އިންޑޮނޭޝިޔާގެ ހުޅަނގުގެ ސަރަހައްދަށް މިރޭ އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން މުޅި ރާއްޖެއަށް ނެރުނު ޔެލޯ އެލާޓް ކެންސަލް ކޮށް ގްރީން އެލާޓް ނެރެފި އެވެ.

ގްރީން އެލާޓަކީ މޫސުމާ ގުޅޭ ކާރިސާގެ ހާލަތުގައި ކަންކަން ނުރައްކާވެގެން ދިއުމަށްފަހު އެކަން ހަމައަކަށް އެޅި ހުރިހާ ކަމެއް އާންމު ހާލަތަކަށް އައުމުން ނެރޭ އެލާޓެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އިންޑޮނީޝިޔާ ސަރަހައްދަށް މިރޭ 7.9 ގެ ބާރު މިނުގައި އައި ބިންހެލުމާއި ގުޅިގެން ޔެލޯޓް ނެރުނު ނަމަވެސް މިހާރު ސުނާމީއެއް އައުމުގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ސުނާމީގެ ނުރައްކަލެއް ނެތް ނަމަވެސް މިރެއާއި މާދަމާ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވެލުން މުހިއްމު ކަމަށެވެ. އެއީ މާދަމާގެ ނިޔަލަށް ކަނޑުގައި ހުންނަ އޮއިވަރާއި ދިޔަވަރުގައި ތަފާތެއް ހުރެދާނެތީ ކަމަށްވެސް ވިދާޅުވި އެވެ.

ރިކްޓަރ މިންގަނޑުން 7.9 ގެ ބާރުމިން ހުރި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުނީ، ހުޅަނގު ސުމަޓްރާއަށާއި، އުތުރު ސުމަޓްރާ އަށާއި، އަސޭއާއި، ބެންގްކުލުގެ އިތުރުން ލަމްޕަންގްއަށެވެ.

ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުމަށްފަހު އޮސްޓްރޭލިއާއިން ވެސް މިހާރު ވަނީ އިންޒާރު ކެންސަލް ކޮށްފައެވެ.

އިންޑިއާގެ ހައިދަރްއާބާދުގައި ހުންނަ އިންޑިއާގެ ސުނާމީ އިންޒާރުދޭ މަރުކަޒުންވެސް ބުނެފައިވަނީ، އިންޑިއާއަށް ސުނާމީއެއްގެ ނުރައްކާ ނެތްކަމަށެވެ.

މިއަދުގެ ބިންހެލުން މަރުކަޒުވެފައިހުރީ، ސުމަޓްރާގެ ޕަޑަންގްގެ ދެކުނުހުޅަނގު 808 ކިލޯމީޓަރު ދުރުގައެވެ. އަދި ބިންހެލުން އައިސްފައިވަނީ ކަނޑުގެ ސަރަހައްދުން 10 ކިލޯމީޓަރު ފުނަށެވެ.