ބަންގްލަދޭޝްގެ ޑާކާއިން ޗެންނާއީމަގުން މާލެ އައި ބަންގްލަދޭޝްގެ ޢުމުރުން 37އަހަރުގެ ފިރިހެނެއްގެ އަތުން ގިނައަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ، މިދިޔަ ފެބުރުއަރީ މަހުގެ28 ވަނަ ދުވަހު މޯލްޑިވިއަންގެ Q2 551 އިން ރާއްޖެއައި މި މީހާގެ ފޮށިތަންމަތި އެކްސްރޭކުރުމުގެ ތެރޭގައި އޭނާއާއި މެދު އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ފޮށިތަކެއް ވަނީ ފެނިފައި ކަމަށެވެ. އަދި އެ ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައި ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން ބުނީ، އަތުލާގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 1.712ކިލޯގްރާމް ހުރި ކަމަށެވެ. އަދި މިމައްސަލާގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.