(1 މާރޗް 2016 އާ ގުޅޭ)

...ދެ ލޯ ބޮޑުކޮށްލެވުނީ ޝައުންއަކީ މީޒާގެ ހުރި ހަމައެކަނި ދަރިފުޅުކަން ރޭޝްމާއަށް އެނގުމުންނެވެ. ލިބުނު އުފާވެރިކަން ރޭޝްމާގެ އަތުން ފޭރިގަތް ކަހަލަ އިހުސާސެއް އެވަގުތު ކުރެވިގެން ދިޔައެވެ.

ހިނިތުންވެލައިގެން ހުރެ ޝައުންއަށް ރޭޝްމާ ތަޢާރުފުކޮށްދެމުން މީޒާ ދިޔައިރު އެ ދެމީހުންގެ ދެމެދުގައި ބަދަލުކުރެވެމުންދިޔަ ނަޒަރުގެ ހަޤީޤަތެއް ނޭނގެއެވެ. މީޒާގެ ވާހަކަތައް ކުރުކޮށްލާފައި އޭނާ ޝައުންއަށް ބަލާލިއެވެ. އެހިނދު ނިކަން އަވަހަށް ހިނިތުންވެލަމުން ޝައުން ބޯޖަހާލިއެވެ. އަދި އަވަސް ނަޒަރެއް ރޭޝްމާއަށް ދީފައި އެތަނުން ދިއުމުގެ ހުއްދަ ޝައުން އެދުނީ ކަރުހިއްކައިގަތުން ބަހަނާއަކަށް ދައްކާފައެވެ. ހީނލާފައި މީޒާ އޭނާގެ ދަރިފުޅު ފޮނުވާލިއެވެ.

ޢާއިލާގެ މެންބަރުންގެ ގާތްކަމާއި ރައްޓެހިންގެ ސަމާސާތަކުގެ ތެރޭގައި ހުރި އިރު ވެސް ރޭޝްމާއަށް ދޭތެރެއަކުން ބަލާލެވެނީ ޝައުންއާ ދިމާއަށެވެ. ނުތަނަވަސްކަމުން އޭނާގެ ސިކުނޑި ފުރި ނިތްކުރިން ދާހިއްލަން ފަށައިފިއެވެ. އަތުގައި އޮތް ޓިޝޫކޮޅު ވެސް ބޭނުންނުކުރެވޭވަރު ވެއްޖެއެވެ. ޝައުންއަކީ ތަހުސީނަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް ވެދާނޭ އެއްގޮތަކަށް ވެސް ރޭޝްމާ ހިޔެއްނުކުރެއެވެ. އަދި އެރެޔަށްފަހު ޝައުންއާ މަގެއްގެ މަތިން ވެސް ދިމާނުވުމަކީ ރޭޝްމާއަށް އޭނާގެ އެހެން ކަސްޓަމަރުންނެކޭ އެއްގޮތަކަށް ޝައުންގެ މަތިން ހަނދާންނައްތާލަން ފަސޭހަވެގެން ދިޔަ ކަމެކެވެ. އެންމެ ފަހުން ރޭޝްމާއަށް ނުހުރެވިގެން ތަހުސީނުގެ ގާތަށް ޖެހިލާ ސިއްރުން ވާހަކައެއް ދައްކާލާފައި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ދުރުގައި ހުރި ޝައުން އެ ދިމާއަށް ހިނގައިގަތީ ފުރުޞަތަކަށް ބަލަބަލާ ހުރި ހެންނެވެ.

ކަންބޮޑުވެފައި ހުރެ ރޭޝްމާ އައިސް ކޮޓަރިއަށް ވަނެވެ. މަޑުމަޑުން އައިސް އެނދުގައި އިށީދެ ވިސްނަން ފެށިއެވެ. އެވަގުތު ދޮރުގެ ތަޅުގައި މީހަކު ހިފި އަޑުއިވުނެވެ.

