މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ދަގަނޑު ގަނޑަކުން ޖެހި ޒަހަމްވި ބިދޭސީ މީހާއަށް ފަރުވާ ދެމުންދިޔަތާ ހަފްތާއެއްގެ ފަހުން މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އެ މީހާ މަރުވީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު އެވެ.

އޭނާ މިދިޔަ ދުވަސް ތަކުގައި ހޮސްޕިޓަލްގައި އޮތް އިރު ނޭވާލަމުން ދިޔައީ ވެސް މެޝިނެއްގެ އެހީގަ އެވެ.

ބިދޭސީ މީހާއަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު އަނިޔާވީީ ހ. ދީފްރަމް ގޯޅީގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ދަގަނޑު ފިލައެއް ބިދޭސީ މީހާގެ ބޯމައްޗަށް ވެއްޓުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

ބިދޭސީ މީހާ އަކީ ހަދަމުން ދިޔަ އިމާރާތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

މިހާދިސާއާއި ގުޅިގެން އެމީހާގެ ބޮލުގެ އޮޕަރޭޝަނެއް ކުރެވުނު ނަމަވެސް އޭނާ މަރުވުމާ ހަމައަށް ވެސް ހާލު ރަނގަޅު ނުވާ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފަ އެވެ.