މިއަހަރުގެ ޖެނުއަރީ މަހު އެއްލައްކަ އަށްހާސް ތިންސަތޭކަ ނުވަދިހަ ހަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ހާމަކުރި ޖެނުއަރީ މަހުގެ ތަފާސްހިސާބުގައި ވާގޮތުން މިއީ 2015 ވަނަ އަހަރާ އަޅައިބަލާއިރު 11.7 އިންސައްތަ އިތުރު އަދަދެކެވެ. 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ޒިޔާރަތްކުރީ ނުވަދިހަ ހަތްހާސް ހަތްދިހަ ތިން ފަތުރުވެރިންނެވެ.

އެންމެ ގިނަ ފަތުރުވެރިން އައީ ޔޫރަޕްގެ ގައުމުތަކުންނެވެ. 2016ވަނަ އަހަަރުގެ ޖެނުއަރީ މަހު ޔޫރަޕުން 55،382 ފަތުރުވެރިން އައެވެ. 2015 ވަނަ އަހަރު އައީ 52،545 ފަތުރުވެރިންނެވެ.

ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ އޭޝިއާއާއި ފެސިފިކް ސަރަހައްދުގެ ގައުމުތަކުންނެވެ. އެ ސަރަހައްދުގެ ގައުމުތަކުން މިއަހަރުގެ ޖެނުއަރީ މަހު 43،669 ފަތުރުވެރިން އައެވެ. 2015 ވަނަ އަހަރު އައީ 36،311 ފަތުރުވެރިންނެވެ.

2016 ވަނަ އަހަރުގެ ޖެނުއަރީ މަހު މެދުއިރުމަތީގެ ގައުމުތަކުން އައީ 4،339 ފަތުރުވެރިންނެވެ. 2015 ވަނަ އަހަރު އައީ 3،885 ފަތުރުވެރިންނެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގައި 116 ރިސޯޓާއި، 17 ހޮޓަލާއި، 23 ގެސްޓްހައުސްއާއި، 177 ސަފާރީ ހިންގާފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2015 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 1،204،857 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަނީ 2014 ވަނަ އަހަރަށް ވުރެ 2.4 އިންސައްތަ ކުރިއަރާފައެވެ.