ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ބެންޒެމާއަށް އަނިޔާވީ އެންމެފަހުން ލީގުގައި އެތްލެޓިކޯ މެޑްރިޑް އަތުން 1-0 ލަނޑުން ރެއާލް ބަލިވި މެޗުގައެވެ. ބެންޒެމާއަށް އަނިޔާވީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެހެން ކަމުން އޭނަ ބަދަލުކުރަން ޖެހުނެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން ބެންޒެމާއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ގިނަގަ މެޗްތަކެއް ވަނީ ގެއްލިފައެވެ. އެގޮތުން ބެންޒެމާއަށް ގެއްލޭނެ ކަމަށް ބެލެވޭ މެޗްތަކުގެ ތެރޭގައި ލީގުގައި ލެވަންޓޭ އާއި ސެލްޓަވީގޯ އާއި ލަސް ޕަލްމަސް އާއި ސެވިއްޔާ އަދި ޗެމްޕިއަންސް ލީގުގައި ރޯމާއަށް ދެކޮޅަށް، ރެއާލްއިން ކުޅޭ މެޗް ވެސް ހިމެނޭ ކަމަށް ބެލެވޭ ކަމށް ރިޕޯޓްތަކުން ބުނެއެވެ.

ބެންޒެމާއަށް އަނިޔާވިއިރު، ރެއާލްގެ މުހިއްމު ތިން ކުޅުންތެރިއަކަށްވެސް ވަނީ އަނިޔާވެފައެވެ. އެގޮތުން އެ ތިން ކުޅުންތެރިންނަކީ ގެރެތް ބޭލް އާއި ޕެޕޭ އަދި މާސެލޯއެވެ.

ސްޕެއިން ލީގުގެ ތިންވަނައިގައި 54 ޕޮއިންޓާއެކު ރެއާލް އޮތްއިރު، ދެވަނައިގައި 58 ޕޮއިންޓާއެކީ އޮތީ އެތްލެޓިކޯ މެޑްރިޑެވެ. އަދި ލީގުގެ އެއްވަނައިގައި 66 ޕޮއިންޓާއެކީ އޮތީ ބާސެލޯނާއެވެ.