އައްޑޫ ސިޓީގެ ބައެއް ރައްތަކަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެ އާންމު ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާންޖެހިއްޖެއެވެ.

ރޭ 00:00 ން ފެށިގެން އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ މަރަދޫ ފޭދޫއާއި، ހިތަދޫއާއި، ފޭދޫގެ އެކި ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ފެން ބޮޑުވި ސަރަހަައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންގެ އިތުރަށް އާންމުން ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ރޭ އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ ފޭދޫ އަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ރޭ އިރާކޮޅުން ފެށިގެން މިއަދު ހެނދުނު 8:00 އާ ހަމައަށް އައްޑު އަށް 200 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.

ވީނިއުސްއާ ވާހަކަ ދައްކަމުން ފޭދޫ މީހަކު ބުނީ، ހުއްޓާ ނުލައި ގިނަ އިރުތަކެއް ވަންދެން ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ ބައެއް ސަރަހައްދުތަކުގެ ގިނަ ގެތަކަކަށް ވެސް ފެން ވަދެ، ހިފާ ގެންގުޅޭ ބައެއް ސާމާނުތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ބައެއް ސްކޫލްތަކުގެ ކިޔެވުން ވެސް މިއަދު ވަނީ ކެންސަލްކޮށްފައި ކަމަށް އޭނަ ބުންޏެވެ.