އެފްރިކާގެ ގައުމެއް ކަމަށްވާ މޮޒަމްބީކަށް ލައްގާފައި އޮއްވާ ފެނުނު މަތިންދާ ބޯޓްގެ ބަޔަކީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއަން އެއަރލައިންގެ އެމްއެޗް 370 މަރުކާގެ ބޯޓެއްގެ ބައެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ލިއޯވް ޓިއޯންގް ލާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު، މޮޒަމްބީކް ކައިރިއަށް ލައްގާފައި އޮއްވާ ފެނުނީ ގެއްލިފައިވާ އެމްއެޗް 370 މަރުކާގެ ބޮއިން 777 ގެ ބޯޓެއްގެ ބައެއްކަމަށް "ވަރަށް ބޮޑަށް" ބެލެވޭ ކަމަށެވެ.

މަތިންދާ ބޯޓެއްގެ ބައެއް މޮޒަމްބީކުން ފެނުނު ކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ އެމެރިކާގެ ޚަބަރު ވިއުގަ، އެންބީސީންނެވެ. އެންބީސީން ބުނެފައިވަނީ، ބޮއިން 777 މަތިންދާ ބޯޓްގެ ބައި ފެނިފައިވަނީ މޮޒަމްބީކާއި މަޑަގަސްކަރައާ ދެމެދުގެ ސަރަހައްދަކުން ކަމަށެވެ.

މޮޒަމްބީކަށް ލައްގާފައި އޮއްވާ ފެނިފައިވަނީ، މަތިންދާ ބޯޓްގެ ޓެއިލްއާ ގުޅިފައި ފިޔަގަނޑެއްގޮތަށް ހަރުކޮށްފައި އިންނަ ބައިން ނެއްޓިފައިވާ ބައެކެވެ. މިބައި ފެނިފައިވަނީ މޮޒަމްބީކްގެ އައްސޭރި ފަށުގެ ވިލަންކުލޯ އަވަށް ކައިރީގައި އޮންނަ ސޭންޑްބޭންކެއްގައި ހިގާލަން ގޮސްއުޅުނު ފަތުރުވެރިޔަކަށް ކަމަށް މޮޒަމްބީކްގެ ސިވިލް އޭވިއޭޝަން އިންސްޓިޓިއުޓުން ބުނެފައި ވެއެވެ.

ލައްގާފައި އޮއްވާ ފެނުނު ބޯޓްގެ ބައިގެ ފޮޓޯތައް ބެލި އެމެރިކާ، މެލޭޝިޔާ އަދި އޮސްޓްރޭލިއާގެ ތަހްގީގުކުރާ ފަރާތްތަކާ ހަވާލާދީ އެންބީސީން ބުނެފައިވަނީ، މިއީ އެމްއެޗް 370 ގެ ބައެއްކަމަށް ވެދާނޭ ކަމަށެވެ.

މޮޒަމްބީކް ކައިރިން ފެނުނު ބޮއިން 777 ގެ މަތިންދާ ބޯޓްގެ ބަޔަކީ، މެލޭޝިއަން އެއަރލައިންގެ ގެއްލިފައިވާ އެމްއެޗް 370 ބައެއްކަން ކަށަވަރު ވެއްޖެނަމަ މިއީ، އެމްއެޗް 370 ބައިތަކެއް ފެނުނު ދެވަނަ ފަހަރަށް ވެގެންދާނެއެވެ.

މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވީ، މޮޒަމްބީކުން ފެނުނު ބައި ގާތުން ދިރާސާކުރުމަށް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. "އެ ފެނުނު ބަޔަކީ ގެއްލިފައިވާ ބޯޓްގެ ބައެއްތޯ ނުވަތަ ނޫންތޯ އަދި މުޅިން ކަށަވަރު ކުރުމުގެ މަގުމަތީގައި އުޅެނީ" މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ލިއޯވް ވިދާޅުވެފައި ވެއެވެ.

239 ފަސިންޖަރުންނާއެކު މެލޭޝިޔާގެ ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންގަށް ދަތުރު ކުރަނިކޮށް ބޯޓް ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗްމަހުގެ 8 ވަނަ ދުވަހުއެވެ. އެހެންކަމުން، އެ ބޯޓްގެ ބައެއް ކަމަށް ބެލެވޭ ބައެއް މި ފެނުނީ، ބޯޓް ގެއްލުނުތާ ދެއަހަރު ފުރެން ހައެއްކަ ދުވަހަށް ވެފައި ވަނިކޮށެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ ރީޔޫނިއަންގެ ގޮނޑުދޮށަށް މިދިޔަ އަހަރުގެ ޖުލައިމަހު ލައްގާފައި އޮއްވާ، ރީޔޫނިއަންގެ މީހަކަށް ފެނުނު މަތިންދާ ބޯޓެއްގެ ފިޔަގަނޑުގެ ބަޔަކީ އެމްއެޗް 370 ގެ ބައެއްކަން ތަޖުރިބާކާރުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެއީ، މެލޭޝިޔާގެ ބޯޓާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ހަމައެކަނި ހޯދުމެވެ.

އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލުން ވެފައިވަނީ ދުނިޔޭގެ ވައިގެ އުދުހުންތަކުގެ ތާރީޚްގައި ހިނގާފައިވާ އެންމެ ގޮތްނޭނގޭ ހާދިސާއަށެވެ.