހިތްލަން ފަށައިފިއެވެ.
ކާރު ޕާކުކޮށްލުމާއެކު އެ އިން ފައިބައިގެން އަވަސްފިޔަވަޅުގައި ޝައުން އައިސް ދޮރޯށީގައި ހިފާލިއެވެ. އެހިނދު އެއްވެސް ހިފެހެއްޓުމެއްނެތި އެތެރެއަށް ދޮރޯށި ހުޅުވިއްޖެއެވެ. ކުރިމަތިން ވައަތް ފަރާތުގައި މައްޗަށް އަރަން ހުރި ސިޑިއާއި ކަނާތްފަރާތުގައި ގޭތެރެއަށް ވަދެވެން ހުރި ދޮރު ހުއްޓެވެ. އެތަންތަން ފެނި ޝައުންގެ ކަނދުރާގައި ހުރި ލޯލިތައް ކޮޅަށް ޖެހިގެން ދިޔައީ ބިރުވެރިކަމުގެ ހަނާއެޅުމަކާއެކުއެވެ. ކަންބޮޑުވުމާއެކު ހިކިފައިވާ ކަރުތެރެ ތެތްމާލުމަށް ހިންދިރުވާލިއެވެ. ވަށައިގެން ނަޒަރު ހިންގަނިކޮށް ސިޑިން މައްޗަށް ދާންވީކަން އެނގުނީ އަޑުފަށްގަނޑު އަންނަނީ މަތީންކަން އެނގުނީމައެވެ. ހަމަޖެހެން މޭގައި ފިރުމާލުމަށްފަހު ފުންނޭވާއެއް ޝައުންލިއެވެ. އަދި ސިޑީގެ ދެ ހަރުފަތް ދޫކުރަމުން ފަރިތަކަމާއެކު ޓެރެސްއަށް އަރާ މަޑުކޮށްލައިފިއެވެ.
މީޒާއަށް ޝައުން ފެނުމާއެކު އޭނާގެ ގާތަށް އައިސް ކުދިކިޔައިގަތެވެ. ނަމަވެސް ޝައުންގެ މުޅި ދުނިޔެ އެނބުރިގަތްހެން އެވަގުތު ހީވިއެވެ. އޭނާގެ ވަށައިގެންވާ ހިނގާ ހުރިހާކަމެއް އަނދިރިގަނޑުގެތެރެއަށް ގޮސް ގެއްލި ހަމައެކަނި އެ ދެލޮލަށް ފެންނަމުން ދިޔައީ ކައިވެނި ކުރެވޭ މޭޒުދޮށުގައި ތިބި ތަހުސީނާއި އޭނާގެ ގާތުގައި އިން ރޭޝްމާއެވެ. މޭނުބައިކުރާ ކަހަލަ ގޮތްތަކެއް ޝައުންއަށް ކުރެވިގެން ދިޔައެވެ. އެހިނދު އެއްއަތުން އަނގަމަތީ ހިފަހައްޓާލެވުނެވެ. އޭރު މީހާ ދަލުން ފޯވަނީއެވެ. ލައިގެން ހުރި ހުދު ގަމީސް ޝައުންގެ ބުރަކަށީގައި ހިފަމުންދިޔައެވެ. އެތަނުގައި ހުންނަން އެއްގޮތަކަށް ވެސް ޝައުންއަކަށް ނުކެރުނެވެ. ނަމަވެސް އެނބުރިލިވަގުތު އޭނާގެ އަތުގައި މީޒާ ހިފައިފިއެވެ.
"ކޮންތާކަށް؟ މިއަދު މިކަމަށްވުރެ މުހިންމު އެއްވެސް ކަމެއް ޝައުންއަކަށް ނޯންނާނެ. ބައްޕަ ވެސް އެ ހުންނެވީ ޝައުން އައިލެއް ލަސްކަމުން ނުރުހުންވެލައްވާފައި" މީޒާ ސިއްރުސިއްރުން ދަރިފުޅަށް ބުނެލިއެވެ.
