އިޓަލީގެ ނަޕޯލީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއެން އެޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް ދެކޮޅު ހަދައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޮންޓްރެކްޓް އާނުކުރުމަށް ހިގުއެން ނިންމީ ފަހަކަށް އައިސް އޭނާ ފަލަވެއްޖެ ކަމަށް، ނަޕޯލީގެ ޗެއާމަން ލައުރެންޓިސް ބުނުމުންނެވެ.

ހިގުއެން ނަޕޯލީއާ އެކީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ ތިން އަހަރު އޮތްއިރު، މި ސީޒަނަށް ފަހު އޭނާ ނަޕޯލީ ދޫކޮށްލުމަށް ފަހު އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ހިގުއެން ހޯދުމަށް ޗެލްސީ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަޕޯލީއާ 2013 ވަނަ އަހަރު ގުޅުނު ހިގުއެން މި ސީޒަނުގައި މިހާތަނަށް ނަޕޯލީއަށް ކުޅެދިން 35 މެޗުގައި 27 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.