އިންޑޮނޭޝިޔާގެ ހުޅަނގުގެ ސަރަހައްދަށް ވަރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.8 ކަމަށް އިންޑޮނޭޝިޔާގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.
މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު މިހާރުވަނީ ނެރެފައެވެ.
ސުނާމީގެ އިންޒާރު ނެރެފައިވަނީ ހުޅަނގު ސުމަޓްރާއަށާއި، އުތުރު ސުމަޓްރާ އަށާއި، އަސޭއަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ، ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިޔާގެ ހުޅަނގުގައި އޮންނަ ސްމަޓްރާ ކައިރިން ކަނޑުގެ ސަރަހައްދަށް ކަމަށާއި، ކަނޑުގެ ސަރަހައްދުން 10 ކިލޯ މީޓަރު ފުންމިން ހުރި ސަރަހައްދަށް ކަމަށްވެސް ބުނެފައި ވެއެވެ.
މިބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ. ބިންހެލުން ހިކިފަސް ސަރަހައްދުތަކާ ގާތުން ކަނޑުގެ ސަރަހައްދަށް އައުމަކީ ބޮޑެތި ގެއްލުންތައް ލިބޭ ކަމެކެވެ.
މިބިންހެލުމުގެ ބާރުމިން އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ފުރަތަމަ ބުނީ 8.2 ކަމަށެވެ. އޭގެފަހުން 8.1 އަށް ތިރި ކުރުމަށްފަހު ފަހުން ވަނީ 7.9 އަށް ތިރިކޮށްފައެވެ. އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ ބިންހެލުމުގެ ބާރުމިން ހުރީ 7.8 ގައި ކަމަށެވެ.
2004 ވަނަ އަހަރު އިންޑިއާ ކަނޑަށް އައި ބާރުގަދަ ބިންހެލުމާއި، އެއާ ގުޅިގެން އުފެދުނު ސުނާމީގައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނީ އިންޑޮނޭޝިޔާއަށެވެ. ޚާއްސަކޮށް ސުމަޓްރާއެވެ.