މޯބައިލް ފޯނުގެ ނަންބަރު ބަދަލުނުކޮށް، ހިދުމަތް ހޯދާ ނެޓްވޯކް ބަދަލުކުރެވޭ ހިދުމަތް ނުވަތަ މޯބައިލް ޕޯޓެބިލިޓީގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގައި މޯބައިލް ޕޯޓެބިލިޓީގެ ހިދުމަތް ތައާރަފް ކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.

ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އާ ގުޅިގެން ދިރާގާއި އުރީދޫއިން "ނަމްބަ ޕޯޓެބިލިޓީ"ގެ ހިދުމަތް މިއަދު ތައާރަފްކުރި ނަމަވެސް މި ހިދުމަތް ދޭން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިހިދުމަތް ތައާރަފްވެގެން ދިއުމާއިއެކު މިއަދަކީ ރާއްޖޭގެ މުއާސަލާތީ ހިދުމަތުގެ ތާރީހުގައި ފާހަގަކޮށްލެވޭ ދުވަހަކަށް ވެގެންދާނެ ކަމަށެވެ.

މިއަދު ތައާރަފް ކުރެވުނު ނަމްބަ ޕޯޓެބިލިޓީގެ ހިދުމަތް ނުވަތަ ފޯނު ނަމްބަރު ބަދަލުކުރުމެއްނެތި ހިދުމަތްދޭ ކުންފުނި ބަދަލުކުރުމުގެ ޕްރޮޖެކްޓަކީ ވަރަށް ދުރާލާ ރޭވިގެން މަސައްކަތް ކުރެވިފައި އޮތް ޕްރޮޖެކްޓެއް ކަމަށެވެ.