ކެންސަރަކީ މިހާރަކަށް އައިސް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އިތުރުވަމުން އަންނަ ބައްޔެކެވެ. މިބަލިޖެހުމުން އިންސާނާގެ ގައިގައި އުފެދެމުން އަންނަ ގުނަވަންތަކާ މަސައްކަތް ކުރަމުންދާ ގުނަވަންތައް ހުއްޓުމަކަށް އާދެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ރަޒާނާ ފާއިޒް ވިދާޅުވީ މިބައްޔަކީ މައިންބަފައިންނާ ޢާއިލާގެ ފަރާތުންވެސް ވަރުތަވާ ބައްޔަކަށް ވާއިރު މިފަދަ ބަލިތަކަށް ސަމާލުވުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޒިންމާއެއް ކަމަށެވެ.

ރަޒާނާ ވިދާޅުވީ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުން މިބައްޔަކީ ވާރުތަކުރާ ބައްޔެއް ނަމަވެސް މީހާ ދިރިއުޅޭ މާހައުލުން ދިމާވާ ކަމެއްގެ ސަބަބުން ބަލީގެ ފުރުސަތު ބޮޑުވާ ކަމަށެވެ. މިސާލަކަށް ފުއްޕާމޭގެ ކެންސަރު ވާރުތަވުމުގެ ފުރުސަތު އޮންނަ މީހަކު ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެފުރުސަތު އެއަށްވުރެ ބޮޑުވާނެ ކަމަށް ޑރ. ރަޒާނަ ވިދާޅުވި އެވެ.

ކެންސަރުގެ ތަފަތު ވައްތަރުތައްް ހިމެނެއެވެ. އޭގެތެރެއިން ރާއްޖޭގައި އެންމެ ޢާންމު ކެންސަރު ބަލީގެ ބާވަތްތަކަކީ އުރަމަތީގެ ކެންސަރާ އަނގަޔާއި ދުލަށްޖެހޭ ކެންސަރާއި ގޮހޮރުގެ ކެންސަރުގެ އިތުރުން ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ކަމަށް ޑރ ރަޒާނާ ވިދާޅުވި އެވެ. މީގެ ތެރއެިން އަނގައިގެ ކެންސަރު ޖެހުމަށް އެންމެ ބޮޑަށް މަގުފަހިވަނީ ދުންފަތުގެ ބާވަތްތައް ލައިގެން ދުފުމާ، ދުންފަތުގެ އިސްތިއުމާލު ކުރުމާ ޕެކެޓްތަކުގައި ބަންދުކޮށްފައި ހުންނަ ދުފާތަކެތި ބޭނުން ކުރަ މީހުންނަށެވެ. މީގެ އިތުރުން އަނގައިގެ ސާފުތާހިރުކަން ކުޑަވުމުންވެސް އަނގައިގެ ކެންސަރަށް މަގުފަހިވެ އެވެ.

ކެންސަރު ބަލީގެ ޢަލާމާތތްތައް އެހެން ބަލިތަކުގެ ޢަލަމާތްތަކާ ތަފާތެވެ. އެއީ ކެންސަރު ބަލީގެ ޢަލާމާތްތައް ފެންނާނީ އެބަލިޖެހޭ ގުނަވަނަކުން ކަމަށްވާތީ އެވެ. ޑރ ރަޒާނާ ވިދާޅުވި ގޮތުގައިއުރަމަތީގެ ކެންސަރާ ރަހިމުގެ ކެންސަރުން ދުރުވުމަށް ގަވައިދުން ޑޮކްޓަރަށް ދައްކާ ޓެސްޓް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކެންސަރު ބަލީގެ ޢަލާމާތް ތަކަކީ:

* އުރަމަތީ ކެންސަރުނަމަ އުރަމަތީގައި ގޮށެއްލުން ނުވަތަ ހަރުތަންގަނޑެއް ހުރުން، ކުރިން ނުހުންނަ ގޮތަކަށް އުރަމަތީގެ ހަންގަނޑަށް ކުއްލި ބަދަލެއް އައުން ނުވަތަ ރަތްވުމާ ލޭ އައުންފަދަ އަލާމާތްތައް ފެނުން.