"ތަހުސީނު..." ބޭއިޚްތިޔާރުގައި ރޭޝްމާއަށް ބުނެލެވުނެވެ. އަދި ސިއްރު ކުރަމުން އައި ކަންތައް ފަޅާ އަރާފާނެތީ ތިރީ ތުންފަތުގައި ދައިގަނެވުނެވެ. ހާސްކަމާއެކު އެނދުން ތެދުވެ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރީ އެއްއަތް އަނެއް އަތުގެތެރެއަށް ލައިގެންނެވެ. ވިސްނަމުން ދިޔައީ ތަހުސީނުގެ ގާތުގައި ދައްކާނޭ ވާހަކައަކާ މެދުއެވެ.

ރޭޝްމާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންތަން ފެނުނީ ޝައުންއެވެ. އެހިނދު ރޭޝްމާ ލަމުންދިޔަ ނޭވާ ހިނދުރީގައި ތާޝިވި ކަހަލައެވެ. ދެ ލޯ ބޮޑުކޮށްގެން ޝައުންއަށް ބަލަން ހުރެވުނީއެވެ. އޭނާއާ ގާތަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން އައިސް ދިމާ ކުރިމަތީ ޝައުން މަޑުކޮށްލިއެވެ. އެއާއެކު އިތުރަށް ރޭޝްމާއަށް ކެތެއްނުކުރެވުނެވެ.

"އަހަރެން މިހާރު އެހެންނެއްނޫޅެން... އޭރުވީ ކަންތައް ހަނދާންނައްތާލާ... ތަހުސީނާއެކު ދިރިއުޅުމެއް އަހަރެން ބޭނުން" ރޭޝްމާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

"ތަހުސީނުދޮންބެއަށް ކަލޭގެ ހަޤީޤަތް އަހަރެން ކިޔައިދޭނަން. ހެކި ވެސް ދައްކާނަން.... ތި ކަހަލަ އަންހެނަކާ އަހަރެންގެ ޢާއިލާ މީހަކު ގުޅުނަކަ ނުދޭނަން. ކަލެއަކީ ބާޒާރުގައި މުދާ ވިއްކާ އުސޫލުން ކަލޭގެ ހަށިވިއްކަން އުޅޭ މީހެއް... ކިހިނެއް ތިކަހަލަ އަންހެނަކު އަނތްބަކަށް ހަދާނީ... އެއްވެސް ފިރިހެނަކު ބޭނުމެއްނުވާނެ ކަލޭ ކަހަލަ އަންހެނަކު އެމީހެއްގެ އަނތްބަކަށްވާކަށް. މަށަށް ހީވަނީ ކަލޭގެ ފެންވަރު ވެސް އޮޅުނީހެން. މި މާލޭގައި އެންމެ އަގުބޮޑުކޮށް ހަށީގެ ވިޔަފާރި ކުރާ އަންހެނުންގެ ތެރޭގައި ކަލެއަކީ މަޝްހޫރު މީހެއް. ކަލޭގެ އަގަކީ އެއީ.... އަނތްބެއްގެ މަޤާމަކީ ތިޔަކަހަލަ އަންހެނުންނަށް ހޯދި ދާނޭ ހައްޤެއްކަމުގައި ކަލެއަށް ހީވީތީ މަ ހަމަ ހައިރާންވެއްޖެ... ހުވަފެނުގަ ވެސް ކަލެއަށް އެއީ ނުވާނޭ ކަމެއް...."

ޝައުންގެ ދުލުން ބޭރުވެގެން ދިޔަ ކޮންމެ ލަފުޒެއް ތޫނު ކަށިތަކެއްހެން ރޭޝްމާގެ ހިތަށް ހެރި ޒަހަމްތަކުން ލޭ އޮހޮރެމުން ދިޔައެވެ. އޭގެ އަސަރު ރޭޝްމާގެ ލޮލުން ފާޅުވެގެން ދިޔައީ ވޭނާއި ރިހުމުން ފުރިގެންވީ ފަދައަކުންނެވެ. އިސާހިތަކު ރޭޝްމާގެ ކޯތާފަތް ތެމި އިސްޖަހާލެވިއްޖެއެވެ.

