ފިރިމީހާގެ ޖިންސީ އަނިޔާތަކާއި ގުޅިގެން މަރުވި ކަމަށް ބުނާ ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ފިރިމީހާ އިބްރާހިމް ޝާހުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ޝަހުގެ ބަންދުގެ މުއްދަތު 10 ވަނަ ފަހަރަށް އިތުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ބްރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުންނެެވެ. މިފަހަރު އޭނާގެ ބަންދަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.

ޒިޔާދާ މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންގެން ދިޔަތާ ދެ ހަފްތާ ފަހުން މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ޒިޔާދާ މަރުވީ ޝާހު އަނިޔާކޮށްގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުން ލަސްވެގެން ކަމަށް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ޝާހުގެ އާއިލާ އިން ވަނީ މިތުހުމަތުތައް ދޮގުކޮށްފަ އެވެ.

ޒިޔާދާގެ މައްސަލާގައި ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބުނީ އެމައްސަލަ ކުށްވެރި ކުރާ ކަމަށާއި އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާއަށް އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ޒިޔާދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ފުލުހުންނަށް ލިބިފައިވާ ޕްރިލިނަރީ ރިޕޯޓަށް ރިއާޔަތްކޮށް ފުލުހުން ބުނީ އޭނާގެ ހަށިގަނޑުން އަނިޔާގެ އަސަރު ފެންނަން ހުރި ކަމަށެވެ.