މާލޭގެ މަސްޖިދުލް ތަޤުވާގައި ނަމާދުކުރަން ހުރި މީހަކަށް ހަމަލާދީ އޭނާގެ ޖީބުގައި އޮތް ފޯން ފޭރިގަތުމަށް މަސައްކަތް ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލާގައި ބަންދުގެ މުއްދަތު ޖެހީ ސ. ހިތަދޫ، ސްޓްރޯބެރީގޭ، އުމުރުން 24 އަހަރުގެ އާސިމް އިބްރާހިމް ކިޔާ މީހަކަށެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މީހާ މިއަދު މެންދުރުގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިމީހާގެ ބަންދަށް 15 ދުވަސް ޖަހައި، ހޯމް މިނިސްޓްރީން ކަނޑައަޅާ ވަކި ތަނެއްގައި ބެހެއްޓުމަށް އަމުރު ނެރެފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވާ މިހާއަކީ މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކާއި ވައްކަމާއި ފޭރުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލަތަކުގެ ރެކޯޑް މޯލްޑިވްސް ޕޮލިސް ސާވިސްގައި އޮންނަ މީހެއް ކަމަށާ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފޯން ފޭރިގަންނަން އުޅުނު މީހާ ވަނީ ފޯން ހިފައިގެން ހުރި މީހާގެ ވައަތްފަރާތު ކަންފަތުގައި ދަތް އަޅާ އެމީހާގެ ކަންފަތުން ބައެއް ވަކިކޮށްލާފަ އެވެ.