ށ. ފުނަދޫ ރެސްޓޯރެންޓަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ފުނަދޫ ރެސްޓޯރެންޓެއްގެ ލާރިއަޅާފައި ހުރި ވަތްގަނޑާއި ބައެއް ތަކެތި ވަގަށް ނަގާފައިވާ ކަމަށް ބުނެ ފުނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ލާރިއަޅާފައި ހުރި ވަތްގަނޑާއި ބައެއް ފައިސާ ހޯދާފައިވާއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވަނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ އަތުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

މިމައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުނަދޫ ޕޮލިސް ސްޓޭޝަނުންނެވެ.