މުޖުތަމައުގައި އަންހެނުންނަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދީ އެކަންކަމުން މުޖުތަމައު ހޭލުންތެރިކުރުމަށް މަހަލްދީބް ފައުންޑޭޝަނުން އިސްނަގައިގެން ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

އެންލައިޓެންގެ ފަރާތުން "ޑޫ ޔޫ ނޯ ހަރ" ގެ ނަމުގައި މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އިން 19 އަށް ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި އެވެ.

މަހަލްދީބް ފައުންޑޭޝަނުން ބުނީ މި ކޮންފަރެންސަކީ އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އަންހެނުން ބާރުވެރިކޮށް، އިޖުތިމާއީ ކަންތައްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ.

މި ކޮންފަރެންސްގައި އިޖުތިމާއީ އިލްމާއި، ސައިކޮލޮޖީއާ ދީނީ ކަންކަމާ ބެހޭގޮތުން އިލްމުވެރިން ތަގުރީރު ދެއްވާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.

ޖުމްލަ ފަސް ސެޝަނަކަށް ބަހާލައިގެން ބާއްވާ މި ކޮންފަރެންސްގައި ހަތް ބަޔަކަށް އަލިއަޅުވާލެވޭނެ ކަމަށާއި، އެބައިތަކަކީ ގައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރު، ރާއްޖޭގައި އަންހެނުންގެ ހާލަތު، ކައިވެންޏަށް އަންހެނުން، އިސްތިއުރާޖީ ރޭވުންތެރިކަން، ނަމޫނާ އަންހެނުން، އަހަންނަކީ އިޖުތިމައިީ ގޮތުން ހަރަކާތްތެރި އަމިއްލަ ނަފްސަށް އިތުބާރުކުރާ އަންހެނެެއް އަދި ޖިންސީ ހަމަހަމަކަން ހިމެނެ އެވެ.

އަންހެނުންނަށް ހާއްސަކޮަށްގެން ބާއްވާ މި ކޮންފަރެންސްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިކަންކަމާއި ގުޅުންހުރި ތަޖުރިބާކާރު ރާއްޖެއިން ބޭރުގެ ދެ ބޭފުޅަކާއި، ރާއްޖޭގެ ބޭފުޅުން ކަމަށް ވެެސް އެ ފައުންޑޭޝަނުން ބުނެ އެވެ.

މަހަލްދީބް ފައުންޑޭޝަނުން ބުނީ މި ކޮންފަރެންސަކީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ އަންހެން ބޭފުޅުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ކޮންފަރެންސެއް ކަމަށެވެ. އަދި ކޮންފަރެންސްގައި ބައިވެރިވެވޭނީ ޓިކެޓް ގަނެގެން ކަމަށާއި، އެގޮތުން ޓިކެޓެއްގެ އަގަކީ އެންމެ ބޭފުޅަކަށް ނަމަ 250 ރުފިޔާ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ. ނަމަވެސް ތިން ޓިކެޓަށް ވުރެ ގިނައިން ގަންނަ ނަމަ ކޮޮންމެ ޓިކެޓަކުން 50ރ. ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.

އެ ފައުންޑޭޝަނުން ބުނީ މި ކޮންފަރެންސާއި ބެހޭ އިތުރު މައުލޫމާތު ހާއްސަކޮށްފައިވާ ފޭސްބުކް ޕޭޖް "އެންލައިޓެން" އަދި އެ ޖަމިއްޔާގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށެވެ.

މަހަލްދީބް ފައުންޑޭޝަނަކީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހު އުފެދިގެން އައި ޖަމިއްޔާ އެކެވެ. އަދި އެ ޖަމިއްޔާއިން ސިލްސިލާ ގޮތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ މިހާތަނަށް އެ ޖަމިއްޔާއިިން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަން ވެސް ފާހަގަކޮށްލެވެ އެވެ.