ޒުވާނުންނާ ކުޅިވަރާއި މުނިފޫހި ފިލުވުމަށް ހާއްސަ ޗެނެލެއް އުފެއްދުމުގެ އެއްބަސްވުމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ޔޫތް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފި އެވެ.

ޓީވީއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތް މިނިސްޓަރު އަހްމަދު ޒުހޫރު އެވެ. ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް އެވެ.

މިރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ ގާނޫނަކުން މުނިފޫހިފިލުވުމާ ކުޅިވަރު ކުރިއެރުވުމަށް ޗެނެލެއް އުފައްދަން ލާޒިމް ކޮށްފައިވާ މިދަނޑިވަޅުގައި ޕަބްލިކް ސާވިސް މީޑިއާއިން އުފައްދާ މިޗެނެލުން ރާއްޖޭގެ ޒުވާނުންނަށް ގިނަ ގުނަ މަންފާތަކެއް ލިބޭނެ ކަމަށެވެ.

ޒުހޫރު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް ޗެނަލެއް އުފެއްދުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅެމުންދާ ތަފާތު ކުޅިވަރުތައް ވީހާވެސް ގާތުން ރައްޔިތުންނަށް ގެނަސްދިނުން ކަމަށާއި، ވަކި ކުންފުންޏެއް އުފައްދައިގެން ހަމައެކަނި ކުޅިވަރަށް ހާއްސަ ޗެނަލެއް އުފެއްދުމަކީ ވަރަށް ހަރަދު ބޮޑު މަސައްކަތެއް ކަމަށެވެ.

މީގެ އިތުރަށް ޒުހޫރު ވިދާޅުވީ ޕީއެސްއެމްއާއި އެކު ކުޅިވަރަށް ހާއްސަ ޗެނެލެއް އުފެދިގެން ދިއުމަކީ ކުޅިވަރު ކުރިއަރައި މިދާއިރާއިން ކާމިޔާބު ހޯދަން ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބޭނެ ކަމެއް ކަމަށެވެ.

މިރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ވަރަށް ކައިރި މުސްތަގުބަލެއްގައި ޒުވާނުންނަށް އަމާޒުކޮށްގެން އުފައްދާ މިޗެނަލްގެ ހިދުމަތް ފެށިގެން ދާނެ ކަމަށެެވެ. އަދި ޗެނަލްގެ ހިދުމަތް ފަށާއިިރު އިންޓަނެޓުންވެސް މި ޗެނަލް ފެންނާނެ ގޮތް ހަދާނެ ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާ އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ޗެނަލްތަކާއި އެކި މީޑިއަމްތައް ޕީއެސްއެމްއިން އަންނަނީ ތައާރަފް ކުރަމުންނެވެ.