ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އޮމާންގެ ރަސްގެފާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވާގޮތުގައި ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައިވަނީ އޮމާންގެ ފަހުދް ސިޓީއާއި އިބްރީ ސިޓީއާ ދެމެދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގަ އެވެ.

ރައީސް ޔާމިންގެ މެސެޖުގައި، އެމަނިކުފާނާއި، ދިވެހި ސަރުކާރާއި، ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އޮމާންގެ ރަސްގެފާނު ސުލްޠާން ޤަބޫސް ބިން ސަޢީދަށާއި، އޮމާންގެ ސަރުކާރަށާއި، އެޤައުމުގެ އަޚުވަންތަ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ވިދާޅުވެފައިވެއެވެ. އަދި، މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.