ހަނދާންކުރަން ބޭނުންނުވިޔަސް ޝައުންގެ ސިކުނޑި އޭނާގެ ލޯ ކުރިމަތީ ކުލަކުރަމުން ދިޔައީ މާޒީގެ ފޮޓޯތަކެވެ. މިއަދު ލަދުވެތިކަން އަމިއްލަ ޟަމީރަށް އިހުސާސް ކުރެވެމުންދިޔައެވެ. އަނެއްކޮޅުން ތަހުސީނުދެކެ ބޭއިޚްތިޔާރުގައި ރުޅި އާދެވުނެވެ. މުޅި މާލެއިން ރޭޝްމާ ނޫން އަންހެނަކާ އިންނަން ތަހުސީނަށް ނޭނގުނީމައެވެ. އަމިއްލަ ލަދުވެތިކަމާއި ކުރެވުނު ކުށް ފޮރުވާލުމަށް ރުޅި ހަތިޔާރެއްގެ ގޮތުގައި ޝައުން ބޭނުންކުރީއެވެ. ހިތުގައި ރޭޝްމާއަށް ނަފުރަތު އުފެއްދީ ތަހުސީނުގެ ސިކުނޑިއަށް ވެރިވެގަތީމައެވެ. ދަތްކުނޑިވިކާލަމުން ދެ ބުމަ ގޮށްޖަހާލައިގެން ޝައުންއަށް ހުރެވުނީއެވެ.
އަނބިޤަބޫލުކޮށް ކައިވެނީގެ ހަފުލާ ނިމުމަކަށް އަތުވެއްޖެއެވެ. މޭޒުދޮށުން އެންމެން ތެދުވެ ޤާޟީއަށް އިޙުތިރާމު އަދާކުރުމާއިއެކު އެ ހަފުލާއަށް ތައްޔާރުކޮށްފައި އޮތް ސައިގައި ބައިވެރި ވުމަށް ދަޢުވަތު އެރުވިއެވެ. އެކަމުގައި ތަހުސީނާއި އޭނާގެ ބޭބެ އާއި ބައްޕަ އިސްކޮށް އުޅުނެވެ. ރޭޝްމާގެ ފަރާތުން ހިތްހަމަޖެހޭ ކަހަލަ ކުލަވަރެއް ފެނުނެއްކަމަކު ޒާހިރާއަށް ޒޫރިން ކަމަކު ނުދިޔައެވެ. ޒޫރިންގެ އަނަރޫފަވެފައިވާ ހަށިގަނޑާއި ކުޑަދަރިއަކު ގޮވައިގެން އުޅޭތަން ފެނި އެކަމާ ޒާހިރާ ހީވަނީ ބޮލުގައި ރިއްސައިގަނެފައި ހުރި ހެންނެވެ. އެހެންވެ ވަގުތެއް ހޯދާލައިގެން ޒޫރިންގެ ގާތަށް އައިސް ކުޑަދަރިފުޅު ގޮވައިގެން އެ ފަދަ ވަގުތެއްގައި ހާމަތަނެއްގައި ހުރުމަށްވުރެ އެންމެ ރަނގަޅު ގޮތަކީ އެތެރެއަށް ވެއްދުން ކަމުގައި ބުނެލިއެވެ. އުމުރުން ދުވަސްވީ ޒާހިރާގެ ބަސް ވަގުތުން ޒޫރިން ޤަބޫލުކުރިއެވެ. އަދި އެ ދެ ލޮލުން ފެނިގެން ދިޔަ އިޙްތިރާމާއި ލޯބި ޒާހިރާއަށް ދެނެގަންނާކަށް ނޭނގުނެވެ. ތަހުސީނުގެ މަންމައަށް ޒާހިރާ ވާއިރު އެއީ ޒޫރިންގެ މާމަކަން ޚުދު ޒޫރިންއަށް އެނގެއެވެ. އެހާ ފަސޭހައިން ޒާހިރާގެ ބަސް ޤަބޫލުކުރީ އެހެންވެއެވެ.
ދުރުދުރުން އުޅުނު ޝައުންގެ އަތުގައި މީޒާ ހިފައިގެން އައިސް ރޭޝްމާގެ ކުރިމަތީ މަޑުކުރިއެވެ. އެހިނދު ހަތަރުކަޅި ހަމަވގެން ދިޔަ ޝައުން އާއި ރޭޝްމާއަށް ވެސް ނުބައިގޮތްތަކެއް ވެގެން ދިޔައެވެ. ދެ ލޯ ބޮޑުކޮށްލެވުނީ ޝައުންއަކީ މީޒާގެ ހުރި ހަމައެކަނި ދަރިފުޅުކަން ރޭޝްމާއަށް އެނގުމުންނެވެ. ލިބުނު އުފާވެރިކަން ރޭޝްމާގެ އަތުން ފޭރިގަތް ކަހަލަ އިހުސާސެއް އެވަގުތު ކުރެވިގެން ދިޔައެވެ. (ނުނިމޭ)