ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފުޓްބޯޅަ އެކަޑަމީ ކޯޗް ބަލްގޭރިޔާގެ ރަޑޯއީ މިންކޮވްސްކީ މިއަދު މާލެ އަތުވެއްޖެ އެވެ.

ވީނިއުސްއާ ވާހަކަ ދައްކަވަމުން ނިއުގެ ޖެނެރަލް ސެކްރެޓަރީ އަލީ ޝަމީމް (ކޮޔަރު އައްޔަ) ވިދާޅުވީ، އެކަޑަމީ ކޯޗް މާލެ އައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި މިއަދު މެންދުރު ފަހު ޓާފް ދެ ނަންބަރު ދަނޑުގައި އޮންނަ އެކަޑަމީގެ މަސައްކަތުގައި ކޯޗް ބައިވެރިވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

" މިއަދު މެންދުރުފަހު އޮންނަ އެކަޑަމީގެ މަސައްކަތުގައި ކޯޗް ބައިވެރިވާނެ. މިކޯޗަކީ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާކާރު ކޯޗެއް. މިކޯޗް ވަނީ ތިން އަހަރު މިޔަންމާއާއި އިންޑޮނޭޝިޔާގެ ޔޫތް ޓީމްތަކާއެކު ވެސް މަސައްކަތްކޮށްފައި. " ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ނިއުގެ އެކަޑަމީގައި 250 ކުދިން އުޅޭ ކަމަށެވެ. އެއީ ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ކަމަށެވެ.

"އަދި މުޅިން ވެސް ގެންގުޅެނީ ހުސް ފިރިހެން ކުދިން. އެކަމަކު ވަރަށް އަވަހަށް އަންހެން ކުދިންނަށް ވެސް އެކަޑަމީގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާނަން" ޝަމީމް ވިދާޅުވި އެވެ.