"ޝައުން ފަދަ ފިރިހެނުންގެ ބޭނުންތައް ފުއްދުމަށް އަހަރެން ކަހަލަ އަންހެނުންގެ ގާތަށް ނާންނަނަމަ އަހަރުމެންނަކަށް އެ ނުބައި ޢަމަލު ހިންގުމަށް ފުރުޞަތެއް ނުލިބުނީސް. އަހަންނަށް އެނގޭ އަހަރެން ކުރަމުން އައީ ބޮޑު ފާފައެއްކަން. އެކަމާ މިއަދު އަހަރެން ވަރަށް ބޮޑަށް ހިތާމަކުރަން. އަހަރެންގެ ފިރިމީހާ ފަދަ މާތް އިންސާނެއްގެ ތިޔަފަދަ ނުބައި ޢަމަލު ހިންގަން އާދެވެފައި ހުރި ކޮއްކޮއަކު ހުރިކަން އެނގުމުން މިއަދު ވަރަށް ބޮޑަށް ދެރަވެއްޖެ. އަދި އެ ކޮއްކޮއާއެކު އެ ނުބައި ފާފަކުރުމަށް މަގުފަހިކޮށް އެއްބާރުލުން ދެވުނީތީ އެކަމާ އަހަރެން މަރުވާވަރަށް ލަދުގަނޭ... ޝައުން، އަދި ވަގުތު ފާއިތެއްނުވޭ... އަހަރެންގެ އުޅުން އިރާދަކުރެއްވިއްޔާ އަހަރެން ބަދަލުކޮށްފިން، އަހަންނަށް އެ ހިތްވަރާއި ސާބިތުކަން ލިބުނުއިރު ޝައުންއަށް ކީއްވެ ރަނގަޅު މަގުން ނުހިގެންވީ. އަހަރެން ތަހުސީނަށް އެއްވެސް ކަމެއް އޮޅުވައެއްނުލަން. އަހަންނަކީ ކޮންކަހަލަ އަންހެނެއްކަން އޭނާއަށް އެނގި ހުރެ އަހަންނާ ކައިވެނި ކުރަން ނިންމީ. ތަހުސީނު އަހަންނަށް ފުރިހަމަ އިތުބާރުކުރި. އަހަރެންގެ މުޅި ދިރިއުޅުން އޭނާ ބަދަލުކޮށްލި. އަހަރެންގެ ގައިގާ ބީހުމެއްނެތި... އޭނާއަށް ނޭނގޭނެ ހަމަ އެއްކަމެއް ވެސް ނޯންނާނެ... ޝައުން ބޭނުންވާނަމަ ގޮސް އަހަރުމެން ދެމީހުންގެ ދެމެދުގައި ހިނގި ކަންތަކުގެ ވާހަކަދައްކާ. އަހަންނަށް ޝައުންއެއް ނުހުއްޓުވޭނެ. އެކަމަކު ކިޔައިދޭންވާނީ ތެދަށް. ތިމާ އެ ފާފައިގައި ބައިވެރިވިކަން ޢާއިލާއަށް އެނގުމުން ތަހުސީނަށް ވާނޭ ގޮތާއި ބަދުނާމުވާނީ ކާކުކަން ވިސްނާތި... އެހެންނޫނަސް ޝައުންއަށް ކޮން ޔަޤީންކަމެއް އޮތީ ތި ވާހަކަތައް ކިޔައިދީގެން ވެސް ތަހުސީނު އަހަންނާ ވަކިވާނޭކަމުގެ..."

ރޭޝްމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ އާއި އޭނާގެ ވާހަކައިގައި ހުރި ތެދުވެރިކަމާއި ޖެހިލުންކުޑަކަމުން ޝައުންގެ ބަސްހުއްޓުނެވެ. ޚުދު އޭނާއަށް ވެސް ފާފައިގެ އިހުސާސް ކުރެވިގެން ދިޔައެވެ. އަދި ލަދުވެތިކަމާއެކު ރޭޝްމާއާ ނަޒަރުވަކިކޮށްލަމުން އިސްޖަހާލިއެވެ. މީގެ ކުރިން ފިކުރު ހިންގާނުލެވުނު އެތައް ކަމަކަށް ރޭޝްމާގެ ވާހަކަތަކުން ވިސްނުން ހިންގާލަން މަޖުބޫރުވިއެވެ. ޝައުންގެ ޟަމީރު ފުންނިންޖަކުން ހޭލައްވާލައިފިއެވެ. މުޅި ނަފްސު ހިސޯރުކުރަމުން ދިޔަ ރުޅިވެރިކަން މުޅިންހެން ފިލައިގެން ހިނގައްޖެއެވެ. ރޭޝްމާއަކީ ކޮންކަހަލަ އަންހެނެއްކަން އެނގި ހުރެ އޭނާއާ ތަހުސީނު އިންނަން ބޭނުންވާނީ ކޮންމެވެސް ސަބަބެއް އޮވެގެންކަމުގައި ޝައުންއަށް ޤަބޫލުކުރެވެން ފެށިއެވެ. ނަމަވެސް އެ ސަބަބެއް ވިސްނުމަކަށް އެއްގޮތަކަށް ވެސް ނައެވެ. އެ ސުވާލަށް ޖަވާބު ނުހޯދާ އެ ކޮޓަރިން ނުކުންނާކަށް ޝައުން ބޭނުމެއްނުވިއެވެ.

"ތަހުސީނު ދޮންބެއަކީ ރަނގަޅު މީހެއްކަން އަހަރެން ވެސް ޤަބޫލުކުރަން... އެކަމަކު... އަހަންނަކަށް ނުވިސްނުނު އެގޮތަށް ނިންމަން ޖެހުނު އެއްވެސް ސަބަބެއް"

"ތަހުސީނުގެ އުފާތަކަށް ހުރަސްއެޅި ބަޔަކީ ތަހުސީނުގެ އަމިއްލަ ޢާއިލާ. އޭނާގެ އެކަނިވެރިކަން އެކަކަށް ވެސް ފާހަގައެއްނުވި... ހުރިހާ ވެސް މައްސަލައަކީ ޒުވާންކަމުގެ ޖޯޝުގައި ތަހުސީނަށް ވެސް ގޯހެއް ހެދުނުކަން... ތަހުސީނުގެ ދަރިއަކަށް ކައިވެނިން ބޭރުގައި އަންހެންކުއްޖާ ބަލިވެ އިންކަން އެނގުމުން ތަހުސީނުގެ މައިންބަފައިން އޭނާ ހުއްޓުވީ އޭނާގެ ޒިންމާ އަދާކުރުމުން. މި ހުރިހާ ދުވަހު އޭނާ އުންމީދުކުރީ އެންމެ ކަމަކަށް... ކޮންމެވެސް ދުވަހަކުން ދަރިފުޅާ އެ ދަރިފުޅުގެ މަންމައާ ބައްދަލުވާނެކަމަށް. އަދި އެމީހުންނާއެކު ފުރިހަމަ ޢާއިލާއެއްގެ ގޮތުގައި އަލުން ހަޔާތް އާބާދުކުރުމަށް... ނަމަވެސް ތަޤުދީރުގައި ވަނީ ކީކޭކަން އެނގުނީ މާ ފަހުން... ތަހުސީނުގެ ދަރިފުޅާ ބައްދަލުވި އިރު އެ ދަރިފުޅުގެ ހަޤީޤީ މަންމައާ ވަނީ ވަކިވެފައި... ހުރިހާ ކަމެއް އަބަދަށް ސިއްރުވެފައެއްނޯންނާނެ... ތަހުސީނުގެ އުމުރުން ޅަވެފައި މައިންބަފައިންގެ ނުފޫޒުގައި އެ ދުވަހު ހުރީ ބަނދެވިފައިކަމަށް ވިޔަސް މިއަދު އޭނާއާ އޭނާގެ މަންޒިލާ ދޭތެރެއަށް އެޅޭ ކޮންމެ ހުރަހެއް ނެތިކޮށްލުމުގެ ބާރާއި ހިތްވަރު އެބަހުރި... މިއަދު ތަހުސީނު ފަހަތަކަށް ނުޖެހޭނެ... ﷲ އޭނާގެ ދަރިފުޅު އޭނާއަށް ރައްދުކޮށްދެއްވައިފި... އެހެންނަމަވެސް ވަރުގަދަ އިމްތިހާނަކާއެކު... މި ހުރިހާ ކަމެއް ޝައުންއަށް ވިސްނޭވަރަށްވުރެ ތި ސިކުނޑި އަދި މާ ޅަ..."