* އަގައިގެ ކެންސަރުނަމަ ހުދުކުލައިގެ ފާރު ކޮޅެއް ރަނގަޅުނުވެ ގިނަދުވަސްތަކަކަށް އަނގައިގައި ހުރުން.

* ފުއްޕަމޭގެ ކެންސަރުނަމަ ރޯގާގެ އަސަރު ހުރުމާއެކު، ނޭވާލާން އުނދަގޫވެ، ކަރުން ލޭ އައުން އަދި ކެންސުމާ މޭގަ ރިއްސުން.

* ރަހިމުގެ ކެންސަރުގެ ޢަލާމާތްތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ގިނައިން ލޭ އައުމާ، އުމުރުން މާ މަތިވުމަށްފަހު ކުއްލި ގޮތަކަށް ގިނައިން ލޭއަންނަން ފެށުން އަދި ދަށްބަނޑުގައި ރިއްސުން.

* ޖުމްލަ ގޮތެއްގައި ކޮންމެ ބާވަތެއްގެ ކެންސަރެއް ޖެހުނު ނަމަވެސް އެމީހާގެ ބަރުދަން މާބޮޑަށް ލުއިވެ މީހާ ވަރުބަލިވުމަކީ ކެންސަރުގެ ޢަލާމާތެކެވެ.

ދުނިޔޭގެ އެހެން ޤައުމުތައް ފަދައިން ރާއްޖެއަކީވެސް ކެންސަރުބަލި އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނަ ޤައުމެކެވެ. ކެންސަރު ބައްޔަށް އާސަންދަ މެދުވެރިކޮށް ފަރުވާ ހޯދަމުންދާ މީހުންގެ ދަފްތަރަށް ބަލައިރު ރާއްޖޭގެ 1400 މީހުން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދެ އެވެ. މިމީހުން ވަނީ އެކިފަހަރުމަތިން އާސަންދަ މެދުވެރިކޮށް 5000 ފަހަރު ކެންސަރު ބަލީގައި ފަރުވާ ހޯދާފައެވެ. ޑރ ރަޒާނާ ވިދާޅުވީ ރާއްޖޭގައި ކެންސަރު ބަލި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ މިންވަރަށްވުރެ ދަށްއުމުރުފުރާގެ މީހުންނަށް ކެންސަރު ބަލިޖެހޭ މިންވަރު މަތިވަމުން އަންނަ ކަމަށެވެ. އަދި ކެންސަރު ބަލީގެ އިތުރުން ގައިން ގަޔަށް ނާރާ އެހެނިހެން ބަލިތައް ޖެހޭ އުމުރުފުރާވެސް މިގޮތަށް ދަށްވަމުން އަންނަ ކަމަށެވެ.

ޑރ ރަޒާނާ ވިދާޅުވީ މިގޮތަށް ދިމާވާންޖެހޭ މައިގަނޑު ސަބަބަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި ކެއުމުގެ އާދަކާދައަށް އައި ބަދަލުތައް ކަމަށެވެ. ކުއްޖާ އެންމެ ކުޑައިރުއްސުރެ ތަރުކާރީ އާއި މޭވާ ކެއުމަށް އާދަކުރުވަން ވާނެ ކަމަށް ޑރ. ރަޒާނާ ވިދާޅުވި އެވެ. މިފަދަ ބަލިތަކުން ސަލާމަތްވުމަށް ތައްޔާރީ ކާނާއާއި ކުޑަކުދިންނާ ޒުވާނުން ދުރުކުރަން ޖެހެއެވެ. އަދި ބިޒީ ޝެޑިއުލްގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް ކެއުމުގެ އަދަކާދަ ހަރުދަނާ ކުރަންޖެހެއެވެ. މީގެ އިތުރުން އިންސާނާ ހެލިފެލިވެ އުޅޭ މިންވަރު އިތުރު ކުރުމަށްޓަކައި ކަސްރަތު ކުރުންވެސް މުހިންމެވެ. އަދި ކެންސަރުގެ އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯއްދެވުމަކީ މުހިންމު ކަމެއް ކަމަށް ޑރ. ރަޒާނާ ވިދާޅުވި އެވެ.