އައްޑޫ ސިޓީ ހިތަދޫގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ މި އޮޕަރޭޝަނަކީ ކުށްމަދު އަމާން ތަނަކަށް ހިތަދޫ ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ މި އޮަޕަރޭޝަނުގައި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ދަނީ ތުހުމަތުކުރެވޭ މީހުން ބަލައި ފާސްކުރުމުގެ އިތުރުން އައްޑޫ ސިޓީގައި ހުރި ފަޅު ގެތަކާއި ބައެއް ސަރަހައްދުތައް ބަލައި ފާސްކުރަމުން ކަަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

އެގޮތުން ކުރަމުންދާ މި މަސައްކަތުގައި މިހާތަނަށް 14 ތަނެއް ބަލައި ފާސްކޮށްފައިވާއިރު ދެ ތަނަކުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށާއި އަދި މި ދެ ތަނުގެ ތެރެއިން ބަލައި ފާސްކުރި ގެއަކުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނާއެކު 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އައްޑޫ ސިޓީއަކީ ކުށްމަދު އަމާން ތަނަކަށް ހެދުމަށް އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް ތަފާތު އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.