"އަހަރެން... ސިއްރުކޮށްދޭނަން.... އަހަރުމެން ދެމީހުންގެ ދެމެދުގައި ހިނގައިދިޔަ ކަންތަކުގެ ވާހަކަ ދުވަހަކު ވެސް މީހެއްގެ ގާތުގައި ނުދައްކާނަން. އަހަންނަށް ކަންކަން ނުވިސްނޭހާ ޅައެއްނޫން... ތަހުސީނު ދޮންބެ ކަމަކާ ފިކުރު ކުރާކަން އަހަންނަށް އަބަދު ވެސް އެނގޭ... ތަހުސީނު ދޮންބެގެ ދަރިއަކު ހުރި ވާހަކަ އެއްވެސް ފަހަރަކު ނުބުނޭ... ބުނި ނަމަ އަހަރެން ވެސް އެހީވާނަން. އަހަންނަށް ކިޔުނު އެއްޗިއްސަށް މާފަށް އެދެން.... ތަހުސީނު ދޮންބެގެ އުފާވެރިކަން ގެއްލޭވަރު ކަމެއް އަހަރެން ނުކުރާނަން... ސޮރީ...."

"އަހަންނަކީ މިހާރު ތަހުސީނުގެ އަނބިމީހާ... ޢައިލާ ގޮތުން އަހަރުމެން ދެމީހުންގެ ދެމެދުގައި އޮންނަންވާ ގުޅުމުގެ އިން ފަހަނައަޅައި ދާކަށް އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫން. ޝައުން އަހަންނަށްކީ އެއްޗިއްސަކީ އަހަރެންގެ ހަޤީޤަތް އެނގުމުން ކޮންމެ މީހަކު ވެސް ކިޔާނޭ އެއްޗެހި... އެކަމަކު މިހާރު އަހަންނަކީ އޭރުގެ ރޭޝްމާއެއްނޫން... އިރާދަކުރެއްވިއްޔާ އުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަ ކުރާނީ ހެޔޮ ގޮތުގައި. ޝައުން ވެސް ތި އުޅުން ބަދަލުކުރޭ... އެހެންނޫނީ މި ކަހަލަ ހުތުރުކަން ބޮޑު ކިތަންމެ ލަދުވެތި ކަމަކާ ކުރިމަތިލާންޖެހިދާނެ... ﷲއަށް ޝުކުރުކުރަން ޝައުންއާ ބައްދަލުވެ ހެޔޮ މަގަށް އައުމަށް ނަޞޭހަތްތެރިވާނެ ފުރުޞަތު އަހަންނަށް ލިބުނީތީ... ބޮޑުބޭބެގެ އަނބިމީހާއަށް ކުރަންޖެހޭ ފުރިހަމަ ޤަދަރު ޝައުން އަހަންނަށް ކުރާނޭ ކަމަށް ހީކުރަން... އެ މަޤާމު ފުރިހަމަ ކުރުމަށް ފުރުޞަތު ދޭނެ ކަމުގައި ހީކުރަން"

