ރާއްޖޭގެ ބާޒާރުގައި މިދިޔަ ޖެނުއަރީ މަހު މުދަލާއި ހިދުމަތުގެ އަގު 0.10 ޕަސެންޓް ދަށަށް ގޮސްފި އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ޕެޓްރޯލާއި ޑީސަލް އިންނެވެ. އެގޮތުން މިދިޔަ މަހު ޑީސަލް ލީޓަރަކުން އެއް ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1.20 ރުފިޔާ ހެޔޮވެފައިވާއިރު މި ބަދަލާ ގުޅިގެން ޕެޓްރޯލް ލީޓަރެއްގެ އަގު 9.80 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއްގެ އަގު 10 ރުފިޔާ އަށް ވަނީ ހެޔޮވެފަ އެވެ.
މިދިޔަ މަހުގެ ތެރޭގައި ބާޒާރުގައި އަގު ދަށަށް ގޮސްފައިވާ ބާވަތްތަކާއި އަގު ދަށަށް ގޮސްފައިވާ އިންސައްތަ ބަލާއިރު ޕެޓްރޯލާއި ޑީސަލްގެ ވަނީ 9.94 ޕަސެންޓް ދަށްވެފަ އެވެ. ތަރުކާރީގެ ބާވަތްތަކުން 7.59 ޕަސެންޓް ދަށްވެފައިވާއިރު ރިސެޕްޝަނަށް ބޭނުންކުރާ ސާމާނުން 1.87 ޕަސެންޓް ވަނީ ދަށްވެފަ އެވެ. މަހުގެ ބާވަތްތަކުން 1.52 ޕަސެންޓް ދަށްވެފައިވާއިރު ކަރަންޓުގެ އަގުތައް 1.30 ޕަސެންޓް ވަނީ ދަށްވެފަ އެވެ. ތެލާއި ފެޓްސްގެ ބާވަތްތަކުން 0.73 ޕަސެންޓް ދަށްވެފައިވާއިރު ދުންފަތުގެ ބާވަތްތަކުން 0.33 ޕަސެންޓް އަދި ޕާނާއި ސީރިއަލްގެ ބާވަތްތަކުން 0.14 ޕަސެންޓް ވަނީ ދަށްވެފަ އެެވެ.
މިދިޔަ މަހުގެ ތެރޭގައި ބާޒާރުގައި އަގު މައްޗަށް ގޮސްފައިވާ ބާވަތްތަކާއި އަގު މައްޗަށް ގޮސްފައިވާ އިންސައްތަ ބަލާއިރު ދުވަހު ކުއްޔަށްދޭ ތަންތަނުގެ ކުލި ވަނީ 15.85 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މަތީ ތައުލީމްގެ ހިދުމަތްތަކުގެ އަގު 8.13 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު ޕްރީ ސްކޫލް އަދި ޕްރައިމަރީ ތައުލީމްގެ ހިދުމަތްތަކުގެ އަގު 5.62 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. މޭވާގެ ބާވަތްތަކުގެ އަގުތައް 3.45 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު ސާނަވީ ތައުލީމްގެ ހިދުމަތްތަކުގެ އަގު ތިން ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. ވައިގެ މަގުން ކުރާ ދަތުރުތަކުގެ އަގުތައް 1.66 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު ގޭތެރޭގައި ހިފާގެންގުޅޭ ސާމާނުގެ އަގުތައް 1.37 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. ސިއްހީ ހިދުމަތުގެ ބައިން ބޭހުގެ ބާވަތްތަކުގެ އަގުތައް 0.59 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު ބިހާއި ޗީޒް އަދި ކިރުގެ ބާވަތްތަކުގެ އަގުތައް 0.48 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ. ގޭގެ ކުލި 0.31 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް ވަނީ 0.17 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު މުދަލާ ހިދުމަތުގެ އަގުތައް ވަނީ 0.52 ޕަސަންޓް ދަށްވެފަ އެވެ. މަހުގެ އަގުތަކަށް އައިބަދަލު ނުލާ ބަލައިފިނަމަ ޖެނުއަރީ މަހު މުދަލާ ހިދުމަތުގެ އަގުތައް ވަނީ 0.01 ޕަސަންޓް މައްޗަށް ޖެހިފަ އެވެ. އެކަމަކު ފާއިތުވި ޑިސެމްބަރު މަހު މިއަދަދު ވަނީ 0.15 ޕަސަންޓް ދަށްވެފަ އެވެ.
މިހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް މުދަލާ ހިދުމަތުގެ އަގުތަށް ވަނީ ގާތްގަނޑަކަށް 1.04 ޕަސެންޓް އިތުރުވެފަ އެވެ. އަދި 2014 ވަަނަ އަހަރުގެ ޑިސެމްބަރުން 2015 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ވެސް މުދަލާ ހިދުމަތުގެ އަގުތަށް ވަނީ ގާތްގަނޑަކަށް 0.85 ޕަސެންޓް މަތިވެފަ އެވެ.