ފިލިޕީންސްގެ ދެކުނުގެ ހިސާބަކުން ކަނޑުގެ ސަރަހައްދުން އޮޔާދަނިކޮށް މިދިޔަ ހުކުރު ދުވަހު ފެނުނު ޔޮޓްގައި މަރުވެފައި އޮއްވާ ފެނުނު ޖަރުމަނުމީހާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންކަމަށް ފިލިޕީންސުން ބުނެފިއެވެ.
ޔޮޓުގައި މަރުވެފައި އޮއްވާ ފެނުނު ޖަރުމަނު މީހާގެ އޮޓޮޕްސީ ހެދުމަށްފަހު ފިލިޕީންސް ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމީހާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި، ޔޮޓް ފެނުނުއިރު އެމީހާ މަރުވިތާ ހަފްތާއެއް ވެދާނެ ކަމަށެވެ.
ޚަބަރުލިބޭގޮތުގައި މަރުވިތާ ހަފްތާއެއް ވީނަމަވެސް، އޭނާގެ ހަށިގަނޑު ކުންޏެއް ނުވެއެވެ. ރަތްދަކަ އަތްވާއި، ލޮނު ވައިގެ ސަބަބުން އެމީހާގެ ހަށިގަނޑު އޮތީ ހިކި ހަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.
އޭނާ މަރުވެފައި އިނީ، ޔޮޓްގެ ކެބިން ތެރޭގައި ހުރި މޭޒެއް ކައިރީގައެވެ. އިނީ ގޮނޑީގައި އިށީނދެގެން މޭޒްމައްޗާއި ދިމާއަށް ބޯތިރި ކޮށްގެންނެވެ.
ޔޮޓްގައި ހުރި ލިޔެކިއުންތަކާ ހަވާލާދީ ފިލިޕީންސް ފުލުހުން ބުނެފައިވަނީ، މަރުވެފައި އޮއްވާ ފެނުނު މީހަކީ މަންފްރެޑް ފްރިޒް ބަޖޮރަޓް ނަމަކަށްކިޔާ، ޖަރުމަނު ރައްޔިތެއް ކަމަށެވެ.
"ނޭޝަނަލް ކްރައިމް ލެބޯޓްރީގައި ހެދި އޮޓޮޕްސީއިން ދައްކަނީ، އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންކަމަށް. އޭނާ މަރުވެފައި އޮންނަތާ ހަތްދުވަސްވަރު ވެދާނެކަމަށްވެސް ތަހްލީލުތަކުން ދައްކާ" ފިލިޕީންސް ގައުމީ ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް ވިލްބެން މާޔަރ ވިދާޅުވިއެވެ.
ކަނޑުމަތިން އޮޔާދަނިކޮށް ޔޮޓް ފެނުނީ، ފިލިޕީންސްގެ މަސްވެރިންގެ ބަޔަކަށެވެ. އެ ޔޮޓާއި، އޭގައި މަރުވެފައި އޮތް ޖަރުމަނު މީހަކު ފެނުނު ނަމަވެސް، އެމީހާ ދަތުރަށް ފުރީ ކޮންތާކުންކަމެއް އަދި އޭނާ ދަތުރުކޮށްފައި ދިޔައީ ކޮންތާކަށް ދާންކަމެއްވެސް އަދި ވަނީ ނުހޯދިފައެވެ.
ޖަރުމަނުވިލާތުގެ ބިލްޑް ދުވަހު ނޫހުން ބުނެފައިވަނީ، ޔޮޓްގައި މަރުވެފައި އޮއްވައި ފެނުނު އުމުރުން 59 އަހަރުގެ މަންފްރެޑް ފްރިޒް ބަޖޮރަޓް އަކީ އާންމުކޮށް ޔޮޓް ދުއްވާ މީހެއް ކަމަށެވެ.
އޭނާ ޖަރުމަނުވިލާތް ދޫކޮށް ދިޔަތާ ވިއްސަކަށް އަހަރު ވެދާނެ ކަމަށާއި، ނަމަވެސް، އޭގެފަހުން އޭނާ އުޅުނުތަކެއް އެކަކަށްވެސް ނޭނގޭ ކަމަށް ނޫހުން ބުނެފައި ވެއެވެ.