"ހޫމް!... މި... މި... މި ވާހަކަތައް އެއްވެސް މީހެއްގެ ކަންފަތާ ހަމައަށް އިވޭކަށް އަހަރެން ވެސް ބޭނުމެއްނޫން. އެންމެ ރަނގަޅުވާނީ މަޞްލަޙަތަށް ޓަކައި ހެއްދެވި ފަރާތާ ދެމެދުގައި މިކަން ސިއްރެއްގެ ގޮތުގައި ބޭއްވުން. މިހެން ވެދާނެކަމަކަށް އަހަރެން ވެސް ހިޔެއްނުކުރަން... ކޮންމެ ކަމެއް ވެސް ވާނީ އެކަމެއް ވާން އޮތް އެންމެ ރަނގަޅަކަށް..." އިސްޖަހާލައިގެން ހުރެފައި ޝައުން ނިތްކުރީގައި ކަނާތުގެ އިނގިލިތައް ހާކާލިއެވެ. އަދި އިތުރަށް އެ ކޮޓަރީގައި ނުހުރެ އަވަސް ފިޔަވަޅުގައި ނުކުމެގެން ދިޔައެވެ.

"ޝައުން!" އެންމެން އެކުގައި އެތެރެއަށް އައުމަށް ހިނގައިގަތް ވަގުތު ރޭޝްމާގެ ކޮޓަރިން ހަލުވިކޮށް ނުކުމެގެން ދިޔަ ޝައުން ފެނި މީޒާ ގޮވާލިއެވެ. އެ އަޑަށް ކޮޓަރީގައި ހުރި ރޭޝްމާ އޭނާގެ ދެ ލޯ ފުހެލިއެވެ. އެވަގުތު ތަހުސީނު ވެސް ހައިރާންކަމާއެކު ޝައުންއަށް ބަލާލާފައި ރޭޝްމާގެ ކޮޓަރިއަށް އައިސް ވަންނަނީއެވެ.

"ޝައުން މާ ބާރަށް އެ ދިޔައީ ކިހިނެއްވީ؟"

"ދަނީކަމުގައި ބުނީ..." ޝައުން އެދުނުހެން ހަޤީޤަތް ސިއްރު ކުރަމުން ރޭޝްމާ އަވަސް އަވަހަށް ބުނެލިއެވެ.

"އަހަރެން ނުރުހިފައި ހުރިއްޔޭ ހީކޮށް ކަންނޭނގެ އެ ދިޔައީ އަވަހަށް" ތަހުސީނު ވިސްނާލާފައި ހީނލަމުން ބުނެލިއެވެ.

"ރޭޝް... ދޭ ބަލަ ރީން ގޮވައިގެން އަންނަން"

"އާން!...ހަނދާންނެތިފައި މިހުންނަނީ... ރީންއަށް ވީގޮތެއް ވެސް ބަލާނުލާ މިއުޅެނީ" ރޭޝްމާ މިހެން ބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

"އެ ފަރާތުގައި އެއީ މިގޭ ބައެއް ދޯ... ބޮޑު ގޯއްޗެއް ދޯ މީ.... މިހާ ބޮޑު ގެއެއްގައި ރޭޝްމާ އެކަނިމާ އެކަނިތަ ހުންނަނީ" ޒާހިރާ ވަށައިގެން ނަޒަރު ހިންގަމުން އައިސް ރޭޝްމާގެ ކޮޓަރިއަށް ވަނެވެ. އޭނާގެ ވާހަކަ އަޑުއިވުނެއްކަމަކު އެކަމަކާ އެއްޗެއް ބުނުމެއްނެތި ރޭޝްމާ ހިނިތުންވުމެއް ބަދަލުކޮށްލާފައި ޒޫރިންގެ ޚަބަރު އޮޅުންފިލުވަން ދިޔައެވެ.

