އިންޑޮނޭޝިޔާގެ ހުޅަނގުގެ ސަރަހައްދަށް މީގެ ކުޑައިރުކޮޅެއް ކުރިން އައި ބާރުގަދަ ބިން ހެލުމާއި ގުޅިގެން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފި އެވެ.

ޔެލޯ އެލާޓަކީ މޫސުމާ ގުޅޭ ކާރިސާގެ ހާލަތުގައި ކަންކަން ނުރައްކާވެގެން ދިއުމުން ދެވަނަ އަށް އެންމެ މަތިން ނެރޭ އިންޒާރުގެ އެލާޓެވެ.

ބިން ހެލުން އައި ވަގުތު ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.8 ކަމަށް ރިޕޯޓްތައް ލިބުނު ނަަމަވެސް 8.2 ރިކްޓަރ މިންގަނޑަށް ބާރުމިން ފަހުން ގަދެވެގެން ދިޔަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މެޓް އޮފީހުން ބުނީ އިންޑޮނީޝިއާގެ ހުޅަނގު ސަރަހައްދަށް ބާރުގަދަ ބިން ހެލުމެއް އައި ނަމަވެސް އެއްވެސް ހިސާބަކަށް އަދި ސުނާމީއެއް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް އިންޑޮނީޝިއާ އާއި ކައިރި ގައުމުތަކާއި އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅަން ފަށާފަ އެެވެ.

މެޓް އޮފީހުން ބުނީ ސުނާމީއެއް އަރާނަމަ އެކަމުގެ އަސަރު ގިނަ ވެގެން ދެގަޑިއިރުގެ ތެރޭގައި ރާއްޖެއަށް ކުރާނެ ކަމަށެވެ. ނަމަވެސް ސުނާމީއެއްގެ އަސަރު ރާއްޖެއަށް ކުރުމަކީ އެހާ ކައިރި ކަމެއް ކަމަށް މިހާރު ނުބެލެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

"އެއްވެސް ބޭފުޅަކު ހާސްވެ ކަންބޮޑުނުވުމަށް އެދެން. އަޅުގަނޑުމެން މިދަނީ މި ބިންހެލުމުގެ ކަންކަން ބަލައި މޮނީޓާ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

މިއަދު ސުނާމީ އައިސްފައި މިވަނީ 2004 ވަނަ އަހަރު ބިންހެލުން އައި ސަރަހައްދަށް ވުރެ ރާއްޖެއާ ގާތަށް ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝާރީފް މީގެ އިރުކޮޅެއް ކުރިން ޓީވީއެމްއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ސުނާމީއެއް އުފެދިދާނެ ކަމަށް ބަލައި ސަލާމަތީ ފަރާތްތަކުން ދިބީ މި ހާލަތުގައި ކުރަންޖެހޭ ކަންކަމަށް ތައްޔާރަށް ކަމަށެވެ. މިހާލަތުގައި ރަށްރަށުގެ ގޮނޑު ދޮށަށް އެއްވެސް ފަރާތަކުން ނުދިއުމަށާއި ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތެއް ނޫނީ ފޯން ބޭނުން ނުކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ. މިހާރު ލިބޭ މައުލޫމާތަށް ބަލާއިރު ރާއްޖެއަށް ސުނާމީއެއް އައުމަކީ އެހާ ކައިރި ކަމެއް ކަމަށް މިވަގުތު ނުބެލެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.