މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފައިވާ ޗޮކްލެޓްގެ އެއްވެސް ބާވަތެއް ވިއްކަމުން ނުދާ ކަމަށް ބައެއް ބާވަތްތަކުގެ ޗޮކްލެޓް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ލިބިފައިވާ ވީބީ ބްރަދާޒް އިން ބުނެފި އެވެ.

ވީބީ އިން މިހެން ބުނެފައި މިވަނީ މުޅި ދުނިޔޭގައިވެސް އަދި ދިވެހިންގެ މެދުގައިވެސް މަގުބޫލު ޗޮކްލެޓްގެ ބްރޭންޑްތައް ކަމުގައިވާ ސްނިކާސް، މިލްކީވޭ، މާސް އަދި ސެލެބްރޭޝަންސް ޗޮކްލެޓްގެ ބައެއް ބާވަތްތައް ޕްލާސްޓިކް އެތިކޮޅުތަކަކުން ތަޣައްޔަރުވެފައިވާތީ ދުނިޔޭގެ ބައެއް ގައުމުތަކާއި އަދި ރާއްޖޭގައި ވެސް މިބާވަތްތައް ވިއްކުން މަނާކޮށްފައިވާތީ އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މަނާކޮށްފައިވަނީ ނެދަލޭންޑްސްގެ މާސް ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން 5 ޑިސެމްބަރު 2015 އާއި 16 ޖެނުއަރީ 2016 އާއި ދެމެދު އުފައްދާފައިވާ ޗޮކްލެޓްގެ ބާވަތްތައް ރާއްޖެއަށް ވިއްކުމާއި އެތެރެކުރުމެވެ.

މިކަމާއި ގުޅިގެން ވީބީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަނާކުރެވިފައިވާ ބެޗް ނަމްބަރުގެ ޗޮކްލެޓްގެ ބާވަތްތައް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އެމްއެފްޑީއޭ އިން މަނާކޮށްފައިވާ ޕްލާސްޓިކްގެ އަސަރުކޮށްފައިވާ މާސްގެ އެއްވެސް ބާވަތެއް ބާޒާރަށް ނެރެ ވިއްކަމުން ނުދާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މަނާކޮށްފައިވާ ޗޮކްލެޓްގެ ބާވަތްތައް ވިއްކަމުން ނުދާ ކަމަށް ރާއްޖެއަށް މާސް ޗޮކޮލެޓް އެތެރެކުރާ ސޯލް އޮތޮރާއިޒް ޑިސްޓްރިބިއުޓަރ، ވީބީ އިން ބުނެފައިވާއިރު އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީން މަނާކޮށްފައިވާ ޗޮކްލެޓްގެ ބައެއްް ބާވަތްތައް އަދިވެސް ރާއްޖޭގައި ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.