"މީ ރޭޝްމާ މަންމަގެ ގެއެއް. އެ ފަރާތް އެ އޮންނަނީ ކުއްޔަށްދީފައި... މިހާރު ދެން އެކަންޏެއްނުވާނެއެއްނު. އަޅުގަނޑު ވެސް އުޅޭނެއެއްނު. އަނެއްކާ ރީން އާއި ބޭބީ ވެސް އުޅޭނީ އަޅުގަނޑުމެންގެ ގާތުގައި... އެހެންވީމަ ގޭތެރެ ފަޅެއްނުވާނެ" ކައިވެނީގެ ކަންކަން ނިމުމުން ހަމަޖެހިފައި ހުރި ތަހުސީނު ބުނެލިއެވެ.

ޝައުން ފިޔަވާ ޢާއިލާގެ ހުރިހާ މެންބަރުން ރޭޝްމާގެ އެނދާއި އެ ކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީނދެ ތިއްބެވެ. އެމީހުންނާ ކުރިމަތިވާނޭހެން ވާހަކަދައްކަން ފަޓުލޫނުގެ ޖީބަށް އެއްއަތް ކޮއްޕާލައިގެން ތަހުސީނު ހުއްޓެވެ. ގިނަ އިރެއްނުވެ ރޭޝްމާ އައިސް ވަނީ ޒޫރިން ގޮވައިގެންނެވެ. އެއާއެކު ތަހުސީނުގެ މޫނުމަތިން އަޖައިބެއް ފަދަ އުފާވެރިކަމެއް ފާޅުވެގެން ދިޔައެވެ. ޒޫރިންއަށް އަތްދިއްކޮށްލުމާއެކު އޭނާ އައިސް ތަހުސީނުގެ ގާތުގައި މަޑުކޮށްލިއެވެ. އެއާއެކު ޒޫރިންގެ ކަނާތު އަތްތިލަ ނަގާ އެ އަތްތިލައިގައި ފިރުމާލާފައި ތަހުސީނުގެ ދެއަތްތިލައިގެ ތެރޭ ހިފަހައްޓާލިއެވެ. އަދި އޭނާގެ ޢައިލާއާގެ ހުރިހާ މެންބަރުންނަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.

"މީ އަޅުގަނޑުގެ ދަރިފުޅު.... އަޅުގަނޑަށް ފަރިޔާލު ބަލިވެ އިނދެ ވިހޭ ކުއްޖާ... އެންމެ ތުއްތު އިރުއްސުރެ އޭނާ ބެލީ ރޭޝްމާ... މަންމާ، އަޅުގަނޑު ބުނީމެއްނު އަޅުގަނޑުގެ ދަރިފުޅު ލިބިއްޖެޔޭ..."

ތަހުސީނުގެ ވާހަކަ އިވިފައި ޒާހިރާގެ ދެ ލޯ ބޮޑުކޮށްލަމުން އަބްދުއްސައްތާރަށް ބަލާލިއެވެ. މީޒާއަށް ރަނގަޅަށް ވާނުވާ ނޭނގި އިނދެ ޠާރިޤުއަށް ބަލާލީ އޮޅުންފިލުވައިދޭށޭ ބުނާ ފަދައިންނެވެ.

"ދަރިފުޅާ..." ފުންނޭވާއެއް ލާފައި އަބްދުއްސައްތާރު ތެދުވަމުން ތަހުސީނަށް ގޮވާލީ ވާހަކައެއް ދައްކަންށެވެ. އެހިނދު ޒާހިރާގެ ހަރުކަށި އަޑު އިވިގެންދިޔައެވެ.

"އަމިއްލަ ބޮޑިނުބޮއެ ފަރަކު ނުޖެހުނީތަ؟ ބަލަ ތަހުސީނުގެ ނުހުންނާނެ ދަރިއަކު... ތީ އެ އަންހެންމީހާގެ ދަރިއެއް. ނުބަލަންވެގެން ބޮލާލާ ޖެހީ ދޯ..." ޒާހިރާގެ ކުލަވަރު ދައްކާލުމާއެކު ޒޫރިންއަށް ފަސްޖެހެވޭގޮތްވިއެވެ. (ނުނިމޭ)