ބުރިޖް މަޝްރޫއާ ދެކޮޅަށް ދިވެހި ރާޅާއެޅުންތަކެއް ރޭ ލޮނުޒިޔާރަތްކޮޅު ޓަސްކަލޫސާ ކަންމަތީގައި ކުރި މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެންތިބި އެންމެން މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ވީނިއުސްއަށް އިނގިފައިވާގޮތުން ފުލުހުން ރޭ ހައްޔަރު ކުރީ 11 މީހެކެވެ.

ވީނިއުސްއާ ވާހަކަ ދައްކަމުން ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވީ، ލޮނުޒިޔާރަތްކޮޅުން ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެންތިބި މީހުން މިއަދު ދޫކޮށްލީ ކޯޓުން ކަމަަށާއި ދޫނުކުރާ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.

ފުލުހުން އެމީހުން ހައްޔަރުކުރީ ބްރިޖް އެޅުމުގެ މަސައްކަތްކުރުމަށް އެ ސަރަހައްދަށް ގެންގޮސްފައި އޮތް ޓަގު ބޯޓު ކައިރި އަށް ފަތާފާގޮސް، ބްރިޖްއަޅާތީ އެކަމާދެކޮޅަށް ޝުއޫރުފާޅުކުރި ދިވެހި ރާޅާއެޅުންތެރިން ތަކެކެވެ. އެބޯޓް ކާރިއަށް ގާތް ގަޑަކަށް 20 ނޫނީ 15 ވަރަކަށް މީހުން ފަތާފާ ދިޔަ ކަމަށް އެސަރަހައްދުގައި އެވަގުތު ހުރި ވީނިއުސްގެ ރިޕޯޓަރު ބުންޏެވެ.

ބުރިޖް މަޝްރޫއާ ދެކޮޅަށް ރާޅާ އެޅުންތެރިން ޝުއޫރުފާޅުކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައި ވާއިރު، މިނުރުހުން ފާޅު ކުރުމުގައި ގިނަ އަދަދެއްގެ ރާޅާ އެޅުންތެރން ދަނީ ބައިވެރިވަމުންނެވެ. އަދި އެމީހުންގެ ޝުއޫރުތައް ފާޅު ކުރުމުގެ ގޮތުން ޗައިނާ ބަހުންނާއި ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައިވާ ޕޯސްޓަރުތައް އެސަރަހައްދުގައި ވަނީ ބަހައްޓައިފައެވެ.

ވީނިއުސްއާ ވާހަކަ ދައްކަމުން ދިވެހި ރާޅާއެޅުންތެރިއަކު ބުނީ، މިމުޒާހަރާއަކީ މިކަމަށް އަވަސް ހައްލެއް ލިބެންދެން ކުރިއަށް ގެންދާނެ މުޒާހަރާއެއް ކަމަށެވެ. އަދި ބްރިޖް އަޅަން ސަރުކާރުން ނިންމާފައިވާ ގޮތުން، ރާޅާ އަޅާ ކުދިންނަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަަމަށާއި އަދި ބޮޑެތި އަނިޔާތައް ވެގެން ދާނެ ކަމަށް އޭނަ ބުންޏެވެ.

ބްރިޖު އެޅުމުގެ މަސައްކަތް ފެށިފައިވާތީ ހެންވޭރު ރާޅުގަނޑުގެ ބައެއް ސަރަހައްދުތަކުގައި ފެންސް ޖަހައި ބައެއް ސަރަހައްދުތަކަށް ވަނުން ވެސް މިހާރު ވަނީ މަނާ ކޮށްފައެވެ.

ހުޅުލެ-މާލެ ބްރިޖް ގުޅުވާނީ ހުޅުލޭ ދެކުނު ފަރާތުން ރަންވޭ ކޮޅުން ފެށިގެން މާލޭ އިރު ދެކުނު ފަރާތު ސުނާމީ ބިނާ ސަރަހައްދަށެވެ.