މާލޭގައި ހިންގާ "ފިލިވޮށި" ނަމަކަށް ކިޔާ ފިހާރައެއް ފަޅާލައި އެތައް ލައްކަ ރުފިޔާގެ ގަހަނާތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ފަތިހު 04:20 ހާއިރު ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ތުހުމަތު ކުރެވޭ ފަދަ ގޮތަކަށް ގަހަނާ ފަދަ އެއްޗެއް ވިއްކާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދޭ ކަމަށެވެެ.

ރަންރިހީގެ މަސައްކަތް ކުރާ ފަރާތަކުން ހިންގާ މި ފިހާރައަށް ވަދެފައިވަނީ އެތަނުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށެވެ. ވަގަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި ރަން ފަށާއި، ރަން ކެވެއްޔާއި، ރިހީގެ ގަހަނާއާއި އެހެނިހެން ބައެއް ތަކެއްޗާއި އަދި ފިހާރައިގެ ވަތްގަނޑުގައި ހުރި 4000 ރުފިޔާވެސް ވަގަށް ގެންގޮސްފައިވާ ކަމަށް ފިހާރަ ހިންގާ ފަރާތުން ބުނެ އެވެ. އަދި ވަގަށް ގެންދިޔަ ތަކެތީގެ ޖުމްލަ އަގު ގާތްގަނޑަކަށް ފަސްލައްކައަށް އަރާނެ ކަމަށްވެސް އެފަރާތުން ބުނެ އެވެ.