އިންޑޮނޭޝިޔާގެ ސުމަޓްރާ ކައިރިން ކަނޑުގެ އަޑިޔަށް މިއަދު ހަވީރު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީ އަރާފާނެ ކަމަށް ނެރުނު އިންޒާރު އިންޑޮނޭޝިޔާއިން ކެންސަލް ކޮށްފިއެވެ.

އިންޑޮނޭޝިޔާގެ ޓީވީތަކުން ވަނީ މިކަން ރިޕޯޓް ކޮށްފައެވެ.

ރިކްޓަރ މިންގަނޑުން 7.9 ގެ ބާރުމިން ހުރި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުނީ، ހުޅަނގު ސުމަޓްރާއަށާއި، އުތުރު ސުމަޓްރާ އަށާއި، އަސޭއާއި، ބެންގްކުލުގެ އިތުރުން ލަމްޕަންގްއަށެވެ.

ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުމަށްފަހު އޮސްޓްރޭލިއާއިން ވެސް މިހާރު ވަނީ އިންޒާރު ކެންސަލް ކޮށްފައެވެ.

އިންޑިއާގެ ހައިދަރްއާބާދުގައި ހުންނަ އިންޑިއާގެ ސުނާމީ އިންޒާރުދޭ މަރުކަޒުންވެސް ބުނެފައިވަނީ، އިންޑިއާއަށް ސުނާމީއެއްގެ ނުރައްކާ ނެތްކަމަށެވެ.

މިއަދުގެ ބިންހެލުން މަރުކަޒުވެފައިހުރީ، ސުމަޓްރާގެ ޕަޑަންގްގެ ދެކުނުހުޅަނގު 808 ކިލޯމީޓަރު ދުރުގައެވެ. އަދި ބިންހެލުން އައިސްފައިވަނީ ކަނޑުގެ ސަރަހައްދުން 10 ކިލޯމީޓަރު ފުނަށެވެ.

އިންޑޮނޭޝިޔާގެ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ގައުމީ އޭޖެންސީގެ ނާއިބް ހިރޮނިމުސް ގުރޫ ވިދާޅުވީ، ބައެއް ހިސާބުތަކުން މީހުން މަރުވިކަމުގެ ރިޕޯޓްތަކެއް ލިބެމުންދާ ކަމަށާއި، ނަމަވެސް ކިތައް މީހުންކަން ކަށަވަރު ނުވާ ކަމަށެވެ. ބިންހެލުން އައި ހިސާބަށް އަވަހަށް އިރުއޮއްސޭތީ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށްވެސް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ބިންހެލުމާ ގުޅިގެން ސުމަޓްރާ ސަރަހައްދުގެ ބައެއް ރަށްތަކުގެ މީހުންވަނީ ބިންގަނޑު އުސް ސަރަހައްދުތަކަށް ދަތުރުކޮށްފައެވެ. ބައެއް ހިސާބުތަކުގައި މީހުން ބިރުން އުޅުނު ކަމަށާއި، ގެތައް ދޫކޮށް މީހުން މަގުތަކަށް ނުކުތް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިބިންހެލުމުގެ ބާރުމިން އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ފުރަތަމަ ބުނީ 8.2 ކަމަށެވެ. އޭގެފަހުން 8.1 އަށް ތިރި ކުރުމަށްފަހު ފަހުން ވަނީ 7.9 އަށް ތިރިކޮށްފައެވެ. އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ ބިންހެލުމުގެ ބާރުމިން ހުރީ 7.8 ގައި ކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ، މިއަދުގެ ބިންހެލުމާ ގުޅިގެން މީހުންނަށްވެސް އަދި ތަންތަނަށްވެސް މާބޮޑެތި ގެއްލުންތަކެއް ލިބޭނޭ ކަމަށް ނުލެބެވޭ ކަމަށެވެ.

2004 ވަނަ އަހަރު އިންޑިއާ ކަނޑަށް އައި ބާރުގަދަ ބިންހެލުމާއި، އެއާ ގުޅިގެން އުފެދުނު ސުނާމީގައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނީ އިންޑޮނޭޝިޔާއަށެވެ.

2004 ވަނަ އަހަރު އިންޑިއާ ކަނޑުގެ އަޑިއަށް އައި ބާރުގަދަ ބިންހެލުމާއި، އެއާ ގުޅިގެން އުފެދުނު ސުނާމީގައި އިންޑޮނޭޝިޔާއިން އެކަނިވެސް 170،000 މީހުން މަރުވިއެވެ. އަދި އިންޑިއާ ކަނޑުގެ ގައުމުތަކުން އެތައްހާސްބަޔަކު މަރުވެ، ބައެއް ގައުމުތަކުގެ ރަށްތައް އެކަށް ހަލާކުވިއެވެ.