އުތުރު ކޮރެއާއާ ދެކޮޅަށް މިހާތަނަށް އަޅާ އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް އދގެ ސަލާމަތީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފިއެވެ.

ސަލާމަތީ މަޖިލީހުން މިކަން ފާސްކޮށްފައިވަނީ ދާދި ދެންމެއަކުއެވެ.

މިއީ، އުތުރު ކޮރެއާއިން ހަތަރުވަނަ ނިއުކްލިއަރ ޓެސްޓެއް ކުރުމާއި، ރޮކްޓްތަކެއް އުދުއްސާލި މައްސަލައަށް އަދަބު ދިނުމުގެ ގޮތުން ސަލާމަތީ މަޖިލީހުން އަޅާ ފިޔަވަޅެކެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ގަރާރުގެ ދެލިކޮޕީ އެކުލަވާލީ އެމެރިކާއިންނެވެ. އެއަށް ތާއީދުކުރީ ޗައިނާއިންނެވެ. މިގަރާރަށް ވޯޓަށް އެހުމުގެ ސަލާމަތީ މަޖިލީހުގެ 15 މެމްބަރު ގައުމުންވަނީ ގަރާރަށް ވޯޓް ދީފައެވެ.

އުތުރު ކޮރެއާއަށް އަދަބު ދިނުމުގެ ގަރާރަށް ތާއީދުކުރި ޗައިނާއަކީ އުތުރު ކޮރެއާގެ އެންމެ ގާތް މިތުރެވެ. އުތުރު ކޮރެއާއާމެދު ޗައިނާއިން މިފަހަރު ކަންތައް ކުރިގޮތުން، އެގައުމާމެދު ޗައިނާގެ ސިޔާސަތުތަކަށް ބަދަލުތަކެއް އައީކަމަށް ގަބޫލު ކުރެވިފައި ވެއެވެ.

ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި ހިމެނޭ ނުކުތާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

މިގާރާރު ފާސްވުމާއެކު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވަނީ، ދުނިޔެއިން އުތުރު ކޮރެއާއަށް މެސެޖެއް ދީފި ކަމަށެވެ.