އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި އަންނަ އާދީއްތަ ދުވަހު ފަށާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯރަޕޭޝަން (އޯ.އައި.ސީ) ގެ ސަމިޓަށް ޖަކާޓާގައި ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަކޮށް، ސަލާމަތީ ކަންކަން ބަލަހައްޓަން 14000 ސިފައިންނާއި ފުލުހުން ނެރޭނޭ ކަމަށް އިންޑޮނޭޝިޔާއިން ބުނެފިއެވެ.

ޖަކާޓާގައި އާދީއްތަ ދުވަހު ފަށާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯރަޕޭޝަން (އޯ.އައި.ސީ) ގެ ދެދުވަހުގެ ސަމިޓަކީ އެކްސްޓްރާ އޯޑިނަރީ ސަމިޓެކެވެ.

މިއީ، ފަލަސްތީނުގެ، ޚާއްސަކޮށް އަލް ގުދުސް އަލް ޝަރީފްގެ މައްސަލާގައި ބާއްވާ ކުއްލި ސަމިޓެކެވެ. ސަބަބަކީ ފަލަސްތީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތާ ގުޅިފައިވާ މައްސަލައެއް ކަމަށްވާތީއެވެ.

އޯ.އައި.ސީގައި ހިމެނޭ 57 ގައުމުގެ އެންމެމަތީ ވެރިންނާއި، މަތީ ފެންވަރުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ މިސަމިޓްގައި، ގުދުސްގެ މައްސަލާގައި އަޅާނެ ފިޔަވަޅުތަކާއި، ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކުރުން އިސްރާއީލުން ކުރިއަށް ގެންދާ ގެންދިއުން ހުއްޓުވަން އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި ގޮތްތަކެއް ނިންމާނޭ ކަމަށް ޚަބަރު ލިބެއެވެ. މިކަންކަމުގެ މައްޗަށް މެމްބަރު ހުރިހާ ގައުމުތަކުން އެއްބަސްވާ ގަރާރެއް ފާސްކުރާނޭ ކަމަށްވެސް ޚަބަރު ލިބެއެވެ.

އިންޑޮނޭޝިޔާގެ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް ޒީ ބާރލިން ވިދާޅުވީ، ސަމިޓްގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ދިއުމަކީ އިންޑޮނޭޝިޔާއަށްވެސް ލިބޭނޭ ރީތި ނަމެއް ކަމަށެވެ.

"ސަމިޓްގެ ސަލާމަތީ ކަންކަމަށް 14،178 ސިފައިންނާއި ފުލުހުންގެ އޮފިސަރުން ނެރޭނެ. އޭގެ ބޭނުމަކީ، ޓްރެފިކް އެކްސިޑެންޓްތައް ހުއްޓުވައި، މުޒާހަރާތަކާއި، ދެކޮޅުވެރި ހަރަކާތްތަކާއި، ޓެރަރިޒަމްގެ އަމަލުތަކާއި، ހަތިޔާރާއި ބޮމާއި ގޮވާތަކެތި ބޭނުންކޮށްފާނެތީއާއި، މަގުތައް ބަންދުކުރުންފަދަ ޖަރީމާއެއް ހިންގަފާނެތީ އެކަން ހުއްޓުވުން" ކާނަލް ޒީ ވިދާޅުވެފައި ވެއެވެ.