އއ. ތޮއްޑޫ ކުރީގެ ކައުންސިލަރެއްގެ މައްޗަށް ވަކި ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމަށް މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

މިމައްސަލާގައި އޭސީސީ އިން ނެރުނު ބަޔާނުގައި ކައުންސިލަރުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދައުވާ ކުރަނީ އއ. ތޮއްޑޫ ކައުންސިލަރަކަށެވެ.

އޭސީސީ އިން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މީގެ 15 އަހަރު ކުރިން ތޮއްޑޫގައި އުޅެ މިހާރު މަރުވެފައިވާ މީހަކަށް އޭރު ދިން ގޯއްޗެއް އޭނާ މަރުވި ފަހުން އެއްވެސް ފަރާތަކަށް ރަޖިސްޓްރީކޮށް ނުދީ އޮއްވާ 2010 ވަނަ އަހަރު އެ ރަށު މީހަކަށް ރަޖިސްޓްރީކޮށް ދިން ކަމަށް ބުނާ މައްސަލާގައި ކަމަށެެވެ.

އޭސީސީ އިން ބުނީ އެކޮމިޝަނުން މިމައްސަލަ ތަހުގީގު ކުރިއިރު މަރުވި މީހާގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗެއް ތޮއްޑޫ މީހަކަށް ދިން ކަމަށް ބުނާ ލިޔުމަކީ ބިމާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރި ލިޔުމެއް ނޫން ކަން އިނގެން އޮންނަ ކަމަށެވެ. އަދި ގޯތި ރަޖިސްޓްރީ ކޮށްދިން މީހާގެ ބައްޕަގެ ތަރިކަ އިން 2628 އަކަފޫޓުގެ ގޯއްޗެއް ލިބިފައިވާކަން ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމެއްގައި ބަޔާންކޮށްފައިވާއިރު ގޯތި ރަޖިސްޓްރީ ކޮށްދިނީ ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ)އާ ހިލާފަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މިބަޔާނުގައިވާ ގޮތުން ގޯތި ރަޖިސްޓްރީކޮށް ދިން ލިޔުމުގައި ސޮއިކުރި ކައުންސިލަރު އެ ގޯތީގެ ރަޖިސްޓްރީ ބަދަލުކުރި އިރު އޭނާގެ ވާރިސުންނަކީ ކޮބައިކަން ޝަރުއީ އެއްވެސް ކޯޓެއް މެދުވެރިކޮށް ބަލާފައެއް ނުވާ ކަމަށާ އަދި އޭނާގެ ވާރިސުންނަކީ ކޮބައިތޯ ބެލުމަށް އިއުލާން ވެސް ކޮށްފައި ނުވާ ކަމަށެވެ.