އިންޑޮނޭޝިޔާގެ ސުމަޓްރާ ކައިރިން ކަނޑުގެ އަޑިޔަށް މިއަދު ހަވީރު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މުއާސަލާތީ ކުންފުނި އުރީދޫ މެދުވެރިކޮށް އެގައުމަށް ހިލޭ ގުޅޭގޮތަށް ހަމަޖައްސައިފި އެވެ.

މިކަމާގުޅިގެން އުރީދޫއިން މިރޭ މީޑިއާތަކަށް ކުއްލި ގޮތަކަށް ފޮނުވި އެސްއެމްއެސްއެއްގައި ބުނީ، މިރޭ 12:00 އާ ހަމައަށް އުރީދޫގެ ނަމްބަރުތަކުން އިންޑޮނޭޝިއާއަށް ހިލޭ ގުޅޭނެ ކަމަށެވެ.

މިރޭ 12:00 އާ ހަމައަށް އުރޫދޫ ކަސްޓަމަރުންނަށް އިންޑޮނޭޝިއާއަށް ހިލޭ ގުޅޭގޮތައް އެކުންފުނިން ހަމަޖެއްސިއިރު، މީގެ ކުރިންވެސް ދުނިޔޭގެ އެކިއެކި ގައުމުތަކަށް ދިމާވާ ގުދުރަތީ މިފަދަ ބޮޑެތި ކާރިސާތަކާ ގުޅިގެން އެގައުމުތަކަށް ހިލޭ ގުޅޭނެ އިންތިޒާމް އެކުންފުނިން އަންނަނީ އަބަދުވެސް ދެމުންނެވެ.

އިންޑޮނޭޝިޔާގެ ސުމަޓްރާ ކައިރިން ކަނޑުގެ އަޑިޔަށް މިއަދު ހަވީރު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީ އަރާފާނެ ކަމަށް ނެރުނު އިންޒާރު އެގައުމުގެ ޓީވީތަކުން ވެސް ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން ރިކްޓަރ މިންގަނޑުން 7.9 ގެ ބާރުމިން ހުރި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުނީ، ހުޅަނގު ސުމަޓްރާއަށާއި، އުތުރު ސުމަޓްރާ އަށާއި، އަސޭއާއި، ބެންގްކުލުގެ އިތުރުން ލަމްޕަންގްއަށް ކަމަށް ވެސް އިންޑޮނޭޝިއާގެ ޓީވީތަކުން ރިޕޯޓް ކުރެއެވެ.

އިންޑިއާގެ ހައިދަރްއާބާދުގައި ހުންނަ އިންޑިއާގެ ސުނާމީ އިންޒާރުދޭ މަރުކަޒުންވެސް ބުނެފައިވަނީ، އިންޑިއާއަށް ސުނާމީއެއްގެ ނުރައްކާ ނެތްކަމަށެވެ.

މިއަދުގެ ބިންހެލުން މަރުކަޒުވެފައިހުރީ، ސުމަޓްރާގެ ޕަޑަންގްގެ ދެކުނުހުޅަނގު 808 ކިލޯމީޓަރު ދުރުގައެވެ. އަދި ބިންހެލުން އައިސްފައިވަނީ ކަނޑުގެ ސަރަހައްދުން 10 ކިލޯމީޓަރު ފުނަށެވެ. އަދި މިއަދުގެ ބިންހެލުމާ ގުޅިގެން ސުމަޓްރާ ސަރަހައްދުގެ ބައެއް ރަށްތަކުގެ މީހުންވަނީ ބިންގަނޑު އުސް ސަރަހައްދުތަކަށް ދަތުރުކޮށްފައެވެ. ބައެއް ހިސާބުތަކުގައި މީހުން ބިރުން އުޅުނު ކަމަށާއި، ގެތައް ދޫކޮށް މީހުން މަގުތަކަށް ނުކުތް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އިންޑޮނޭޝިއާއަށް އާ ބާރުގަދަ މިންހެލުމާ ގުޅިގެން ރާއްޖެއިން ނެރުނު އިންޒާރު ކެންސަލް ކުރާނީ 9:15ގެ ފަހުން ކަމަށެވެ.

2004 ވަނަ އަހަރު އިންޑިއާ ކަނޑަށް އައި ބާރުގަދަ ބިންހެލުމާއި، އެއާ ގުޅިގެން އުފެދުނު ސުނާމީގައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނީ އިންޑޮނޭޝިޔާއަށެވެ.