ހުޅުލެއާއި މާލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތް ކުރަނީ އެންވަޔަރުމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)އާ ހިލާފަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހުށަހެޅި މައްސަލަ ކޮމިޓީން މިއަދު ބޭރުކޮށްލައިފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ތިން މެންބަރުން ކަމުގައިވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްއާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.

މިމައްސަލަ މިއަދު ކޮމިޓީއަށް ހުށަހަޅައި ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން މި މައްސަލަ ބަލައިގަތުމަށް ވޯޓް ދެއްވީ އެވަގުތު ކޮމިޓީގައި ތިއްބެވި އަށް މެންބަރުންގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ އިތުރުން ޕީޕީއެމްގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް އެވެ. އެހެންކަމުން ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ މިމައްސަލަ ކޮމިޓީން ބޭރުކޮށްލާފަ އެވެ.